ވިޔަފާރި

ބީއެމްއެލްގެ އޭދަފުށީ ބްރާންޗް ޒަމާނީކޮށް އާ ހިދުމަތްތަކެއް

Apr 19, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އޭދަފުށީގައި ހުންނަ އެ ބޭންކުގެ ބްރާންޗް ބޮޑު ބަދަލަކާއެކު، އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް، ސެލްފް ސާވިސް ސެންޓަރެއްގެ ގޮތުގައި ހުޅުވައިފި އެވެ.

ބީއެމްއެލްއިން ކުރާ އިންވެސްޓްމަންޓްތައް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބޭންކް އޮފް މިހާރު 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ބޭންކުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އޭދަފުށިގައި ގާއިމްކުރެވުނު އާ ބްރާންޗް ހުޅުވުނީ މިއަދު އެރަށުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި ބޭންކުގެ ކަސްޓަމަރުންނާއި އޭދަފުށީގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. އޭދަފުށީ ބްރާންޗް ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލްމަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގައެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ " އޭދަފުށީގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އޭދަފުށްޓަކީ ވިޔަފާރި އާއި އިޤްތިސާދި ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު މ އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި މާޅޮސް، ދަރަވަންދޫ އަދި ދޮންފަނުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސް މާޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.