ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތައްވެސް ކުޅެމުން އަންނަ އެކްޓަރު، އިރްފާން ހާންގެ ފިލްމުތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން އަބަދުވެސް ލިބެނުން އަންނަ ފިލްމުތަކެވެ. އިރްފާންގެ ކުރިއަށް އޮތް ހޮލީވުޑްގެ އާ ފިލްމު "ޕަޒުލް"ގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.
އިރްފާން އާއެކު ލީޑުން ކެލީ މެކްޑޮނާލްޑް ފެނިގެންދާ މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ ދިރިއުޅުމުގައި އެއްވެސް އުއްމީދެއް ނެތި ދިރިއުޅެމުންއައި އަންހެނަކު، ޖިގްސޯ ޕަޒުލްއެއް ފުރަތަމަ ފަހަރަށް ރޭވުމުން އޭނާ ދިިރިއުޅުމަށް ކުރާ އާ އުއްމީދުތަކާއި ބެހޭގޮތުންނެވެ. އެގްނިސް ކިޔާ އެ އަންހެން މީހާގެ ރޯލުން ފެނިގެންދަނީ ކެލީ އެވެ. ކެލީއަކީ އަންބެއްގެ އިތުރުން މަންމަ އެކެވެ.
ފިލްމުގައި ކެލީ އާއި އިރްފާން ދިމާވާނީ އެކަހަލަ ގިނަ ޕަޒުލްތަކެއް ރޭވުމަށް އުޅެނިކޮށެވެ. އެ ދެމީހުން އެކުގައި ޕަަޒުލް ރާވާ މުބާރާތެއްގައި ބައިވެރިވެސްވެ އެވެ. ކެލީގެ ފިރިމިހާ އެކަމާއި ދެކޮޅު ނަމަވެސް އޭނާ އެ މުބާރާތުގައި އިރުފާނާއެކު ބައިވެރިވެ އެވެ. އިރްފާން ފެނިގެންދަނީ ވިޔާފާރީ ވެރިއްގެ ރޯލުންނެވެ. މި ދެމީހުންގެ ގުޅުން ރަހުމަތްތެރިކަމުގެ އިތުރުން އެއަށްވުރެ މަތީ ގުޅުމަކަށް ބަދަލުވާތަންވެސް ޓްރެއިލާ އިން ފެނެ އެވެ.
ޕަޒުލް ވަނީ މިއަހަރުގެ ސުންޑޭސް ފިލްމު ފެސްޓިވަލުގައިވެސް ދައްކާފަ އެވެ. އެ ފެސްޓިވަލުގައި ފިލްމަށް ރަނގަޅު ރިވިއުސްތަކެއް ލިބިފައިވެ އެވެ.
ހޮލީވުޑް ރިޕޯޓާ އިން ފިލްމާއި ބެހޭގޮތުން ބުނެފައި ވަނީ މި ފިލްމުގައި އިރްފާންގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމަށެވެ. މި ފިލްމުގެ ސަޕޯޓިންގް ކާސްޓަށްވެސް ހޮލީވުޑް ރިޕޯޓާއިން ތައުރީފުކޮށްފައިވެ އެވެ. ވެރައިޓީން ބުނެފައި ވަނީ، "ޕަޒުލްއަކީ އެމެރިކާގައި ބްލޮކްބާސްޓާ ފިލްމުތައް އުފެއްދުމުގައި މަދުވާ ބައި،" ކަމަށެވެ.
ޕަޒުލްއަކީ 2010 ވަނަ އަހަރު ނިކުތް އާޖެންޓީނާގެ ފިލްމެއްގެ ރީމޭކްއެކެވެ. މި ފިލްމު ޑައިރެކްޓުކުރީ މާކް ޓާޓަލްޓޮބް އެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަން ފަށާނީ އަންނަ ޖުލައި މަހުގެ 13 ގަ އެވެ.