ހަބަރު

ތިމަރަފުށީގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ބޯކޮށް ވާރޭވެހި ތިމަރަފުށީގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ގެއްލުންތަކެއް ވެފައިވާތީ ގެއްލުމުގެ ބަދަލު ހޯދައިދޭން ފުލުހުންނާއި ގުޅިގެން ކައުންސިލުން ސާވޭއެއް ފަށައިފި އެވެ.

އިއްޔެއިން ފެށިގެން ގޭގެއަށް ގޮސް ވިއްސާރައިގެ ސަބަބުން ލިބިފައިހުރި ގެއްލުން ބެލުމަށް މަސައްކަތް ފަށާފައިވާއިރު، އެކަން ނިންމައި އަންނަ އާދީއްތަ ދުވަހު ޑިސާސްޓާ މެނޭޖްމަސްޓް ސެންޓަރަށް ހުށަހަޅާނެ ކަމަށް ތިމަރަފުށި ކައުންސިލުން ވަނީ ބުނެފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ތިމަރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިބްރާހިމް ވިދާޅުވީ، އަންގާރަ ދުވަހާއި ބުދަ ދުވަހު ރަށަށް ކުރި ވިއްސާރައާ ގުޅިގެން ގެތަކަށް ފެންވަދެ ހިފައި ގެންގުޅޭ ގިނަ އަދަދެއްގެ ތަކެއްޗަށް ވެސް ގެއްލުންވި ކަމަށެވެ. އަދި ބައެއް ގެތަކުގެ ފާރު ކަނޑައިގެން ގޮސް ގެތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށާއި ގެއްލުން ލިބުނު ގެތަކުގެ އަދަދު 30 އާ ގާތްކުރާނެ ކަމަށެވެ.

ތިމަރަފުށީގައި ފެންބޮޑުވި ނަމަވެސް ފެންގަނޑު މިހާރު ވަނީ ހިނދިފަ އެވެ.

"ފުލުހުންނާ ވެސް ގުޅިގެން އަޅުގަނޑުމެން މިދަނީ ވި ގެއްލުންތައް އެސެސް ކުރަމުން. އޭރުން އާދީއްތަ ދުވަހު ގެއްލުމުގެ ބަދަލު ހޯދަން ޑިސާސްޓާ މެނޭޖްމަންޓަށް ހުށަހަޅާނަން،" ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގެ ގިނަ ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ތިމަރަފުއްޓަށް ވެސް އަދިވެސް ވާރޭ ވެހެ އެވެ. ނަމަވެސް ރަށުގައި ބޮޑުވި ފެންގަނޑު މިހާރު އޮތީ ހިނދިފަ އެވެ.