ވިޔަފާރި

ބީއެމްއެލްގެ އޭޖީއެމް އަންނަ މަހު 13 ގައި ބާއްވަނީ

Apr 19, 2018

ގައުމީ ބޭންކް، ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ، އޭޖީއެމް އަންނަ މަހުގެ 13 ގައި ބާއްވަން އެބޭންކުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އެ ޖަލްސާއަށް ބީއެމްއެލްގެ ހިއްސާދާރުންނަށް ދައުވަތު ދެމުން މިއަދު އެ ބޭންކުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އޭޖީއެމް އޮންނާނީ މޭ މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓަލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އަދި އެ ޖަލްސާގައި ބައިވެރި ވެވޭނީ، 26 އެޕްރީލް 2018ގެ ނިޔަލަށް ބޭންކްގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ނޫނީ ބަދަލުގައި ފޮނުވާ ފަރާތަކުން ވެސް އޭޖީއެމްއަށް ވަނުމަށްޓަކައި ރަޖިސްޓްރޭޝަންގެ ކަންކަން މޭ 13 ވަނަ ދުވަހުގެ ރޭ 7:00 އިން 8:15 އަށް ހޮޓަލް ޖެންގައި ކުރިއަށް ދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ އޭޖީއެމްގައި ވެސް އޮންނާނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އާ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމާއި އެބޭފުޅުންގެ މުސާރަ ކަނޑައެޅުމާއި އޮޑިޓަރުން ހަމަޖެއްސުން އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާގެ މިންވަރު ފާސްކުރުމެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އޭޖީއެމްއަށް ހުށަހަޅަން ނިންމާފައި ވަނީ، ސާފު ފައިދާގެ ތެރެއިން 118.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށެވެ. އެއީ ހިއްސާއަކަށް 22 ރުފިޔާ އެވެ. މިދިޔަ އަހަރަކީ ވެސް ބީއެމްއެލްއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެބޭންކަށް ވަނީ ސާފު ފައިދާގެ ގޮތުގައި 1.038 ރުފިޔާ ލިބިފަ އެވެ. ބޭންކްގެ ފައިދާ އެއް ބިލިއަން ރުފިޔާގައި ހިފަހައްޓަމުން އަންނަތާ މިއީ ޖެހިޖެހިގެން ދެވަނަ އަހަރެވެ.

ބަދަލުގެ ގޮތުގައި، ނޫނީ ޕްރޮކްސީއެއްގެ ގޮތުގައި އެހެން މީހަކު ފޮނުވަން ބޭނުންވާ ހިއްސާދާރުން ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން ބީއެމްއެލްގެ ހެޑް އޮފީހުގެ ހަވަނަ ފްލޯގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ޕްރޮކްސީ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ޔުނިޓުން ވެސް ފޯމް ލިބޭ އިރު އޮންލައިންކޮށް ބީއެމްއެލްގެ ވެބްސައިޓުން ވެސް ފޯމް ލިބޭނެ އިންތިޒާމް ވަނީ ހަމަ ޖައްސައިފަ އެވެ.

ބީއެމްއެލްގެ އިއުލާންގައިވާ ގޮތުން އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުގެ ބޯޑް މެންބަރަކަށް ވުމަށް ތިން ފަރާތެއް ވަނީ ކުރިމަތިލައިފަ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލީ

  • މުހައްމަދު އަބްދުއް ސައްތާރު، މއ. ޓިއުލިޕްވިލާ
  • އިބްރާހިމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  • އިބްތިޝާމާ އަހުމަދު ސައީދު، މ. އެގްޒީޓާ

މީގެ ތެރެއިން އިބްތިޝާމާ އަކީ މިހާރުވެސް ބީއެމްއެލްގެ ބޯޑްގައި އާންމު ހިއްސާދާރުން ތަމްސީލް ކުރައްވާ މެންބަރެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރަކު ހޮވާނީ ހިއްސާދާރުންގެ މެދުގައި ވޯޓުލައިގެން އެވެ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި ހިމެނުމަށް ސަރުކާރުން ވަނީ ޖުމްލަ އަށް ނަމެއް ފޮނުވައިފަ އެވެ.

ސަރުކާރުން ހަމަޖައްސާ ޑިރެކްޓަރުން

  • ސައީދާ އުމަރު: ބީއެމްއެލްގެ މިހާރުގެ ޗެއާޕާސަން
  • އެންޑްރޫ ހީލީ: ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ
  • މުހައްމަދު ޝަރީފް: ބޭންކްގެ ޑެޕިއުޓީ ސީއީއޯ
  • މުހައްމަދު ލުވޭޒް: ރައީސް އޮފީހުގެ މިނިސްޓަރެއް
  • އަބްދުލް ހާރިސް، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު
  • އައިޝަތު އަރުޝާ، ބީއެމްއެލްގެ މިހާރުގެ ބޯޑް މެންބަރެއް
  • ރާބިހު މުހައްމަދު، އެމްޕީއެލްގެ އިސް މަގާމެއް ފުރުއްވާ
  • ހައްވާ ޝަފްނާ، ވައިފިލާގެ، މާލެ

މިބޭފުޅުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މުޅިން އަލަށް ހަމައްސަނީ ހައްވާ ޝަފްނާ އެވެ. އެހެން ބޭފުޅުން މިހާތަނަށް ވެސް ބީއެމްއެލްގެ ބޯޑްގައި ތިއްބެވި އެވެ. އެހެން އަހަރު ތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ އޭޖީއެމްގައި އާންމު ހިއްސާދާރުން ބޭންކާ މެދު ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހަޅަން ވެސް ފުރުސަތު ލިބޭނެ އެވެ.