ދުނިޔެ

ސީރިއާގެ މުހިއްމު އަވަށެއްގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ހަނގުރާމަވެރިން ހިފައިފި

May 20, 2015

ސީރިއާގެ އިދުލީބު ޕްރޮވިންސްގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ހިފައި ގާތްގަނޑަކަށް މުޅި އެ އަވަށުގެ ކޮންޓްރޯލް، ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހޯދައިފި އެވެ.

އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ގްރޫޕުން މިއަދު ބުނި ގޮތުގައި އަލްގައިދާއާ ގުޅުން އޮންނަ އައްނުސްރާ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އިދުލީބުގެ ހުޅަނގުއުތުރު ސަރަހައްދެއް ކަމަށްވާ މަސްތޫމާގައި ހުންނަ އަސްކަރީ މަރުކަޒު އިއްޔެ ހިފާފަ އެވެ. އެއާ އެކު، ހަނގުރާމަވެރިން އަތްގަދަކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާ އެ ޕްރޮވިންސުގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް މިހާރު ހުރީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ކަމަށް އެ ގްރޫޕުން ބުންޏެވެ.

މަސްތޫމާގެ އަސްކަރީ މަރުކަޒު ސަރުކާރު ސިފައިންނަށް ގެއްލުނުކަން ދައުލަތުގެ މީޑިއާ އިން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެ ޗެނަލުން ބުނެފައި ވަނީ "ޓެރަރިސްޓުންގެ ސަފުތައް" ބަލިކުރުމަށް ސަރުކާރު ސިފައިން އަދިވެސް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށެވެ.

އަލްގައިދާއާ ގުޅުން އޮންނަ ނުސްރާ އާއި ގުޅިފައިވާ އެހެން ހަނގުރާމަވެރި ޖަމާއަތްތަކުން އިދުލީބު އަވަށް އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރަމުން ދާއިރު، ވާދަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދަނީ ސީރިއާގެ ތާރީހީ އަވަށެއް ކަމަށްވާ ޕަލްމައިރާ އަލުން ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އައިއެސް އިން އެ އަވަށުގެ ކޮންޓްރޯލް މިދިޔަ ހަފުތާގައި ނެގި އެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ ސަރުކާރު ސިފައިން ވަނީ އައިއެސްގެ ހަނގުރާމަވެރިން ފަހަތަށް ޖައްސާފަ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި ފެށި ހަނގުރާމަ އަށް ހަތަރު އަހަރު ވެފައި ވާއިރު، މި ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ހަތަރު މިލިއަނެއްހާ މީހުން ވަނީ އަމިއްލަ ގައުމު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފަ އެވެ.