ތޭވީސް އަހަރުވީ ފިލްމީ ހަޔާތުގައި އޭނާއަކީ "ވަރަށް ކާމިޔާބު މީހެއް" ކަމަށާއި ފިލްމީ ކެރިއަރުގައި އޭނާއަށް ނުލިބޭ ކާމިޔާބީއެއް ނެތް ކަމަށް މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ބުނެފި އެވެ. ނިއުމާ މިހެން ބުނީ ޓީވީއެމްގެ "ފިލްމީ އުދަރެސް" ޕްރޮގުރާމްގަ އެވެ.
"ފިލްމީ ދާއިރާގައި އަޅުގަނޑަކީ ވަރަށް ކާމިޔާބު މީހެއްގެ ގޮތުގައި ދެކެނީ. މި ދާއިރާގައި އަޅުގަނޑަށް ނުލިބޭ އެއްވެސް ކާމިޔާބީއެއް ނެތް. އަޅުގަނޑަށް ހުރިހާ ކާމިޔާބީއެއް ވެސް ލިބިއްޖެ." ނިއުމާ ބުންޏެވެ.
ނިއުމާ މިހާރު ވަނީ ފިލްމު ކުޅުން ހުއްޓާލަން ނިންމާއި އޭނާގެ އެންމެ ފަހު ފިލްމުވެސް އިއުލާނުކޮށްފަ އެވެ. އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅީ" ގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދެއެވެ. މި މަސް ނިމޭ ހިސާބުގައި ޝޫޓިން ފަށާނެ އެވެ.
ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ އުމުރުން 17 އަހަރުގައި ޓީވީއެމްގެ "ކައްތިރި" ޑްރާމާއިންނެވެ. މިހާރު އޭނާގެ އުމުރުން 41 އަހަރެވެ. ފިލްމީ ކެރިއަރުގައި އޭނާ ވާނީ ގިނަ އެވޯޑުތަކެއް ހޯދާފަ އެވެ. ގައުމީ ފިލްމު އެވޯޑުގައި ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފައިވެ އެވެ.
"ކުރީގައި ފިލްމީ ދާއިރާގައި ފުރުސަތުތައް ވަރަށް މަދު. އޭރުގައި ވެއްޖެއްޔާއި އެކްޓިން ރަނގަޅުވެއްޖެއްޔާ ލިބޭ ފުރުސަތުތައް ކޮންމެސް ވަރަކަށް ގިނަ. އޭރުގައި އެއްވެސް މީހަކު ބޭނުމެއް ނުވޭ އާ މީހަކު ލައިގެން އެއްވެސް ކަހަލަ ރިސްކެއް ނަގާކަށް." ފިލްމީ ދާއިރާގެ އެހާރާއި މިހާރުގެ ހުރި ތަފާތުތަކާއި ބެހޭ ގޮތުން ނިއުމާ ބުންޏެވެ.
"ނަމަވެސް މިހާރު އާ ކުދިންނަށް ފުރުސަތުތައް އެބަ އޮތް. ވަރަށް ގިނަ ޕްރޮޑިއުސަރުން އާ ކުދިން ނެރެގެން ރިސްކު ވެސް އެބަ ނަގާ. އާ ކުދިން ލައްވާ ވެސް ހަމަ ރަނގަޅު ސްކްރީންޕްލޭއަކަށް މޮޅު އެކްޓިންއެއް ދައްކާ ފިލްމެއް ހެދިދާނެ. ހުނަރުޖެހޭނީ އެ ޑައިރެކްޓަރެއްގެ ކިބައިގައި ހުންނަން."
"ކުރީގައި ފިލްމީ ދާއިރާގައި އެއްޗެހި މަދު އެކަމަކު މަސައްކަތް ރަނގަޅު. އެކަމަކު މިހާރު އެއްޗެހި ހުރެފައި މަސައްކަތް އެންމެ ރަނގަޅު ނުވާތަން އެބަ އާދޭ. އެއީ މީހުން ދޭންޖެހޭ ވަރަށް މަސައްކަތައް ޑެޑިކޭޝަން ނުދޭތީހެން ހީވަނީ."
މައްސަލަތައް ހުރި ނަމަވެސް ކުރިއާއި އަޅާ ބާލައިރު ފިލްމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ނިއުމާ ފާހަގަކުރި އެވެ. މޮޅު ފިލްމުތަކާއި އާ އެކްޓަރުން ދާއިރާއަށް ތައާރަފުވަމުން އަންނަތީ އުފާ ކުރާކަމަށްވެސް ނިއުމާ ބުންޏެވެ.
ފިލްމުތަކުގައި އެކުގައި މަސައްކަތް ކުރަން އެންމެ ފަސޭހައީ ކާކުއާއި އެކުތޯ އެހުމުން ނިއުމާ ބުނީ، "އަޅުނޑަށް އެންމެ ފަސޭހައީ ޔޫއްޕެއާއެކު މަސައްކަތްކުރަން. ޔޫއްޕެއާއެކު ކާމިޔާބު ގިނަ ފިލްމުތަކެއްވެސް ކުޅެވުނު." އެވެ. ނިވައިރޯޅީގައި ވެސް ނިއުމާއެކު ޔޫއްޕެ ލީޑު ރޯލަކުން ފެނިގެންދާނެ އެވެ.
"ފިލްމީ ދާއިރާއަކީ އަޅުގަނޑު ވަރަށް ލޯބިޖެހިފައިވާ ދާއިރާއެއް. ދުރުގައި ހުންނަން ކިތައްމެ ބޭނުންވިޔަސް އަސްލު ނުހުރެވޭ. އެހާ ގިނަ ދުވަހު މި ދާއިރާގައި މަސައްކަތް ކުރެވިއްޖެ. އެހާ ގިނަ ދުވަހު މިދާއިރާގައި މީހުނާއެކު އުޅެވިއްޖެ." ނިއުމާ ބުންޏެވެ. "އަޅުގަނޑަށް ހަމަ ފެމިލީ ފީލްއެއް އަބަދުވެސް ލިބެނީ. އެހެންވެ އުނދަގޫވަނީ މަސައްކަތާއި ދުރުގައި ހުންނަ."
"ކެމެރާ ކުރިމަތިން ދުރަށް ދާތީ އެއްވެސް ވަރަކަށް ދެރައެއް ނުވަން. އަޅުގަނޑު ގަބޫލު ކުރަން ފިލްމީ ދާއިރާގައި މަޝްހޫރު މީހެއްގެ ގޮތުގައި ހުރެ އަޅުގަނޑަށް ބައެއް ކަހަލަ ކުށްތައް ކުރެވިފައިވާކަން. އަޅުގަނޑަކީ ވެސް އިންސާނެއްވީމަ މިފަދަ ކަންކަންވާނެ. އެކަހަލަ ހުރިހާކަމަކަށް އަޅުގަނޑު ފޭނުން ކައިރީ މާފަށް އެދި ފޭނުންވެސް އަޅުގަނޑަށް މާފުކޮށްދިން. އެހެންވީމާ އެއްވެސް ކަހަލަ ރިގްރެޓެއް ނެތް މިހާރު."
ފިލްމުގައި އެކްޓުނުކުރި ނަމަވެސް ފިލްމީ ދާއިރާގެ ކޮންމެސް ހިސާބަކުން އަބަދުވެސް ފެންނާނެ ކަމަށް ނިއުމާ ބުންޏެވެ. ނިއުމާ ބުނީ ކުރިއަށް އޮތްތަނުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ. ނިވައިރޯޅިއަކީ އޭގެ ފެށުން ކަމަށް ނިއުމާ ބުންޏެވެ.