ވިޔަފާރި

ރަންދެލި ސާވިސް ޗާޖު މިދިޔަ މަހުވެސް ރެކޯޑް އަދަދެއްގައި

Apr 20, 2018
6

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެ އިން އެންމެ މަތިން މިދިޔަ މަހު ވެސް ސާވިސް ޗާޖު ދީފައިވަނީ ނ. ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ކަމަށް ސާވިސް ޗާޖު ހިސާބުގައި ބުނެފައި އެވެ.

ރިސޯޓުތަކުގެ ސާވިސް ޗާޖު މައުލޫމާތުގައިވާ ގޮތުގައި މިދިޔަ މަހު ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1,483.00 ޑޮލަރު (ގާތްގަނޑަކަށް 22،867ރ.) ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗު މަހު ލިބުނު 1,427.91 ޑޮލަރު (ގާތްގަނޑަކަށް 22،018ރ) އާ ބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ. މި ރިސޯޓުގެ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީ މަހު 2,940.19 ޑޮލަރުގެ ސާވިސް ޗާޖެއް ދީފައިވެ އެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ މަތިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށެވެ. މިދިޔަ މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް 1,367.53 ޑޮލަރު ( ގާތްގަނޑަކަށް 21،087ރ) ލިބުނެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހު ލިބިފައިވާ 1,016.74 ޑޮލަރު (ގާތްގަނޑަކަށް 15،678ރ) އާ އަޅާ ބަލާއިރު 34 ޕަސެންޓް އިތުރުވުމެކެވެ.

އެންމެ މަތިން ސާވިސް ޗާޖު ލިބުނު ރިސޯޓުގެ ލިސްޓުގައި ދެން ހިމެނެނީ ވަން އެންޑް އޮންލީ ރީތި ރަށާއި އަންނަތަރާ ކިހަވަށް ވިލާ އަދި ވޮއްމުލި ރިސޯޓުގެ އިތުރުން ފޯސީޒަން ރިސޯޓް އެވެ.

މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު މަތިވަނީ އެތަނެއްގައި ތިބޭ ޓޫރިސްޓުން ވިޔަފާރި އާއި ހިދުމަތް ލިިބިގަންނަ މިންވަރެއްގެ މަތިންނެވެ.