ޓައިމްސް މެގަޒިނުން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގެ މި އަހަރުގެ ލިސްޓުގައި ހޮލީވުޑްގެ 14 އަހަރުގެ އެކްޓްރެސް މިލީ ބޮބީ ބްރައުންގެ ނަން ހިމެނިއްޖެ އެވެ.
މިލީ އަކީ މި ލިސްޓުގައި މިހާތަނަށް ހިމެނުނު އެންމެ ހަގު އުމުރުގެ ފަރާތެވެ. އޭނާއާއެކު މި ލިސްޓުގައި ހިމެނޭ އިތުރު މަޝްހޫރު ފަރާތްތަކުގެ ތެރޭގައި އިނގެރޭސިވިލާތުގެ ޝަހީ ދަރިކަލުން ޕްރިންސް ހެރީ އާއި މޭގަން މާކުލް އަދި ރެޕަރު ކާޑީ ބީ ހިމެނެ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ސީރީޒް، "ސްޓްރޭންޖާ ތިންގްސް" އިން ފެނިގެންދާ އެކްޓްރެސް، މިލީއަކީ ގިނަ ބައެއްގެ މެދުގައި މިހާރު މަޝްހޫރު ތަރިއެކެވެ. ސައިންސް ފިކްޝަން އެ ސީރީޒްގައި މިލީ ކުޅެނީ "އިލެވެން" ގެ ރޯލެވެ.
މިހާރު މި ސީރީޒްގެ ދެ ސީޒަނެއް ދައްކާފައިވާއިރު، މިހާރު މި ސީރީޒްގެ ތިން ވަނަ ސީޒަންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިލީ މި ސީރީޒްގައި މަސައްކަތްކުރަން ފެށީ އުމުރުން 12 އަހަރުގަ އެވެ.
މި ލިސްޓުން ޖާގަ ހޯދި އިތުރު ތަރިންގެ ތެރޭގައި ރިހަނާ، ކެޝާ، ޝޯން މެންޑެސް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވެސް ހިމެނެ އެވެ. ޓެނިސް ކުޅުންތެރިޔާ ރޮގާ ފެޑްރާ އާއިި އެކްޓްރެސް ނިކޯލް ކިޑްމަން ވެސް ހިމެނެ އެވެ.
ޓުވިޓާއަށް ބަލާނަމަ މިލީ 2.2 މިލިއަން ފޮލޮވަރުން އެބަ ތިއްބެވެ. އިންސްޓަގުރާމުގައި 16 މިލިއަން ފޮލޮވަރުން އެބަ ތިއްބެވެ.
މިލީ އޭނާގެ ޝޯޝަލް މީޑިއާ އެކައުންޓުތަކުގެ މިދިޔަ އަހަރު ޖުލައިގައި ވަނީ ހަނގާ ކުރުމާއި ދެކޮޅަށް ކެމްޕެއިނެއްވެސް ފަށާފަ އެވެ. އެ ކެމްޕެއިނުގެ ދަށުން ބުލީގެ ޝިކާރައަކަށްވި އަދި ވަމުންދާ އޭނާގެ ފޭނުންނަށް އަންނަނީ ހިތްވަރު ދެމުންނެވެ.
މި ލިސްޓުގައި މިލީގެ ނަން ހިމެނުމުން އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ހަފްތާ މަޖައްލާ، ޓައިމްސް މެގަޒިން އެންމެ މަޝްހޫރުވެފައި ވަނީ ކޮންމެ އަހަރަކު އެ މެގަޒިނުން ދެމުން އަންނަ "ޓައިމް ޕާސަން އޮފް ދި އިޔާ" އެވޯޑާއި ގުޅިގެންނެވެ. މި އެވޯޑު އެންމެ ފުރަތަމަ ދިނީ 1927 ގަ އެވެ. އޭރު މި އެވޯޑު ދިނީ "މޭން އޮފް ދި އިޔާ" ގެ ނަމުގަ އެވެ.
އެ އެވޯޑު ހާސިލުކުރި މީހުންގެ ތެރޭގައި އިނގެރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތް 2 އަދި ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ހިމެނެ އެވެ.