ވާހަކަ

ބުނެދޭށޭރުހެމޭ

(19 އޭޕްރީލް 2018 އާ ގުޅޭ) -- ފަރިގޮތަކަށް އައިސް ރާދިންގެ އަތުގައި ހިފާލަމުން ދާންވީ ކަމުގައި ޝިހާނާ ބުނެލީ ތުއި ގޮތަކަށެވެ. ރާދިން ހީނގަތުމާއެކު ހިނގައިގަތެވެ. އެޕާޓްމެންޓުން ނުކުންނަމުން ނިމްރާއާއި އަރްސަލްއަށް އަތްހޫރާލިއެވެ.

"ހޭވް ފަން" އަރްސަލް ބުނެލިއެވެ.

"ރާދު ބޭނުންވަނީތަ؟ ހިތްކީ ދޯ" ރާދިންއާއި ޝިހާނާ ނުކުތްތަން ބަލަން ހުރެފައި އަރްސަލް އެނބުރި ނިމްރާއާ ކުރިމަތިލިއެވެ.

"އަގައިން ވިތް ޔޯ ސްޓުޕިޑް އެސަމްޕްޝަންސް... އެހެންނު ވާނީ މީހާ ކިތަންމެ ބިޔަޔަސް ސިކުނޑިވަނީ މިވަރު" ފާޑެއްގެ އަޑެއްލައްވާލުމާއެކު ނިމްރާ ވާހަކަދެއްކިއެވެ. އަދި ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ކައިރިކޮށްލަމުން އޭނާ އަރްސަލްގެ ސިކުނޑީގެ ސައިޒު ދައްކާލިއެވެ.

"އެވަރުކަމަކަށް އަހަރެންގެ ސިކުނޑި ބޭނުންކުރާކަށް ނުޖެހޭ... އަހަރެންގެ ދެ ލޯ ސަލާމަތުންނޭ ހުރީ. ޔޫ ވާ ޑްރޫލިންގް އޯލް އޯވާ ހިމް. އަހަންނަށް އެނގޭ ކަލޭ ރާދުއަށް ބަލަނީ ތަފާތުކޮށްކަން" އަރްސަލް ދެބުމަ ކައިރިކޮށްލަމުން ހަރުކަށިކަމާއެކު ބުނެލިއެވެ.

"ސޯ!... ވައި ޑޫ ޔޫ ކެއާ... ކޮންމެ ގޮތެއްވިޔަސް ކަލެއަށްވުރެ އޭނާ ރަނގަޅު. ރީތިވެފައި މާ ފިރިހެން ވެސް މެ" ނިމްރާ އޭނާގެ ކަޅި ވަށައިގެން ހިންގާލީ އަރްސަލްގެ ވާހަކަތަކަށް އޭނާ ސަމާލުކަން ދޭން ބޭނުންނުވެއޭ ބުނާ ފަދައަކުންނެވެ. އޭގެ އިތުރުން ދެފަރާތަށް ބޯހޫރާލާފައި އޭނާ ހިނގައިގަތީ ކާމޭޒު ކައިރިއަށެވެ.

"ޔޫ ވޯންޓް މީ ޓު ކިސް ޔޫ... އަގައިން" އިރުކޮޅަކު ހުރުމަށްފަހު އަރްސަލް ބުނެލިއެވެ. ކުރިއަށް ދިޔަ ނިމްރާ ވަގުތުން ހުއްޓުނެވެ. އޭނާގެ ދެއަތްތިލަ މުއްކަވާލެވުމާއެކު އެނބުރި އަރްސަލްއަށް ބަލާލިއެވެ. ކުއްލިއަކަށް ރުޅި ގަދަވެގެން ގޮސް އެ މޫނު ހިސާބަކަށް ރަތްވިތަން އަރްސަލްއަށް ފެނުނެވެ. ފާޑަކަށް އެއްމިޔަކަނުން އަރްސަލް ހިނިތުންވެލުމާއެކު އޭނާގެ ތިރީތުންފަތުގައި ދޫހިންގާލުމާއެކު ދަތްދޮޅީގައި އަތްތިލަ ހިންގާލިއެވެ. އިތުރަށް ނިމްރާ ހީވީ ރުޅިގަދަވެގެން ފަޅައިގެން މީހާ ހިނގައިދާނޭހެންނެވެ.

"ޔޫ!... ޔޫ!... އަހަރެންގެ ގައިގަ އަތްނުލާތި ފުރޭތަ" ދަތްކުނޑިވިކާލައިގެން ހުރެ އަރްސަލްއާ ދިމާއަށް ނިމްރާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ބުނެލިއެވެ.

"ތި އެޓިޓިއުޑް މަށައް ދައްކަންޏާ، އަހަރެން ބޭނުންގޮތެއް ހަދާނީ" އަރްސަލް ބުނެލިއެވެ. އޭނާ ކުރިއަށް އަންނަންފެށުމާއެކު ނިމްރާ މަޑެއް ނުކުރިއެވެ. ދުވެފައި އޭނާގެ ކޮޓަރިއަށް ގޮސް ދޮރުޖެހި އަޑު އިވުނެވެ. އަރްސަލް ފެށީ ހޭށެވެ.

"ފުރޭތަ... އަނެއްކާ ވެސް އާ ނަމެއް" މަޑުމަޑުން ބުނެލުމާއެކު އަނެއްކާ ވެސް އަރްސަލް ހީނގަނެއްޖެއެވެ.

ކާމޭޒު ކައިރިއަށް އައިސްފައި ވެސް ކާން އިށީންނަ ހިތެއްނުވިއެވެ. ނިމްރާ އައި ރުޅީގައި ނުކައި ހުރެދާނޭ ހީވާތީ ބޭނުންވީ ނިމްރާ ކޮޓަރިން ނެރެގެން ގެނެސް ދެ މީހުން އެކުގައި ތިބެ ކާށެވެ. އިރުކޮޅަކު މަޑުކޮށްލާފައި ނިމްރާގެ ޚަބަރެއް ނުވުމުން އަރްސަލް އެ ކޮޓަރި ކައިރިއަށް އައެވެ. ނިމްރާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލުމުން ތަޅުލާފައި ހުރިކަން އެނގުނެވެ. އެހެންވެ ދެފަހަރަކު ޓަކި ޖަހާލިއެވެ.

"ރަތްޖިންނި... އޭތް! ރަތްޖިންނި... މޮޔަވެފައި ކޮޓަރީގައި ނޯވެ ނުކުމޭ" ދޮރާ ކައިރިވެލާފައި އަރްސަލް ގޮވާލިއެވެ. ދެން ވެސް ކޮޓަރިތެރެއިން ހިލަމެއް ނުވިއެވެ.

"އަހަރެން ބުނީމާ ނުކުންނާނީތަ؟ އަހަންނަށް އެނގޭ ކޮޓަރިން ނެރެން ވެސް. އެކަމަކު އަހަރެން ނެރޭގޮތް ތި ރަތްޖިންނިއަށް ކަމަކު ނުދާނެ. އެހެންވީމަ އަމިއްލައަށް ރީތިކޮށް ނުކުތިއްޔާ ރަނގަޅުވާނީ" ދޮރުފަތުގައި އަރިއަކަށް ޖެހިލައިގެން ހުރެ އަރްސަލް ވާހަކަދެއްކިއެވެ.

"އޯކޭ ފައިން!... އަހަރެން އަތެއް ނުލާނަމޭ. ދެން ނުކުމޭ... އާދޭ ކާން. އަހަރެން ވަރަށް ބަނޑުހައިވެއްޖެ" އިރުކޮޅަކު ހުރެފައި އަރްސަލް ބުނެލިއެވެ. ދެން ވެސް ނިމްރާގެ ފަރާތުން ޚަބަރެއްނުވިއެވެ.

"ތަޅުދަނޑިން ނުހުޅުވޭނޭ ދޮރެއް މިގެއަކު ނުހުންނާނެ. ސޯ ޔޫ ބެޓާ ކަމް އައުޓް ނައު. އަހަރެން ދެން އިތުރަށް މަޑެއްނުކުރާނަން. އަހަރެން މި ދައްކާ ވާހަކަ އަޑުއިވޭކަން އެނގޭ... އަހަންނަކީ ވަރަށް ކެތްތެރިކަން ކުޑަ މީހެއް... ހަޤީޤަތުގައި ވެސް އަހަރެން ފުރޭތައަކަށް ނުވަނީސް ހަމަ މިހާރު ނުކެމޭ" އަރްސަލް ދޮރުގައި ޓަކިދީފައި ބުނެލީ ހަރުކަށިކަމާއިއެކު ބާރަށެވެ. ގިނައިރެއްނުވެ ކޮޓަރި ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. އަދި ކުޑަކޮށް ހުޅުވާލާފައި ހުރި ދޮރުދޭތެރެއިން ނިމްރާ ބަލާލިއެވެ.

"އަހަރެން ވަރަށް ބަނޑުހައި" ނިމްރާއަށް ބަލާލަމުން އަރްސަލް ބުނެލިއެވެ.

"އަހަރެން ގައިގަ އަތްނުލާމަތިން" ދޮރުދޭތެރެއިން ބަލަން ހުރެފައި ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލް ދެއަތް ހިއްލާލާފައި ތިރިކޮއްލަމުން ގެނެސް އޭނާ ލައިގެން ހުރި ސްވެޓްޕޭންޓްސްގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮއްޕާލިއެވެ.

"ތީނަ ކުރިން ދޭ... އަހަރެން ފަހަތުން ދާނަން" އަރްސަލްއަށް އިތުބާރު ނުކުރެވޭތީ ނިމްރާ ބުނެލިއެވެ. އަރްސަލް އެގޮތް ވެސް ޤަބޫލުކުރިއެވެ. ނިމްރާގެ ހުރި ޅަގޮތް އަރްސަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވި ނަމަވެސް އޭނާ ދެތުންފަތް ފިއްތާލީ ނުހޭށެވެ.

ކާމޭޒު ދޮށުގައި އަރްސަލް އައިސް އިށީނުމާއެކު އެތަނަށް ނިމްރާ ވެސް އަތުވެއްޖެއެވެ. މަތި ޖަހާފައި ހުރި ތަށިތަކުގެ މަތި ނަގައި ކާތަށި ގެނެސް އަރްސަލްގެ ކުރިމަތީ ބެހެއްޓިއެވެ. އަދި ބިއްލޫރި ތަށި ވެސް ކައިރކޮއްލާ އެއަށް ޖޫސް އަޅައިދިނެވެ.

"އިށީނދޭ ކާން" ނިމްރާ ކޮޅަށް ހުންނަން ފެށުމުން އަރްސަލް ބުނެލިއެވެ.

"ފަހުން ކާނީ" ނިމްރާ ބުނެލިއެވެ.

"މިހާރު އިށީނދެ ކާންފަށާ" އަމުރުވެރިގޮތަކަށް އަރްސަލް ބުނެލިއެވެ. އަރްސަލްއަށް ބަލަން ހުރެފައި ނިމްރާ ތުންއަނބުރާލި ނަމަވެސް ކިޔަމަންވިއެވެ. މަޑުމަޑުން މޭޒުދޮށުގައި އިށީނދެ ކާއެއްޗެހި ތަށްޓަށް އަޅަން ފެށިއެވެ.

"އެކައުންޓެއް އިންނާނެތަ؟" ކެއުމަށް އިންސާފުކުރަމުން ދިޔަ އަރްސަލް އަހާލިއެވެ.

"ބޭންކް އެކައުންޓެއްތަ؟" ނިމްރާ އަހާލުމުން އަރްސަލް ހޫންލައްވާލިއެވެ. އެއާއެކު ނިމްރާގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވާފައި އިންނާނޭކަމުގައި އޭނާ ބުންޏެވެ.

ނިމްރާއަށް ދޭން ބުނެފައި އޮތް މުސާރަ މަސްނިމިގެން ދިޔައިރު ވެސް ނުދެވޭކަން އަރްސަލް ހަނދާނެއްނުނެތެއެވެ. ކުރިން އޭނާ ހުރީ ރާދިންގެ ގާތުގައި ބުނެގެން އެކަން ކުރުވާށެވެ. އެހެންނަމަވެސް އެ ޚިޔާލު މިހާރު ބަދަލުވީއެވެ. ނިމްރާގެ އެކައުންޓު ނަންބަރު އަރްސަލް އެދުނީ އޭނާގެ ފޯނަށް ފޮނުވައިދިނުމަށެވެ. މަޑުމަޑުން ނިމްރާ ބޯޖަހާލިއެވެ.

ކައިން ނިންމާފައި އަރްސަލް ތެދުވެގެން އައިސް ސޯފާގައި އިށީނީއެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ދޭތެރެއަކުން ތަށިތައްނެގުމުގައި އުޅޭ ނިމްރާއަށް ހުއްޓެވެ. އޭނާ އެ މަސައްކަތް ނިންމާފައި އެތަނުން ދުރަށް ދާންވާއިރަށް އަރްސަލް ކޮފީ މޭޒުމަތީ ހުރި ކަރުދާސްތަކާއި ފައިލުތައް ތަރުތީބު ކުރިއެވެ.

"އާދެބަލަ" ނިމްރާ އެތެރެއަށް ދާން އުޅުމުން އަރްސަލް ގޮވާލިއެވެ.

"ކަމަކުތަ؟" ނިމްރާ އަހާލިއެވެ. އެއާއެކު އަރްސަލް އިށީނދެ އިން ސޯފާ ދައްކާލިއެވެ.

"ފިލްމެއް ބަލަން މިއުޅެނީ" އަރްސަލް ބުނެލިއެވެ. ނިމްރާ ދެ ޚިޔާލެއްގައި ހުރެ އައިސް އަރްސަލްއާ ވީހާ ވެސް ދުރުގައި ސޯފާގެ ކޮޅުގައި އިށީނެވެ.

އަރްސަލް އެޅުވީ ނިމްރާ ނުބަލާ ފިލްމެކެވެ. ޝައުގުވެރިކަން ނެތްނަމަވެސް އޭނާ އިނީ އަރްސަލް ހިތްހަމަނުޖެހިދާނޭތީ ތެދުވަން ނުކެރިފައެވެ. އެހެން އިންދާ ފިލްމު ފެށުނުތާ ގިނައިރެއްނުވެ އަރްސަލް ތެދުވުމުން ނިމްރާ ބަލާލިއެވެ.

"މިތަން މާ އަލީ... ލައިޓް ނިއްވާލާފައި މި އަންނަނީ" އަރްސަލް ބުނެލީ ކިތަންމެ އާދައިގެ ގޮތަކަށް ވިޔަސް ނިމްރާ ޖެހިލުންވިއެވެ. ފުޅާ ޓީވީއިން އެޅެމުންދިޔަ އަލި މަޑެއްނޫނެވެ. އެހެންވެ އެއްޗެއް ނުބުނެ ނިމްރާ ހިމޭނުން އިނެވެ. އަރްސަލް އައިސް ސޯފާއަށް ދެފައި އަރުވާލުމާއެކު ސޯފާގެ ފަހަތަށް އެއްއަތް ވައްޓާލާ ހަމަޖެހިލިއެވެ. އަރްސަލްގެ ހަޤީޤީ ބޭނުން ދެނެގަތުމަތީ ނިމްރާއަށް މިހާތަނަށް ކުރަން ފަސޭހަވި ކަމެއްނޫނެވެ. ކުއްލިއަކަށް މީހާ ވަރަށް ހަމަޖެހިފައި ހުރެފައި އެހާ ރުޅި ގަދަވެދާނެއެވެ.

ފިލްމަށް ބަލަން އިން ނިމްރާއަށް އެ ފިލްމު ރީއްޗެއް ނުވިއެވެ. ފޫހިވެގެން ނިދިއަންނަ ގޮތްވާންފެށިއެވެ. ސޯފާގެ އަތްގަނޑުގައި އެއްއަތް ވިއްދާލައި އެ އަތުގައި ދަތްދޮޅި އަޅުވާލައިގެން އިންދާ ނިންޖައިގެން ވެއްޓޭ ގޮތްވިއެވެ. އެކަން އަރްސަލްއަށް ވެސް ފާހަގަވިއެވެ.

"ކޮޓަރިއަށް ދާން މިދަނީ" ނިމްރާއަށް ނީނދެވޭނޭހެން ހީވުމުން ބުނެލިއެވެ. އަރްސަލްއަށް ނިމްރާގެ މޫނުން އޭނާ ނިދިއައިސްފައި ހުރިކަން އެނގެއެވެ. އެހެންވިޔަސް އޭނާ ނިމްރާ ފޮނުވާލަކަށް ބޭނުމެއްނޫނެވެ.

"ފިލްމު ނިމެންދެން މަޑުކޮށްނުލެވުނުތަ؟ ކޮޅަށް އިންނަން އުނދަގޫވަންޏާ އޯކޭ މިތާ އޮށޯވެލިޔަސް. އަހަރެން... އަހަރެން އުނދަގުލެއްނުކުރާނަން" އަރްސަލް މިހެންބުނުމާއެކު ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅަކު އޭނާއަށް ބަލަން ނިމްރާ އިނެވެ. އަރްސަލް އިން ގޮތުން އޭނާ އިނީ ފިލްމަށް ގެއްލިފައިކަމުގައި ނިމްރާ ނިންމިއެވެ. އަރްސަލް ރީތިކޮށް އެދުނީތީ ފިލްމު ނިމެންދެން މަޑުކުރަން ނިމްރާ ގަސްދުކުރިއެވެ. އެހެންނަމަވެސް ނިދިޖެހޭވަރުން ސޯފާއިން ވެއްޓި ދާނޭތީވެ ކުރުގެޅިލައިގެން ސޯފާގެ އަތްގަނޑުގައި ބޯއަޅާލަމުން ނިމްރާ އޮށޯވެލިއެވެ. އޭނާގެ ހަރަކާތްތަކަށް ސިއްރުން އަރްސަލް ބެލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ފިލްމު ނިމި ދެވަނަ ފިލްމެއް ވެސް އަރްސަލް އެޅުވިއެވެ. އޭނާ އިނީ ސޯފާއިން ތެދުވާ ކަހަލަ ޚިޔާލެއްގައެއްނޫނެވެ. ފިލްމަށްވުރެ ނިމްރާއަށް ބަލަން ގިނައިރު އިނދެއެވެ. މަޑުމަޑުން ނިމްރާގެ ކުރުކޮށްލައިގެން އޮތް ދެފައި އަރްސަލް ދަމާލަމުން ގެނެސް އޭނާގެ އުނގުގައި ބާއްވާލިއެވެ. އެއާއެކު ނިމްރާ ކުރިއަށްވުރެ ބޮޑަށް ހަމަޖެހިލިކަން އަރްސަލްއަށް އެނގުނެވެ. އެ އަންހެންކުއްޖާ އެ އޮތީ ގަދަ ނިދީގައިކަން އަރްސަލްއަށް ޔަގީންވެއެވެ. މަޑުމަޑުން ނިމްރާގެ ފަހަރަކު ފައިތިލައެއްގައި އަރްސަލް ދެއަތުން ހިފާލިއެވެ. އެ ފައިތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. އެހެންވިޔަސް އޭނާގެ އެއްވެސް ހަރަކާތަކުން ނިމްރާ ނުހޭލިއެވެ.

"އައި ޖަސްޓް ވޯންޓު ހޯލްޑް ޔޫ އިން މައި އާމްސް" ހިނިތުންވެލައިގެން އިން އަރްސަލް ސިއްރުން ބުނެލިއެވެ. އަދި ލައިގެން އިން ޓީޝާޓު ހިއްލާލާ ނިމްރާގެ ދެފައިތިލަ ޓީޝާޓުގެ ތެރެއަށް ވައްދާލީ ހޫނުކޮއްލުމަށެވެ.

"އޯ!.. ގަނޑުވެފައެއްނު ތި އޮތީ" އަރްސަލްގެ ބަނޑުގައި ނިމްރާގެ ފައި ޖެހުމާއެކު އޭނާއަށް ވެސް ފިނިކަމުން ކުޑަ ސިހިމެއް ލިބުނެވެ.

* * * *

ކާރުގެ ސީޓުގައި ދެ މީހުންނަށް ހަމަޖެހިލެވުމާއެކު ރާދިން ކާރު ދުއްވާލިއެވެ. ޝިހާނާއަށް ބަލާލާފައި ރާދިން ގަޑި ބަލާލިއެވެ. ދިހަގަޑި ބައިވީއެވެ. ޝިހާނާ ގެއަށް ގެންގޮސްދޭން ބުނުމުން އޭނާ އެދުނީ އެނބުރި އެޕާޓްމެންޓަށް ވަދެލާފައި ގެއަށް ދާނީ ކަމަށެވެ. އެހެންވެ ރާދިންގެ ކާރު ހުރީ އެމީހުން އުޅޭ ގެއާ ދިމާއަށެވެ.

"ވައި ޑޯންޓް ޔޫ ސްޓޭ ޓުނައިޓް" ރާދިން ޚިޔާލެއް ފާޅު ކުރިއެވެ.

"މިރެއަކުނޫން. އެކަމަކު އަދި އަންނާނަން އަރްސަލްއާ ދިމާކޮއްލަން" ހިނިތުންވެލަމުން ޝިހާނާ ބުނެލިއެވެ.
މިރޭ ހަޤީޤަތުގައި ވެސް އާނާ ވަރަށް ރީތި" އަދިވެސް އެއްފަހަރު ރާދިން ތަޢުރީފުކޮއްލިއެވެ.

"ރާދުގެ ހެންޑްސަމްކަމުން އަހަރެން ވެސް މިރޭ ވަރަށް ޕޮޕިއުލާ ވެއްޖެ. ހާދަ ގިނަ އަންހެންކުދީންނެއް އެހިއޭ ރާދުއަކީ އަހަރެންގެ ކާކުތޯ" ކާރު ދުއްވަން އިން ރާދިންއާ ދިމާއަށް ކުޑަކޮށް އެނބުރިލައިގެން އިނދެ ޝިހާނާ ވާހަކަދެއްކިއެވެ.

"ކީކޭ އާނާ ބުނީ... ޔަގީން ރަނގަޅު އެއްޗެކޭ ނުބުނާނެ" ރާދިން ކައިރިއަށް ހިނިއައެވެ.

"އަހަރެންގެ ޑޭޓް ދޯ... ކީއްކުރަން އެ މީހުންނަށް ޗާންސެއްދެނީ. އަހަރެން ބުނީ އަހަރެންގެ ބޯއީފްރެންޑޭ. އެ މީހުން ދެން މާނަކުރާނޭ ގޮތަކަށް މާނަކުރަންވީ ދޯ. ފިރިހެން ރަޙުމަތްތެރިއަކު ދައްކާފައި އެއީ ބޯއީފްރެންޑެކޭ ބުނުމަކުން އަހަރެން ދޮގު ހެދި ކަމަކަށް ނުވާނެއެއްނު" ޝިހާނާގެ ވާހަކަ އަހާފައި ރާދިން ބާރަށް ހޭންފެށިއެވެ.

ކާރު ޕާކުކޮއްލުމާއެކު ރާދިންއާއި ޝިހާނާ ކާރުން ފޭބިއެވެ. ދެ ޒުވާނުން އައިސް ރެސްޓޯރެންޓާ ޖެހިގެން ހުރި ހިމަ ގޭޓުން އެތެރެއަށް ވަދެ ގޭގެ މައި ދޮރު ހުޅުވާލިއެވެ. ލިފްޓަށް އެރުމާއެކު ޝިހާނާ ވާހަކަދައްކަންފެށިއެވެ.

"އަރްސަލްގެ ޕްލޭނަކީ ކޮބާތަ؟ މިބުނީ ނިމްރާ ގެނައުމުގެ" ހުރިހާ ހަޤީޤަތެއް ރާދިން ވެސް ޝިހާނާއަށް ހާމަނުކުރާތީ އޭނާއަށް ވެސް ނިމްރާއާއި އަރްސަލްގެ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަމެއް ޔަގީން ކުރާކަށް ނޭނގެއެވެ.

"ނިމްރާއަކީ ނައިސް ކުއްޖެއް. އަރްސަލް ހެލްޕްވޭ އޭނާއަށް. މެއިޑެކޭ އޭނާ ބުނަނީ. އެކަމަކު ނިމްރާއަކީ އަހަރެން ޤަބޫލެއްނުކުރަން މެއިޑެއްކަމަކަށް. އޭނާ ރުޅިއަރުވަން އަރްސަލް އެހެން ކިޔަނީހެން ހީވަނީ. އެ ދެމީހުން ވަރަށް ނުގުޅޭނެ. މިރޭ ވެސް ނޭނގެ އެ ދެމީހުން ފައިޓެއް ހިންގާނުލާކަމެއް. ކިތަންމެ ރެއަކު ނިމްރާ އޮވޭ އަރްސަލްއާ ހެދި ކޮޓަރިން ނުނިކުންނަން" ރާދިން ބުނެލިއެވެ.

"އަރްސަލް ލައިކްވޭތަ އެ ގާލްދެކެ" ޝިހާނާ އަހާލިއެވެ.

"ނޫން... އޭނާ ނިމްރާއާ ދޭތެރޭ އެކަހަލަ ވިސްނުމެއް ނުގެންގުޅޭ. އެ ދެމެދުގައި އެކަހަލަ ގުޅުމެއްނެތް. އައި ޑޯންޓް ތިންކް އިޓްސް ޕޮސިބަލް... އެކަމަކު އެއީ އަހަރެން ދުވަހަކުވެސް ނުދެކޭ އަރްސަލްއެއް. ކުރިން ދުވަހަކުވެސް އުޅުނު ގޮތަކަށް ނޫން މިހާރު އޭނާ އުޅެނީ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން އިންސާނާގެ އުޅުން ހީވެސް ނުކުރާ ގޮތައް ބަދަލުވެދާނެކަން އަހަރެން ޤަބޫލުކުރަން. އަރްސަލް ވެސް ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރަނީހެން ހީވަނީ" ރާދިން ވިސްނަމުން އޭނާއަށް އެނގޭ މިންވަރު ހާމަކުރިއެވެ.

ލިފްޓުގެ ދޮރުފަތް ހުޅުވުމުން ދެ މީހުން ވެސް އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ރާދިން ކީކާޑު ޖައްސާލުމާއެކު އެޕާޓްމެންޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. އަނދިރިކަން ވެރިވެފައި އޮތް ސިޓިންރޫމުގައި ނިވިދިއްލޭ ބޮތްކެއްހެން ޓީވީގެ އަލި އެޅިފައި އޮތެވެ. ދެ ޒުވާނުންނަށް ވެސް ހުއްޓެވުނީ އަރްސަލް ފެނިފައެވެ. ރާދިން ނިކަން އަވަހަށް ލައިޓު ޖައްސާލައިފިއެވެ. އަރްސަލް މަޑުނުކޮށް ހިނގައިގަތީ އެތެރެއަށެވެ. ރާދިން ދުވެފައި އައިސް އޭނާ ހުއްޓުވިއެވެ.

"ކިހިނެއްވީ؟" އަރްސަލްގެ އަތުގެތެރޭ ނިމްރާ އޮތުމުން ރާދިން ސުވާލުކުރިއެވެ.

"ނިދާފަ... ކޮޓަރިއަށް މިދަނީ" އަރްސަލް އުނދަގޫ ގޮތަކަށް ބުނެލިއެވެ. އެވަގުތު ރާދިންމެން އަތުވެދާނޭ އެއްގޮތަކަށް ވެސް އަރްސަލް ހިޔެއްނުކުރެއެވެ. ކުޑަކުއްޖަކު ފަދައިން އަރްސަލްގެ މޭގައި މޫނުޖައްސާލައިގެން ނިމްރާ ނިދާފައި އޮތްގޮތް ރާދިން ބަލާލިއެވެ.

"ގެނޭ އަހަރެން ގެންދާނަން" ރާދިން ބުނެލިއެވެ.

"އިޓްސް އޯކޭ... އައި ވިލް ޓޭކް ހާ" އަރްސަލް އިތުރަށް މަޑެއް ނުކުރިއެވެ. ނިމްރާ ގަޔާ ކައިރިކޮއްލުމާއެކު އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. ރާދިން ހުއްޓުން އަރާފައި ހުރިތަން ފެނި އޭނާއަށް ޝިހާނާ ގޮވާލިއެވެ.

"އެބަ އަންނަން" ރާދިން ބުނެލިއެވެ. އަދި ހަލުވިކޮށް އޭނާ އައިސް ނިމްރާގެ ކޮޓަރި ދޮރުމަތީ މަޑުކޮއްލިއެވެ. އޭރު އެނދުގައި ނިމްރާ ބޭއްވުމަށްފަހު އޭނާގެ ގައިމަތީ އަރްސަލް ރަޖާ އަޅާލަނީއެވެ. އަރްސަލް ހިންދެމިލި ވަގުތު ދޮރުމަތީ މީހަކު ހުރިހެން ހީވެ އަވަހަށް ބަލާލެވުނެވެ. ރާދިން ފެނުމުން އެ ކޮޓަރީގައި މަޑުކުރުމުގެ ބަދަލުގައި އަވަހަށް ނުކުމެ ކޮޓަރީގެ ދޮރު އަރްސަލް ލައްޕާލިއެވެ.

"ހަމަ ނިދާފަތަ އެ އޮތީ؟ އަނބުރައިގަނެފައެއްނޫންތަ؟" ކުޑަކޮށް ހާސްވެފައި ހުރެ ރާދިން އަހާލިއެވެ.

"އަހަރެން ކަމެއް ކުރީއޭތަ ތި ހިތައް އެރީ... ރާދު! ކާމް ޑައުން. ފިލްމު ބަލަން ގެނައީމަ ސޯފާގައި އިނދެ އޭނާ ނިދީ. މަ ވެސް ދެން ކޮޓަރިއަށް ވަންނަންވެގެން ހިތަށް އެރީ އޭނާގެ ކޮޓަރިއަށް ގެންގޮސްފައޭ ނިދަން ދާނީ. ރާދުމެން އަންނާނޭ އިރެއް އެނގެނީއެއްނޫންވިއްޔަ" އަރްސަލް ހަމަޖައްސާލިއެވެ.

"ކޮބާ!... އަހަރެން ބުނީ ރަނގަޅަކައްނު. ބޮސް އެންޑް މެއިޑް... ހޫން! ހޫން! ސަމްތިންގް ސަމްތިންގް... ދޯ" އަރްސަލްއާއި ރާދިން ފެންނަންވާއިރަށް ސޯފާގައި އިނދެފައި ޝިހާނާ ދިމާކޮއްލުމުގެ ރާގުގައި ބުންޏެވެ.

"މި ކޮން މޮޔެއެއްތަ ރާދު" އަރްސަލް ވެސް އަނގައިން ދެރަ ނުވާން ބުނެލިއެވެ.

"އެޑްވާންޓޭޖް ނަގަން އުޅެނިކޮށް ބަސްޓުވީމަ ދެން އެންމެން ވެސް ފެންނާނީ މޮޔައެއްހެން. ތީ ފިރިހެނުންގެ ގޮތޭ" ޝިހާނާ ބުނި އެއްޗަކުން ރާދިން ނިކަން ބާރަށް ހޭންފެށިއެވެ. އަރްސަލް ދެބުމަ ކައިރިކޮއްލުމާއެކު ޝިހާނާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެންވިޔަސް ޝިހާނާއެއް އަޅައެއްނުލާނޭކަން އޭނާއަށް އެނގެއެވެ. ޝީހާނާއާ ދެކޮޅަށް ވެސް މީހަކަށް އެއްޗެއް ނުބުނެވޭނެއެވެ. މިހާތަނަށް އަރްސަލްއާއި ރާދިންއަށް ވެސް އޭނާގެ ގާތުން ކުރި ހޯދިފައެއްނެތެވެ. (ނުނިމޭ)