އާ ގާނޫނުއަސާސީއާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ތައިލެންޑުގެ އަސްކަރީ ސަރުކާރުން ނިންމުމާ ގުޅިގެން އެ ގައުމުގައި ބާއްވަން އުޅުނު އާއްމު އިންތިހާބު ފަސްކުރަން ޖެހިއްޖެ އެވެ.
ކުރިން އޮތް ގޮތުން އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އާއްމު އިންތިހާބު ބާއްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. މިއީ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޔިންލަކް ޝިނަވަޓުރާގެ ސަރުކާރު މިދިޔަ އަހަރުގެ މެއި މަހު ވައްޓާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވި ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ.
އެހެން ނަމަވެސް، އަަސްކަރީ ސަރުކާރުން މިހާރު ނިންމާފައި ވަނީ އިންތިހާބުގެ ކުރިން، އާ ގާނޫނުއަސާސީއާ މެދު އާއްމުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. އެ ވޯޓު ނެގުމުގެ ކުރިން، އާ ގާނޫނުއަސާސީ ބަލައިގަތުމަށްޓަކައި އަސްކަރީ ސަރުކާރުގެ ނިންމުންތައް ނިންމާ މައި ކޮމިޓީގެ ބައްދަލުވުމެއް އަންނަ އޮގަސްޓު މަހުގެ 6 ގައި ބާއްވާނެ އެވެ. އެ އަށް ފަހު، އާ ގާނޫނުއަސާސީގެ 47 މިލިއަން ކޮޕީ އާއްމުންނަށް ބަހަން ޖެހެ އެވެ. އެ މަސައްކަތް ނިންމުމަށް ފަހު ހިޔާލު ހޯދުމުގެ ވޯޓު ނެގޭވަރު ވާނީ މަދުވެގެން ހަ މަސްދުވަސް ފަހުންނެވެ. އެހެންވެ، އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އިންތިހާބު ބޭއްވޭ ވަރެއް ނުވާނެ އެވެ.
އާ ގާނޫނުއަސާސީގައި ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކުދި ޕާޓީތަކަށާއި ކޯލިޝަން ސަރުކާރުތަކަށް ކުރިއަށް އޮތް ތަނުގައި އިސްކަންދިނުމާއި އިންތިހާބު ނުކުރާ މެމްބަރުން ކޮންޓްރޯލް ކުރާ ގޮތަށް ގާނޫނު ހަދާ މަޖިލީހުގައި މަތި ގެއެއް ހެދުމުގެ އިތުރަށް، ސިޔާސީ މީހުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެން ކޮންމެ މީހަކު ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންކުރުމުގެ ބާރު މަޖިލީހަށް ދިނުން ހިމެނެ އެވެ.
އެ ބަދަލުތައް އަމާޒުކޮށްފައި ވަނީ، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ނުފޫޒު ކަނޑުވާލުމަށެވެ. ތަކްސިންގެ ސަރުކާރު ވެސް ސިފައިން ނުކުމެ ބަޣާވާތަކުން ވަނީ 2007 ވަނަ އަހަރު ވައްޓާލާފަ އެވެ. އޭގެ އެއް އަހަރު ފަހުން ތަކްސިން ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، ޝިނަވަޓުރާގެ އާއިލާ އަކީ ތައިލެންޑުގެ ސިޔާސީ މައިދާނުގައި އަދިވެސް ނުފޫޒު ގަދަ ބައެކެވެ