ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2018" އަށް ހާއްސަ ވެބްސައިޓެއް ހަދައިފި އެވެ.
ބީއެމްއެލް އިން ފަރުމާކޮށްފައިވާ މި ސައިޓު ހާއްސަކޮށްފައިވަނީ ޗެރިޓީގެ ގޮތުގައި ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މިގޮތުން މި ސައިޓު މެދުވެރިކޮށް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތުގެ ޕޭޖު ކްރިއޭޓް ކޮށްލެވޭނެ އެވެ.
ޗެރިޓީ ޕޭޖު ހަދާނީ ކިހިނެއް؟
މި ސައިޓު ފަރުމާކޮށްފައިވަނީ ޓީއެފްޖީއާއި ބީއެމްއެލް ގުޅިގެން ބާއްވާ ދުވުމުގައި ބައިވެރިވާ ކުއްޖާގެ ނަމުގައި ޕޭޖެއް ފަރުމާ ކުރެވޭ ގޮތަށެވެ. މިގޮތުން މި ސައިޓަށް ވަނުމަށްފަހު ސައިން އަޕް ކުރަން ޖެހެ އެވެ. މި ސައިޓުގައި ރަޖިސްޓްރީ ކުރުމަށް ބެލެނިވެރިޔާ އާއި ކުއްޖާގެ މައުލޫމާތު މި ސައިޓުގައި އެކަމަށް ހާއްސަ ބައިތަކުގައި ލިޔެލުމުން ނިމުނީއެވެ. އަދި މި ސައިޓުގައި ރަޖިސްޓްރީވުމާއެކު ބެލެނިވެރިޔާގެ ފޯނަށް މެސެޖެއް ފޮނުވައިދޭނެ އެވެ. އޭގެ ފަހުން "ޗެރިޓީ ޕޭޖު" ހަދަންވީ އެވެ.
ޗެރިޓީގެ ގޮތުގައި ކޮންމެ ކުއްޖަކަށް ރެއިޒް ކުރެވޭނީ 2،000ރ. އެވެ. މި ފައިސާ ހަމަވުމުން އެކަމަށް ހާއްސަ ބެޖެއް ލިބޭނެ އެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބާއްވާ "ވައު ކިޑްސް ރަން" ބައިވެރި ވެވޭނީ ޓީއެފްޖީގެ "3000 ޓީއެފްޖީ ޑޮޓްކޮމް" ސައިޓުންނެވެ.
މި އަހަރު 900 މީހަކަށް ޖާގަ ލިބޭނެ އެވެ. މިގޮތުން ބައިވެރިވާން މީހުންނަށް އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ ފުރުސަތު ވެސް މި ސައިޓުން ލިބޭނެ އެވެ. މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ދައްކާ ރެޖިސްޓްރޭޝަން ފީގެ 15 ޕަސެންޓް ކެއާ ސޮސައިޓީ އަށް ހަދިޔާ ކުރަން ޓީއެފްޖީ އިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއްގައި ބައިވެރިވަމުންނެވެ. އިޖުތިމާއީ ޒިންމާގެ ދާއިރާ އަށް 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.