ހަބަރު

ކަރުގައި ކުންނާރު އޮށެއް ތާށިވި ކުޑަކުއްޖަކު މަރުވެއްޖެ

ކުންނާރު ކަނިކޮށް އޮށެއް ކަރަށް ގޮސް ކަރުގައި ތާށިވެ ނޭވާ ނުލެވިގެން ހަ އަހަރުގެ އަންހެން ކުއްޖަކު ނ. ކެނދިކުޅުދޫއިން މަރުވެއްޖެ އެވެ.

މިރޭ އިރާކޮޅު މަރުވެފައިވަނީ އެރަށު ގޮނޑުމަތީގެ އާގެ، އައިޝަތު އާލާ އަންވަރު، 6 އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ސޮއްފަތު އަހުމަދު "އަވަސް" އަށް ވިދާޅުވީ، އާލާ މަރުވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަރުތެރޭގައި ކުންނާރު އޮށެއް ތާށިވެ، އޮށް ނެގުމަށް ހޮސްޕިޓަލަށް ގެންގޮސްގެން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

"ކުންނާރެއް ނުވަތަ ކުންނާރު އޮށެއް ކަރުތެރޭގައި ތާށިވެގެން ކުއްޖާ ނިޔާވީ. ހަށިގަނޑު އަދިވެސް އޮތީ ކެނދިކުޅުދޫ ސިއްހީ މަރުކަޒުގައި،" ސޮއްފަތު ވިދާޅުވި އެވެ.

ކުންނާރު އޮށް ކަރުތެރޭގައި ތާށިވެގެން ހަ އަހަރުގެ އާލާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ.