ފްރާންސްގެ އާސެން ވެންގާ، އާސެނަލްގެ ކޯޗު ކަމާ ހަވާލުވީ، 1996 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރީ ޖަޕާންގެ ނަގޯޔާ ގްރަމްޕަސްގެ ކޯޗަކަށެވެ. އާސެނަލްއާ ހަވާލުވާން އިންގްލެންޑަށް އޭނާ ދިޔައިރު، އިނގިރޭސި ފުޓްބޯޅައަށް އޮތީ އޭގެ ޒާތުގައި ބަދަލެއް ބޭނުންވެފަ އެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ ކޯޗުގެ ތެރެއިން "އޭ" ލައިސެންސްވެސް އޮތީ މަދު އަދަދެއްގެ ކޯޗުންގެ އަތުގައެވެ. ނަމަވެސް ވެންގާ އަތުގައި އިކޮނަމިކްސް ދާއިރާއިން ޔުނިވަސިޓީ ޑިގްރީއެއް އޮތެވެ. އޭނާ އަކީ ކިޔަވައިގެން ހުރި މީހެއް ކަމަށްވުމުން އެ ހާލަތުން ދެމިގަންނަން ފަސޭހަ ވެގެން ދިޔަ އެވެ.
އޭރު ވެންގާއަށް އާސެނަލްގެ ޗޭންޖިން ރޫމުގައި ކިޔާ އުޅެނީ "ޕްރޮފެސާ" ގެ ނަމުންނެވެ. އެއީ އޭނާ އަތުގައި އޮންނަ އިކޮނަމިކްސް ޑިގްރީއަށް ނިސްބަތް ކޮށެވެ. ހަމަ ހަގީގަތުގައިވެސް އޭނާވީ ޕްރޮފިސަރަކަށެވެ. އޭނާގެ ފުރަތަމަ ޕްރެސް ކޮންފަރެންސްވެސް ޔުނިވަސިޓީގެ މޮޑިއުލެއްގެ އެއް ކުލާހެއްގެ ދިގުމިނަށް ދެމިގެން ދިޔަ އެވެ. ފަންސާސް މިނެޓަށް ދިގު ދެމިގެން ދިޔަ ނޫސް ކޮންފަރެންސާ ބެހޭގޮތުން އެ އިވެންޓް ކަވަރު ކުރަން ދިޔަ ޓައިމްސް ސްޕޯޓްސްގެ މިހާރުގެ ޗީފް ފުޓްބޯލް ރައިޓާ ހެންރީ ވިންޓާ ބުނެފައި ވެއެވެ.
"ޑޭވިޑް ޑީން [އާސެނަލްގެ ކުރީގެ ވައިސް ޗެއާމަން] ދައުވަތު ދިން ނުވަ ކޮރޮސްޕޮންޑެންޓުންނަށް، ހައިބަރީ [އާސެނަލްގެ ކުރިގެ ސްޓޭޑިއަމް] ގެ ބޯޑް ރޫމަށް 1996 ގައި ވެންގާއާ ބައްދަލު ކުރަން، 50 މިނެޓް ވަންދެން އާސެން ވާހަކަ ދެއްކި،" ހެންރީ ވިންޓާ ބުނެފައި ވެއެވެ.
"އޭނާގެ އެޓޭކިން ސްޓައިލްގެ ވާހަކަ ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން އަހަރެމެން ތިބިން، އޭނާ އަކީ ނިއުޓްރިޝަން އާއި އަދި މެޗަށް ސިކުނޑި ތައްޔާރު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާ މީހެއް އޭއެފްސީގެ ކޮމިޔުނިޓީ ކުލަބަކުން އޭނާ އައީ ވިޝަނަރީ ހިޔާލުތަކަކާއެކު."
އިނގިރޭސި ފުޓްބޯޅައިގެ މާހައުލުގެ ތެރެއަށް ވެންގާ ނޭވާލާން ފެށީ ވަރަށް ތާޒާ ކަމާއެކުއެވެ. އާސެނަލްގެ ފުޓްބޯޅަ ސްޓައިލްގެ އިތުރުން އިނގިރޭސި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނައި މީހަކަށް އޭނާ ވާނެ އެވެ. އޭނާގެ ފުޓްބޯޅަ ފިލޯސަފީ އަހަރުން އަހަރަށް ދިޔައީ ކުރި އަރުވަމުންނެވެ.
ވެންގާ ވަނީ އެފްއޭކަޕް ހަތް ފަހަރު ހޯދާފަ އެވެ. ޕްރިމިއާ ލީގް ތިން ފަހަރު ހޯދާފަ އެވެ. އޭގެ ތެރޭގައި ސީޒަންގެ އެއްވެސް މެޗަކުން ބަލި ނުވެ ހޯދި ކާމިޔާބަކީ އަދި މިހާތަނަށްވެސް އިނގިރޭސި ފުޓްބޯޅައިގައި މުގުރާ ނުލެވި އޮތް ބޮޑު ރެކޯޑެކެވެ. އޭނާގެ ވާދަވެރިންނާއެކުވެސް އޮތީ ޕްރޮފެޝަނަލް ގުޅުމެކެވެ. ވާދަވެރިންނާ ދެކޮޅަށް ކުޅެން ޖެހުނަސް އޭނާގެ ގޭމް ސްޓައިލް ރީތި ގޮތުގައި ދަމަހައްޓަމުން ދިއުމުން އިނގިރޭސި ފުޓްބޯޅައަށްވެސް މަގުބޫލުކަން ލިބެމުން ދިޔަ އެވެ.
އާސެނަލްގެ ކުރިގެ ސްޓޭޑިއަމް ހައިބަރީ ދޫކޮށް އާސެނަލްގެ މިހާރުގެ ސްޓޭޑިއަމް އެމިރޭޓްސްއަށް ބަދަލުވުމަށް އޭނާ އެހީތެރިވެ ދިނެވެ. އާ ސްޓޭޑިއަމްގެ ހަރަދުތައް މުޅިން ހަލާސް ކުރުމަށް އާސެނަލް އަށް އުނދަގޫތައް ކުރިމަތިވި އެވެ. އޭރު ޗެލްސީ އާއި އެހެން ކުލަބުތަކުން ދިޔައީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ. އާސެނަލްގެ ބިލްތަކަށް ފައިސާ ދައްކަންް ދަތިވެގެން ދިޔައިރުވެސް އާދައިގެ ބަޖެޓަކުން އާސެނަލް ޗެމްޕިއަންސް ލީގަށް ގެންގޮސްދިނެވެ.
އާސެނަލްގައި ފަހު ދެ އަހަރު ވެންގާއަށް އުނދަގޫ ކުރިމަތިވި އެވެ. ޗެމްޕިއަންސް ލީގްގެ ޖާގަ ގެއްލުނެވެ. އެކަމާ ގުޅިގެން ވެންގާއަށް ފާޑު ކިޔުން އަމާޒުވިއެވެ. އަދި އޭނާ ވަކި ކުރުމަށް ގޮވާލަމުންދިޔަ އަޑުތައް މި ދެ އަހަރު ވަރަށް ބޮޑަށް ވަނީ ގަދަ ވެފަ އެވެ. އޭނާ އަމިއްލައަށް ކުލަބު ދޫކޮށްލަންް ނިންމުމުން، އޭނާ އާ ދެކޮޅަށް އަޑު އުފުލި ފަރާތްތަކުންވެސް އޭނާގެ ހިދުމަތް ފާހަގަ ކުރީ ޝުކުރުވެރި ކަމާއެކު އެވެ.
އެންމެ ކާމިޔާބު ކޯޗުންގެ ކެޓެގަރީގައި ވެންގާ ހިމެނެނީ މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަންގެ ފަހަތުން ދެ ވަނައިގަ އެވެ. ނަމަވެސް ވެންގާ އާސެނަލް ހިންގީ އިންގިލާބީ ދެ ބަދަލު ގެންނަމުންނެވެ.
ފުރަތަމަ އިންގްލާބަކީ އާސެނަލްއަކީ އިނގިރޭސި ފުޓްބޯޅައިގައި ކާމިޔާބު ކުލަބަކަށް ހެދުމެވެ. ގިނަ ކާމިޔާބުތަކެއް އެ ކުލަބަށް ހޯދައިދިނެވެ. ދެވަނަ ބަދަލަކީ އާސެނަލްގެ ކުރިމަގަށްޓަކައި ކުޅުންތެރިން ބިނާ ކުރުމަށް އެޅި ފައުންޑޭޝަނެވެ.
އަންނަ ސީޒަނުން ފެށިގެން އެހެން ކޯޗެއް އާސެނަލްއަށް އަންނާނެއެވެ. ނަމަވެސް ވެންގާ ބިންގާއެޅި ފިލޯސަފީ ބަދަލެއް ނުވާނެ އެވެ. އެހެން ކޯޗަކު އަޔަސް މަސައްކަތް ކުރާނެ ކަމަށް ބެލެވެނީ ވެންގާ ބިނާކުރި ސިސްޓަމުގެ މައްޗަށް ކަމަށް ބެލެވެއެވެ.
ވެންގާ ދެން ފެންނާނީ ކޮން ވަޒީފާއަކުން
އާސެނަލްގެ ކެރިއާ ނިންމާލުމަށްފަހު ގައުމީ ޓީމަކަށް ކޯޗް ކޮށްދޭން ބޭނުންވާ ކަމަށް ވެންގާ ކުރިން ވަނީ ބުނެފަ އެވެ. މީގެކުރިން ބައެއް މީޑިއާތަކުން ވަނީ އެކި ގައުމީ ޓީމުތަކާ ގުޅުވައި ވެންގާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ގައުމު ފްރާންސްގެ ކޯޗަކަށް ވެންގާ ޝައުގުވެރިވާ ކަމަށްވެސް މީޑިއާތަކުން ވާހަކަ ދެއްކި އެވެ. އަދި އިންގްލެންޑުން ވެސް އެގައުމުގެ ގައުމީ ޓީމަށް ވެންގާގެ އެހީ ހޯދަން ބޭނުން ވެގެން އުޅުނު ކަމަށްވެސް ވާހަކަ ދެކެވުނެވެ.
"ފަހަރެއްގައި ވެދާނެ ކަމެއް ތީ، ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ގައުމީ ޓީމަކުން ފެނިދާނެ، ،" ބީއިން ސްޕޯޓްސް އަށް ނޮވެމްބަރު މަހު ދިން އިންޓަވިއުގައި ވެންގާ ބުނެފައި ވެއެވެ. "ކުލަބު ފުޓްބޯޅައިގައި އަބަދު އުޅެން އަހަރެންގެ ޖިސްމާނީ ބާރު ބަލިކަށިވާ ދުވަހެއް އަތުވެދާނެ އެހެންވެ އަހަރެން ގައުމީ ޓީމަކާ ހަވާލު ވެދާނަން، އެނގޭނެ ފަދައި އަހަރެންގެ ދިރިއުޅުން ގުޅިފައި ވަނީ ފުޓްބޯޅަ އަށް."
ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި ގައުމީ ޓީމެއްގެ ބެންޗުން ފެނިދާނެތޯ ސުވާލު ކުރުމުން ވެންގާ،68 ބުނީ އެއީ ވެދާނެ ކަމެއް ކަމަށެވެ.