22 އަހަރަށްފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ އެކްލަބްގެ ކޯޗުގެ މަގާމު ދޫކޮށްލަން ނިންމައި އެކަން އޭނާ މިއަދު އިއުލާންކޮށްފި އެވެ.
ނަވާރަސްތޭކަ ނުވަދިހަ ހަވަނަ އަހަރު އާސެނަލް އާ ގުޅުނު ވެންގާ މިސީޒަނަށްފަހު ކްލަބް ދޫކޮށްލާނެކަން އިއުލާންކޮށްފައި ވަނީ އާސެނަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގަ އެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އާސެނަލް އާއެކު އިތުރު ދެއަހަރަށް ވެންގާ ކޮންޓްރެކްޓް އާކުރިއިރު މިއެއްބަސްވުން ނިމުމުގެ ކުރިން އޭނާ ކްލަބް ދޫކޮށްލާނެ ކަމުގެ އަޑުތަށް ވަނީ އަރާފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކަށް ވެފައިވަނީ އާސެނަލް ލީގުގައި ނެރެފައިވާ ނަތީޖާ އެވެ.
މިނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވެންގާ ބުނެފައިވަނީ މިނިންމުން ނިންމާފައިވަނީ ކްލަބާއެކު މަޝްވަރާކޮށް އަދި ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. ސީޒަނަށްފަހު ކޯޗުގެ މަގާމު ދޫކޮށްލުމަކީ އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ވެންގާ ވަނީ ބުނެފަ އެވެ.
އޭނާ ވަނީ ދެތަށި އެކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. މިއާއެކު ވެންގާ ވެގެން ގޮސްފައިވަނީ ކްލަބްގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކޯޗަކަށެވެ. 2002 ވަނަ އަހަރުވެސް ދެތަށި އާސެނަލްއަށް ކާމިޔާބުކޮށްދިނުމަށްފަހު ވެންގާ ވަނީ ޖެހިގެން އައި އަހަރު އާސެނަލް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްދީފަ އެވެ. 2006 ވަނަ އަހަރު ވެންގާ ވަނީ އާސެނަލް ޗެމްޕިއަންސް ލީގު ފައިނަލަށް ގެންގޮސްދީފަ އެވެ. ނަމަވެސް ފައިނަލުގައި އެޓީމު ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ.
ދެހާސް ހަވަނަ އަހަރަށްފަހު ވެންގާ އާސެނަލްގައި ތަހައްމަލު ކޮށްފައިވަނީ ދަތި ދުވަސްތަކެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން 2006 ވަނަ އަހަރަށްފަހު އާސެނަލްއަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ ހަމައެކަނި އެފްއޭ ކަޕެވެ. ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު އާސެނަލް ފަހަކަށް އައިސް ޗެމްޕިއަންސް ލީގުގައި ނެރެފައިވަނީ ވަރަށް ދައް ނަތީޖާ ތަކެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ބެޔާން މިއުނިކް އަތުން 2-10 އެގްރިގެޓް ނަތީޖާއަކުން އާސެނަލް ބަލިވި މެޗެވެ.
މިފަދަ ނަތީޖާ ތަކުގެ ސަބަބުން އާސެނަލްގެ ސަޕޯޓަރުން ވަނީ ވެންގާ ކްލަބް ދޫކޮށްލުމަށް ގޮވާލާފަ އެވެ. 2018 ވަނަ އަހަރު ލީގުގައި މިހާތަނަށް އާސެނަލްއަށް މޯޅެއް ލިބިފައި ނުވާއިރު އެޓީމު އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކަށް ވަންނަ ސަޕޯޓަރުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް ދައްވެފަ އެވެ.