ކުޅިވަރު

ނިއުގެ ޑޮމެސްޓިކް ރޭސް ވިކްޓަރީން ނިމުމަކަށް ގެނެސްފި

ފުޓްބޯޅައިގައި ކުރީގެ އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާ، ނިއުރޭޑިއަންޓާ އާއި ވިކްޓަރީ ކުޅުނު މެޗުގައި، ނިއުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޑޮމެސްޓިކް ސީޒަންގައި ބަލި ނުވެ ނިއު އިން ދަމަހަމައްޓަމުން އައި ރޭސް ވިކްޓަރީން ނިމުމަކަށް ގެނެސްފި އެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު، ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 2-0 ން ބަލިވި ފަހުން، ޑޮމެސްޓިކް މެޗެއްގައި ނިއު ބަލިވި ފުރަތަމަ މެޗެވެ.

އެ މުއްދަތުގައި އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗަކުން ނިއު ވަނީ މޮޅުވެފަ އެވެ. ނިއު ވަނީ މިއަހަރު މާލޭ ލީގްގެ ފުރަތަމަ ބުރުގައި އެ ޓީމު ވަނީ ކުލަބު އީގަލްސް އަތުން އެއްވަރު ވެފަ އެވެ. އެއީ މި މުއްދަތު ތެރޭގައި ޑޮމެސްޓިކް މެޗެއްގައި ނިއު އަށް މޮޅު ނުވެވުނު ހަމައެކަނި މެޗެވެ.

ކުރީގެ އެންމެ ބޮޑު ވާދަވެރިޔާގެ އަތުން ނިއު ބަލި މިވީ ދޮޅު އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން އެންމެ ފަހުން ނިއު އަތުން ވިކްޓަރީ މޮޅުވީ 2016 ވަނަ އަހަރުގެ ދިވެހި ލީގްގެ ދެ ވަނަ ބުރުގަ އެވެ. އެ މެޗުންވެސް ވިކްޓަރީ މޮޅުވީ 2-1 ނެނވެ.

ރޭ ގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ވިކްޓަރީ އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 32 ވަނަ މެޗުގައި ކާމިޔާބު ކުރީ ސިމޯން ޓިބޯރު އެވެ.

ވިކްޓަރީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އަހްމަދު ނާޝިދު (ނާއްޓޭ) އެވެ. އެ ގޯލް ޖެހުމުގައި ނާއްޓޭގެ ސްޕީޑް އޭނާ ވަރަށް ބޮޑަށް ބޭނުން ކުރި އެވެ. ނިއުއިން އުފެއްދި ހަމަލާއެއް ވިކްޓަރީގެ ޑިފެންސުން ދިފާއު ކުރުމުން ނާއްޓޭއަށް ބޯޅަ ލިބުނީ ވިކްޓަރީގެ ހާފުގެ މެދެއްހާ ހިސާބުންނެވެ.

ބޯޅަ ހިފައިގެން ދުވަމުމުން ދުވަމުން އައިރު ނިއުގެ ތިން ޑިފެންޑަރުންވެސް އޭނާ ހުއްޓުވުމަށް އޭނާޣެ ފަހަތުން ދުވަމުން ދިޔަ އެވެ. ޕެނަލްޓީ އޭރިއާތެރެަށް އޭނާ ވަނީ ނިއުގެ ކީޕަރު އިމްރާން މުހައްމަދުވެސް ނައްޓާ ލުމަށް ފހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ހުހަށް އޮތް ނިއުގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ނިއުގެ ލަނޑު 73 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން ކާމިޔާބު ކުރީ، މިދިޔަ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ނިއު އަށް ބަދަލުވި އިބްރާހިމް އަތީގް ހަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ.