ބޮލީވުޑް

"ދާސް ދޭވް" އަންނަ ހުކުރު ދުވަހު ސިނާމާތަކަށް

ސޫދިރް މިޝްރާގެ ކުރިއަށް އޮތް ފިލްމު "ދާސް ދޭވް" ގައި ހިމެނޭ ސްޓާ ކާސްޓާއި އެ ފިލްމުގެ ވާހަކައިގެ ސަބަބުން ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑެވެ.

މި ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންނަކީ ރިޗާ ޗަންދާއާއި ރާހުލް ބަޓްއާއި އަދިތީ ރާއޯ ހައިދަރީ އަދި ސައުރަބް ޝުކްލާ އެވެ.

ފިލްމުގެ ވާހަކައަކީ އިންޑިއާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސަރަތް ޗަންދްރާ ޗަޓޮޕަދްޔޭގެ ވާހަކަ "ދޭވްދާސް" އަށް އިތުރު ވާހަކަތަކެއް ލައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ލޯތްބާއި ޖަޒުބާތު އަދި ބާރާއި ނުފޫޒާއި ސިޔާސީ ގިނަ ރަހަތައް އެކުލެވޭނެ އެވެ.

މި ފިލްމުގެ އާ ޕޯސްޓަރެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުގައި ލީޑުން ފެނިގެންދާ ހަތަރު ތަރިން ފެނިގެންދެ އެވެ.

ސައުރަބް ޝުކްލާ ލީޑު ކާސްޓުގައި ހިމެނުމުން މި ފިލްމުގައި އޭނާގެ ބާރުގަދަ ރޯލެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ. ސައުރަބްއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ވިޕިން ޝަރްމާ، ދަލިޕް ތަހިލް، ދީޕް ރާޖް ރަނާ، އަނިލް ޝަރްމާ އަދި ސޮހައިލާ ކަޕޫރް ފެނިގެންދާނެ އެވެ. ހާއްސަ ފެނިލުމަކުން އަނޫރާގް ކައްޝަޕް އަދި ވިނީތް ސިންހު ފެނިގެންދާނެ އެވެ.

މި ފިލްމު ގެނެސްދެނީ ގޯރަވް ޝަރްމާގެ ސްޓޯމް ޕިކްޗާސް އާއި ސަންޖީވް ކުމާރްގެ ސަޕްތަރިޝީ ސިނެވިޝަން ގުޅިގެންނެވެ. އަންނަ ހުކުރު ދުވަހު (27 އޭޕްރީލް) މި ފިލްމު ސިނަމާތަކުގައި ދެއްކުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.