ހަބަރު

ބިޔަ ރާޅުތަކުން ކުއްޖާ ސަލާމަތްކުރީ ހާއްސައެހީއަށް ބޭނުންވާ މީހެއް

Apr 22, 2018
22

އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށް، އޭގެ ތެރެއިން ދެ ކުއްޖަކު މި ވަނީ ގެއްލިފަ އެވެ. ސިފައިން އެ ކުދިން ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، ގެއްލުނު ދެ ކުދިންގެ އެއްވެސް ހިލަމެއް އަދިވެސް ނުވެ އެވެ. ސަލާމަތްވި ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު، އެ ކުއްޖާ ސަލާމަތްކޮށް ދިން މީހާއަށް އެންމެންގެ ތައުރީފް އަންނަނީ އޮހެމުން އެވެ. އެ ރަށު މީހުން ބުނާ ގޮތުގައި، އެ ހާދިސާގައި ސަލާމަތްވީ ކުއްޖާ މޫދުގެ ތެރޭގައި އޮވެ އެހީއަށް އެދި ގޮވަމުން ދަނިކޮށް ސަލާމަތްކޮށްދީފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީިކެވެ.

އިއްޔެ ހެނދުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުން ފުއްޓަރު ފަރާތު މޫދު ސަރަހައްދުގައި ހިނގި ހާދިސާގައި އެހީއަށް އެދި ހަޅޭއްލަވަމުން ދިޔަ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ބޮޑެތި ރާޅުތަކުގެ ތެރެއިން ސަލާމަތްކޮށްދިނީ ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ.

މަންޒަރު ދުށް މީހަކު އެ ހާދިސާ ސިފަކޮށްދެމުން ބުނީ، ތިން ކުދިން މޫދަށް އެރި އުޅެނިކޮށް އޮޔެ ގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލެވި ވަގުތު ގޮނޑުދޮށުގައި ތިބީ އެ ރަށުގެ ދެތިން އަންހެން ވެރިއެކެވެ. ދެން ހުރީ ހަސަން ދީދީ އެވެ. ގޮނޑުދޮށުގައި ހުރި ހަސަން ދީދީއަށް އެ ކުދިން އެހީއަށް އެދި ގޮވަމުން ދިޔަ މަންޒަރު ފެނުމާ އެކު މޫދަށް ފުންމާލާ ގޮނޑުދޮށާ އެންމެ ކައިރިއަށް އެވަގުތު އޮތް ކުއްޖާ އޭނާ ސަލާމަތްކުރި އެވެ. އަދި އެ ކުއްޖާ ސަލާމަތްކޮށްފައި ބަލައިލި އިރު ދެން ތިބި ދެ ކުދިން ހަސަން ދީދީއަށް ވެސް ނުފެނުނެވެ. އޭރު ނަގަމުން ދިޔަ ބޮޑެތި ރާޅުތަކުގެ ތެރޭގައި ހަސަން ދީދީއަށް ވެސް ދެން ތިބި ކުދިން ސަލާމަތް ކުރަން ކުރެވޭނެ ކަމެއް ނެތީ އެވެ.

"ދެން އެ ހިސާބުން އަންހެން ވެރިންތައް އެއްގަމަށް ގޮސް ހަޅޭއްލަވަން ފެށީމާ މީހުން އެއްވީ އެ ސަރަހައްދަށް. އޭގެ އިރުކޮޅެއް ފަހުން ސިފައިން އެ ކުދިން ހޯދުމުގެ މަސައްކަތް ވެސް ފަށައިގަތީ. އިއްޔެ އަކީ މޫސުން ގޯސްދުވަހެއް ކަމުން ފުއްޓާރު ފަރާތަށް ދިޔައީ ބޮޑެތި ރާޅުނަގަމުން. އަދި ވަރަށް ބާނީތައް ވެސް ހުރީ ބޮޑުކޮށް. ފުރަތަމަ އެއް ކުއްޖަކު އޮޔާ ދަމައިގަތީމާ ދެން ތިބި ކުދިން އޭނާ ސަލާމަތްކުރަން ދިޔައީ،" ހާދިސާގެ މައުލޫމާތު އެނގިހުރި މީހަކު ކިޔައިދިނެވެ.

ގެއްލުނު ދެ ކުދީން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ދަނީ ކުރަމުންނެވެ. އެގޮތުން ގެއްލިފައިވަނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ މަޔާމިން އަލީ އެވެ. އެ މީހުންގެ އާއިލާއިން ތިބީ އެ ކުދިން ފެންނާނެ ކަމުގެ އުންމީދުގަ އެވެ.

އެދެކުދިން ހޯދުމަށް ވައިގެ މަގުން ހެލިކޮޕްޓަރުގެ ބޭނުން ވެސް ދަނީ ކުރަމުން ނެވެ. އަދި ރޭގަނޑު ވުމުން އެމްއެންޑީއެފް އިން ވަނީ ނައިޓް ވިޝަން ޑިވައިސްތައް ބޭނުންކޮށްގެން އެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އެވެ. އެ ކުދިންމިއަދު މެންދުރުން ފެށިގެން އެމްއެންޑީއެފްގެ ޑައިވަރުން ދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ.