ރާއްޖެ ކުޅިވަރު

އީގަލްސް ބަލިކޮށް މާޒިޔާ ދެވަނަ މަގާމަށް

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސްގެ މައްޗަށް 0-2 ކުރި ހޯދައި މާޒިޔާ ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފި އެވެ.

މާޒިޔާ ދެވަނަ މަގާމުގައި އޮތީ 13 ޕޮއިންޓާއެކު އެވެ. އެއްވަނަ މަގާމުގައި އޮތް ނިއު ރޭޑިއަންޓަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނަ މަގާމުގައި އޮތް ޓީސީއަށްވެސް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ޓީސީއަށް ފައިދާ ގޯލުގެ ގޮތުގައި ލިބިފައިވަނީ 3 ގޯލެވެ.

މެޗުން ބަލިވުމާއެކު އިގަލްސް މިހާރު އޮތީ ފަސްވަނައިގައި 11 ޕޮއިންޓާއެކު އެވެ. ނިއު ރޭޑިއަންޓާއި ވެލެންސިއާ ނޫން ހުރިހާ ޓީމަކަށް މިވަނީ މާލޭ ލީގު ފުރަތަަ ބުރު ނިމިފަ އެވެ. މިހެންވުމުން ނިއުއަށް ފުރަތަމަ ބުރު އެއްވަނަ މަގާމުގައި ލީޑަކާއެކު ނިންމާލަން ފުރުސަތު ވެލެންިއާ ބަލިކޮށްގެން އޮންނާނެ އެވެ.

މިރޭ މެޗަށް މާޒިޔާ ނިކުތީ ޔަޝްފާދް ހަބީބް (މުލަކޭ)ގެ ބަދަލުގައި ޝިފާޒް ފުރަތަަމަ އެގާރައިގައި ހިމަނައިގެންނެވެ. މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދްﷲ މެޗު ފެށީ ބެންޗުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މާޒިޔާއިންނެވެ. މިގޯލް އެޓީމަށް ޖަހައިދިނީ ސެއިންޓް ވިންސެންޓް ފޯވާޑް ސްޓްވާޓް ކޮނަލިއަސް އެވެ. އޭރިއާ ބޭރުން ސްޓްވާޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ކަނަށެވެ.

މެޗުގެ 31 ވަނަ މިނިޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޑުންގާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 69 ވަނަ މިނިޓުގައި އީގަލްސްގެ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ ނަމަވެސް އޭނާއަށް އެބޯޅަ ނިންމާލެވޭ ގޮތެއް ނުވި އެވެ.

އީގަލްސް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޓީމު ކުރިއަށް ޖައްސައިގެން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ. މެޗުގެ ފަހު ވަގުތު ކޮޅު މާޒިޔާއިން ވަނީ ދެވަނަ ގޯލް ޖަހާފަ އެވެ.ފަހަތުން އީގަލްސްގެ ކުޅުންތެރިންނަށް ސާފުނުކޮށް ލެވުނު ބޯޅަ ގޯލްގެ ވައްދާލީ ސްޓްވާޓް އެވެ. މިއީ އޭނާ މިސީޒަނުގައި ޖެހި 6 ވަނަ ގޯލެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މޯހަން ބުނީ މާޒިޔާގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ޑިފެންސިވް ޑިސިޕްލިންއެއް ކަމަށާއި އަދި އެޓީމަށް މޮޅެއް ހައްގު ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިމޮޅަކީ ވަރަސް މަސައްކަތުން ލިބުނ މޮޅެއް ކަމަށާއި އަދި ބްރޭކަށް ދިއުމުގެ ކުރިން މިމޮޅު ލިބުމާއެކު ލީގު ފޯރިގަދަ ވެގެންގޮސްފައިވާ ކަމަށެވެ.