ކުޅިވަރު

ވެލެންސިއާ ބަލިކޮށް ގްރީން ހަޔަކަށް

ކުލަބު ވެލެންސިއާގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު ގްރީން ސްޓްރީޓުން ތާވަލުގެ ހަ ވަނަ މަގާމަށް ޖެހިލައިފި އެވެ.

މި މެޗަށް ނިކުތް އިރު، ލީގް ތާވަލުގެ ފުލުގައިވެސް އޮތީ މި ދެ ޓީމެވެ. ނަމަވެސް ގްރީން މެޗު ކާމިޔާބު ކޮށް އަށް ޕޮއިންޓް ހޯދައި ޖުމުލަ އަށް ޕޮއިންޓް ހޯދި އެވެ. ކުރިން ހަ ވަނައިގައި އޮތް ޔުނައިޓަޑް ވިކްޓަރީ މިހާރު ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގްރީންއިން ވަނީ ތިން ލަނޑު ޖަހާފަ އެވެ.

މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، ގްރީންގެ އާދަމް އިމްރާން ވަނީ ވެލެންސިއާގެ ގޯލް ހުޅުވާފަ އެވެ. ގްރީންގެ ކުޅުންތެރިން އޭރިއާ ތެރެއަށް ނަގައިދިން ހުރަސް އިމްރާން ގޯލް ތެރެއަށް ފޮނުވާލީ ކޮންޓްރޯލް ކޮށްލުމަށް ފަހު އެވެ. ބޯޅަ އޭރިއާ ތެރެއަށް ހުރަސް ކޮށްދިނުމުގެ ކުރިން ވެލެންސިއާގެ ޑިފެންޑަރުންނަށް ބޯޅަ ދިފާއު ކުރަން ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް އެ ގޯލް ޖަހަން މަގު ފަހިވީވެސް ވެލެންސިއާގެ ޑިފެންސަށް ބޯޅަ ކްލިއާކޮށް ނުލެވުމުންނެވެ.

ދެ ވަނަ ބޯޅަ ޔޫކްރޭންގެ ފޯވަޑް ރޮލޭންޑް ރޮސޮލް 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ވެލެންސިއާގެ ކީޕަރު ޖޫން ކޮޗީއަށް ހެދުނު މިސްޓޭކަކުންނެވެ. ގްރީންގެ ހާފުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ވެލެންސިއާގެ ބޯޅަ އޭރިއާ އާ ދިމާލަށް އެއްސާލި ބޯޅަ ދިފާއު ކުރަން ވެލެންސިއާގެ ކީޕަރު ޖޫން ކޮޗީވެސް ނިކުތެވެ. ނަމަވެސް ކޮޗީއަށް ފުރުސަތު ނުދީ ބޯޅަ ހޯދީ ރޮސެލް އެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

ގްރީންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ސަމްދޫހް މުހައްމަދެވެ. ގްރީންގެ އިލިއާ ފޮނުވާލި ބޯޅަ ކީޕަރު ޖޫން ކޮޗީ ދިފާއު ކުރި ބޯޅަ ރީބައުންސް ވެގެން ނިކުތީ ބޭރަށެވެ. ކޮޗީ ދިފާއު ކުރުމުން ނިކުތް ބޯޅަ އަށް ބާރު ސްޕީޑްގައި އައިސް ސަމްދޫހް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ގްރީންގެ ހަތަރު ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ. އޭގެ ފަސް މިނެޓް ފަހުން ރަސެލް ވަނީ ގްރީންގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.