ދުނިޔެ

17 މީހުންނާ ރަށްޓެހިވެގެން އުޅުނު ޗައިނާ މީހާ މަކަރު ހެދުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

May 20, 2015

ލޯބީގެ ގޮތުން 17 މީހުންނާ އެއްފަހަރާ ރަށްޓެހިވެގެން އުޅެނިކޮށް މިދިޔަ މަހު ފަޅާއެރި ޗައިނާ މީހާ، ފައިސާ އަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެެވެ.

ހުނާން އަވަށަށް ނިސްބަތްވާ، ޔުއާން ނަމަކަށް ކިޔާ މީހާ ޗައިނާ އާއި ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން މިދިޔަ މަހު ޖާގަ ހޯދީ، އޭނާ ރަށްޓެހިވެގެން އުޅުނު 17 އަންހެނުން އިއްތިފާގަކުން އެއް ތަނަކުން ބައްދަލުވެވުމުންނެވެ. އެހެން ނޫން ނަމަ، އޭނާ އަދިވެސް އުޅޭނީ އެ މީހުންނާ ނުވަތަ އެ އަށް ވުރެ ވެސް ގިނަ ބަޔަކާ އެއްފަހަރާ ރަށްޓެހިވެގެންނެވެ.

އެއީ މަގުމަތީގެ އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ޔުއާން ގެންދިޔަ ހޮސްޕިޓަލުން، އޭނާގެ ގާތް މީހުންނަށް ގުޅުމުންނެވެ. އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔަ އެ 17 އަންހެނުން ވެސް، ޔުއާންއާ ރަށްޓެހިވެގެން އުޅޭ ކަމަށް ބުނުމުން ހުރިހާ އެންމެންނަށް އެއްފަހަރާ ލިބުނީ ބޮޑު ޝޮކެކެވެ.

"ހޮސްޕިޓަލަށް ދިޔައިރު ހުރީ ކަންބޮޑުވެ، ހާސްވެފައި. އެކަމަކު ރީތި އަންހެނުންތަކެއް އެ ތަނަށް އަންނަން ފެށުމުން ނުވެސް ރޮވުނު،" 18 މަސްދުވަސް ވަންދެން ޔުއާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ޝިއާއޯ ލީ، މިދިޔަ މަހު ބުނެފައިވެ އެވެ.

ޔުއާންއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް މިހާރު ފެންމަތިވެފައި މިވަނީ، ސައުތު ޗައިނާ މޯނިން ޕޯސްޓުން އިއްޔެ ބުނި ގޮތުގައި، އެ އަންހެނުން ގުޅިގެން ހެދި އޮންލައިން ޗެޓު ގްރޫޕެއްގެ ތެރެއިންނެވެ. އެ ގްރޫޕުގައި ދެއްކި ވާހަކަތަކުން އެނގެނު ގޮތުގައި އޭގެ ތެރެއިން އެކި މީހުން އަތުން އެކި ފަހަރު ޔުއާން ވަނީ އޮޅުވާލައިގެން ފައިސާ ހޯދާފަ އެވެ.

މީގެ އިތުރުން، އެއް އަންހެނަކު ޔުއާން އަށް ބަލިވެ އިނދެ، ފިރިހެން ކުއްޖަކު ވިހާފައިވާ ކަމާއި އެކްސިޑެންޓް ހިނގިއިރު ޔުއާން ދިޔައީ އޭގެ ތެރެއިން އެހެން މީހަކާ ކައިވެނިކުރަން ތައްޔާރުވަމުންކަން ވެސް އެ ޗެޓުތަކުން ވަނީ ހާމަވެފަ އެވެ.

މި ވާހަކަ އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވުމުން، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޔުއާން އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެކަމަކު، ބައެއް މީހުން ވަނީ އޭނާގެ "މަލްޓި-ޓާސްކް" ކުރުމުގެ ހުނަރަށް ތައުރީފު ވެސް ކޮށްފަ އެވެ.