ސްރީ ލަންކާގެ ދާހިލީ ހަނގުރާމައިގައި މަރުވި އާއްމުންގެ ތެރެއިން ތަމަޅަ މީހުންގެ ހަނދާން އާކުރުމުގެ ފުރުސަތު ތަމަޅައިންނަށް ފުރަތަމަ ފަހަރަށް ދީފި އެވެ.
ވަކިވެ ގަތުމަށް ހަނގުރާމަކުރަމުން ދިޔަ ތަމަޅަ ޓައިގަރުންގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން މަރާލުމާ އެކު، ޓައިގަރުން އަމާންދީފައި ވަނީ މޭ 18، 2009ގަ އެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ކޮންމެ އަހަރެއްގެ ވެސް މޭ 19 ފާހަގަކުރަމުން އައީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ. މަރުވި ތަމަޅައިންގެ ހަނދާން އާކުރުމުގެ ބަދަލުގައި މީގެ ކުރިން އެ ދުވަސް ހާއްސަކޮށްފައި އޮތީ އަސްކަރިއްޔާ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށެވެ.
އެހެން ނަމަވެސް، ހައިރާންކުރުވަނިވި ގޮތަކަށް ރާޖަޕަކްސަ ބަލިކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ އާ ރައީސް މައިތުރިޕަލާ ސިރިސޭނާގެ ސަރުކާރުން ވަނީ މޭ 18 އަކީ "ނަސްރުގެ ދުވަސް"ގެ ބަދަލުގައި، "ހަނދާން އާކުރުމުގެ ދުވަސް" ކަމަށް ކަނޑައަޅާފަ އެވެ. ވަކި ނަސްލެއްގެ ބަޔަކު އިސްތިސްނާ ނުވާނެ ކަމަށާއި ތަމަޅައިންނަށް ވެސް ހަނގުރާމައިގައި މަރުވެފައިވާ އެ މީހުންގެ އާއިލާތަކުގެ ހަނދާން އާކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ މި ފަހަރު ދީފަ އެވެ.
އެއާ އެކު، ތަމަޅަ ސިޔާސީ ޕާޓީތަކާއި އާއްމުން ގުޅިގެން ވަނީ އާއްމުންގެ ތެރެއިން ހަނގުރާމައިގައި މަރުވި ތަމަޅަ މީހުންގެ ހަނދާން އާކުރުމަށް ފުރަތަމަ ފަހަރަށް މިދިޔަ ހޯމަ ދުވަހު ހަފުލާއެއް ބާއްވާފަ އެވެ. ހަނގުރާމައިގެ އެންމެ ފަހު ކުރިމަތިލުންތައް ހިނގި މުލައިތީވޫ އަވަށުގެ މުލިވަޔިއްކަލް ގޮނޑުދޮށުގައި ބޭއްވި މި ހަފުލާގައި އުތުރު ޕްރޮވިންސުގެ ޗީފް މިނިސްޓަރު ސީވީ ވިގްނާސްވަރަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެހެން ނަމަވެސް، މި ހަފުލާ ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ފޯރިމެރުމަށް ހަރަކާތްތެރިވެފަ އެވެ. އަދި މަރުވެފައިވާ ތަމަޅަ ހަނގުރާމަވެރިންގެ ހަނދާން އާކުރުމުގެ ފުރުސަތު އާއިލާތަކަށް ދީފައި ނުވާއިރު، ބައެއް ތަމަޅަ ޕާޓީތަކުން ބާއްވަން އުޅުނު އެއްވުންތައް ވެސް ވަނީ ހުއްޓުވާފަ އެވެ.
ހަ އަހަރުދުވަސް ފަހުން ވެސް ހަނގުރާމައިގެ އަސަރުތައް އަދިވެސް ފެންނަން ހުރި އުތުރު ޕްރޮވިންސްގައި ތަމަޅައިން ބޭއްވި މި ހަފުލާގެ އިތުރުން، ސަރުކާރުން ވަނީ ހަނގުރާމައިގައި މަރުވި މީހުންގެ ހަނދާން އާކުރުމަށް ވެރިރަށް ކޮލަމްބޯގައި އިއްޔެ ރަސްމީ ހަފުލާއެއް ބާއްވާފަ އެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސިރިސޭނާ ވަނީ ތަމަޅައިންނަށް މިހާރަަށް ވުރެ ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދީ، އެކި ކަންކަމުގައި އެ މީހުންގެ ބައިވެރިވުން އޮންނަ މިންވަރު އިތުރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރާ ލާއިންސާނީ އަމަލުތަކުގެ ހަގީގަތް ދެނެގަނެ، އެ ކަންކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.
"ހަނގުރާމަ ނިމުމުން އެންމެން ވެސް އުފާކުރި. އެކަމަކު އެ އަށް ފަހު ކަންތައްތައް ވެގެން ދިޔަ ގޮތާ މެދު އަހަރުމެން ހިތްހަމަޖައްސާލައިގެން ތިބެވޭނެތަ؟ މީހުންގެ ހިތްތަކުގެ ލޯތްބާއި އެ މީހުންގެ އިތުބާރު އަހަރުމެންނަކަށް ނުހޯދުނު. އެކަން ހާސިލް ނުކޮށް، އެއްބައިވަންތަ ބަޔަކަށް ނުވެވޭނެ،" ރާޖަޕަކްސަގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާގެ އުތުރާއި އިރުމަތީ އަވަށްތަކުގައި ދިރިއުޅޭ ބައި މަދު ތަމަޅައިންގެ ވަކި ދައުލަތެެއް ގާއިމްކުރުމަށް ހަނގުރާމަކުރި ޓައިގަރުން ބަލިކޮށް ރާޖަޕަކްސާގެ ސިފައިން ކާމިޔާބު ހޯދީ 2009 ވަނަ އަހަރު އެވެ. ހަނގުރާމައިގެ ފަހު ދުވަަސްވަރު ތަމަޅަ އާއްމުންގެ 40،000 މީހުން މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފައިވެ އެވެ. އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި 1972 އިން 2009 އަށް ކުރި ހަނގުރާމައިގައި ވަނީ ލައްކައެއްހާ މީހުން މަރުވެފަ އެވެ.
ހަނގުރާމައިގެ ފަހު ދުވަސްވަރު ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ބޮޑެތި ކުށްތައް ދެ ފަރާތުން ވެސް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އެ ކަންކަން ބެލުމަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް އދ. އާއި ހުޅަނގުގެ ގައުމުތަކުން ކުރި މަސައްކަތަށް ރާޖަޕަކްސަގެ ސަރުކާރުން އެއްބާރުލުން ނުދިނުމާ ގުޅިގެން ބޭރުގެ ފާޑުކިއުންތައް ލަންކާ އަށް ވަނީ ކުރިމަތިވެފަ އެވެ. އާ ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި، އަމިއްލަ ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.