ހަބަރު

ލޯންޗް އެކްސިޑެންޓްގައި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

  • އޭނާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑީގައި އޮއްވާ
  • މަރުވީ ކުޑަހުވަދޫއަށް ނިސްބަތްވާ ލޯންޗްގެ ކެޕްޓަން
  • މި އެކްސިޑެންޓްގައި ބިދޭސީއެއްވެސް މަރުވެފައިވޭ

ދެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގެއްލުނު މީހާ ހޯދަނިކޮށް، ކަނޑުގެ އަޑީގައި އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ކ ގުޅީ ހުޅަނގުން ހަމޭލު ބޭރުން ހިނގި މި އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނީ އެކްސިޑެންޓުވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކެޕްޓަން، ދ، ކުޑަހުވަދޫ، ކިސްވާ މުހައްމަދު އަހުމަދު އެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސް އޭޑީކޭއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އަހުމަދު ފެނިފައިވަނީ ކަނޑުގެ 45 މީޓަރު އަޑީގައި އޮއްވައި، ކޯސްޓް ގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ލޯންޗުގެ ހުންގާނު ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދެ ލޯންޗް ޖެހި މި އެކްސިޑެންޓް ހިނގީ މާލެ އަތޮޅު ގުޅީގެ ހުޅަނގުން ހަތަރު މޭލު ބޭރުން އެވެ. އެކްސިޑެންޓުގައި ހިނގީ އިތާފުށި 3 ނަމަކަށް ކިޔާ ލޯންޗަކާއި އިތާފުށި 5 ނަމަކަށް ކިޔާ ލޯންޗެއް ޖެހިގެން އެވެ.

ރޭ ހިނގި ނުރައްކާތެރި މި އެކްސިޑެންޓްގައި އިތުރު މީހަކުވެސް ވަނީ މަރުވެފަ އެވެ. އެކްސިޑެންޓްގައި ވަރަށް ބޮޑަށް އަނިޔާވެ ފަރުވާދެމުން ދަނިކޮށް ރޭ މަރުވެފައިވަނީ އެކްސިޑެންޓްވި ލޯންޗެއްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ފަޅުވެރިއެކެވެ. މީގެ އިތުރުން ވެސް އެ އެކްސިޑެންޓްގައި އެކި ވަރުގެ އަނިޔާ ލިބުނު އަށް މީހަކު ރޭ އޭޑީކޭއަށް ގެންދިޔަ އެވެ. ނަމަވެސް އޭގެ ތެރެއިން ދެމީހަކު ފިޔަވާ އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.