ހަބަރު

ދެފަނޑިޔާރުންގެ ޝަރީއަތް އަނެއްކާވެސް ސިއްރުކޮށްފި

އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް މިއަދުވެސް ސިއްރުކޮށްފި އެވެ.

އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަށް ނުފޫޒުފޯރުވިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތް ސިއްރުކުރީ ކީއްވެކަމެއް ކްރިމިނަލްކޯޓަކުން ނުބުނެ އެވެ. ނަމަވެސް އެދައުވާގެ ޝަރީއަތުގެ އަޑުއެހުން މިހިނގާ އޭޕްރިލްމަހުގެ 12 ވަނަ ދުވަހުވެސް ބާއްވާފައި ވަނީ ސިއްރުންނެވެ.

ދެފަނޑިޔާރުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަށް ނުފޫޒުފޯރުވިކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ސިއްރު ކުރިޔަސް، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކުރާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައި ވަނީ ހުޅުވާލައިގެންނެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރު ކުރި މައުމޫން އާއި އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ދެ ފަނޑިޔާރުންނަށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ވެސްކޮށްފައިވާ އިރު އެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ސަސްޕެންޑުވެސް ކޮށްފަ އެވެ.