ހޮލީވުޑް

"މެލިފިޝެންޓް" ސީކުއެލްގައި ވިލަންއަަކަށް "ޑެޑްޕޫލް"ގެ އެކްޓަރެއް

ޑިޒްނީ އިން 2014 ވަނަ އަހަރު ގެނެސްދިން ފެންޓަސީ އެކްޝަން ފިލްމު "މެލެފިޝެންޓް" ގެ ސީގުއެލް ފިލްމެއް ގެނެސްދޭކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ފުރަތަމަ ފިލްމަށް 758 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ސީގުއެލްގައިވެސް ފެނިގެންދާނީ ފުރަތަމަ ފިލްމުގައި މެލިފިޝެންޓުގެ ރޯލުން ފެނިގެންދިޔަ އެންޖެލީނާ ޖޯލީ އެވެ. އަރޯރާގެ ރޯލުން ފެނިގެންދާނީ އެލީ ފޭނިންގް އެވެ.

ބެލުންތެރިން އެންމެ ކެއްމަދުވެފައި ތިބީ ސީގުއެލްގައި ވިލަންގެ ރޯލުން ފެނިގެންދާނީ ކާކުތޯ ބެލުމަށެވެ. މިހާރު ވަނީ މި ފިލްމުގެ ވިލަންގެ ނަން ހާމަކޮށްފަ އެވެ. ވިލަންއެއްގެ ގޮތުގައި ފެނިގެންދާނީ ފިލްމު "ޑެޑްޕޫލް" އިން ފެނިގެންދިޔަ އެކްޓަރު އެޑް ސްކްރީން އެވެ. ޑެޑްޕޫލްގައި އޭނާ ކުޅުނީ އޭޖެކްސްގެ ރޯލެވެ.

އެޑް 35، "ގޭމް އޮފް ތްރޯންސް" ޓިވީ ސީރީޒްގައިވެސް ފެނިގެންދިޔަ އެވެ. އެ ސީރީޒްގައި އެނާ ކުޅުނީ ޑާރިއޯ ނަހާރިސްގެ ރޯލެވެ.

ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ޖޭމްސް ކެމެރަން އަދި ބެރީ ޖެންކިންސް ޕްރޮޑިއުސްކުރާ ފިލްމު "އަލިޓާ: ބެޓްލް އޭންޖެލް" އިންނެވެ.

މެލެފިޝެންޓުގެ ސީގުއެލް ފިލްމު ޑައިރެކްޓުކުރަނީ "ޕައިރެޓްސް އޮފް ދި ކެރިބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" އަދި "ކޮން ޓިކި" ގެ ޑައިރެކްޓަރު ޖޯޗިމް ރޯނިންގް އެވެ. ޖޯ ރޯތް ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރާނީ ޖެޒް ބަޓާވޯތް އަދި ލިންޑާ ވޫލްވާޓޮން އެވެ.