ވިޔަފާރި

އުރީދޫ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ހޮޓެލް ޖެންގައި

Apr 22, 2018

އުރީދޫ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބާއްވަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން މީގެ ކުރިން ވަނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ބުނެފަ އެވެ.

އުރީދޫ މޯލްޑިވްސް އިން މިރޭ ބުނީ އެ ކުންފުނީގެ ދެވަނަ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ރިޕޯޓް ފާސް ކުރުމާއި ބެލެންސްޝީޓް ފާސް ކުރުމުގެ އިތުރުން ކުންފުންޏަށް އޮޑިޓަރެއް އައްޔަން ކުރަން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅަން ނިންމާފައިވާ ކޭޕީއެމްޖީ ނަގަން އާއްމު ހިއްސާދާރުގެ ވޯޓަކަށް އެހުންވެސް އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން ހިއްސާގެ ފައިދާގެ ބަހަން ހުށަހެޅުންވެސް އޮންނާނެ ކަމަށެވެ.

އުރީދޫ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 85 ޕަސެންޓް އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ބޯޑުން ވަނީ ނިންމާފަ އެވެ. އެއީ ހިއްސާއަކަށް 3.20 ރުފިޔާ އެވެ.

އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުވެފައިވަނީ ކުރިއަށް ގެންދިޔަ ކާމިޔާބު އައިޕީއޯއަކުންނެވެ. މި އައިޕީއޯ އިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ. އަދި ހިއްސާ ވިއްކުމަށް ފަހު ފުރަތަމަ އަހަރީ އާއްމު ޖަލްސާއެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އަދި މިދިޔަ އަހަރު ވަނީ އެ ކުންފުނީގެ ހިއްސާއެއް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި 40ރ. އަށް ވިއްކާފަ އެވެ.