ރިޕޯޓް

މުޅި މާހައުލުގަައި ވެސް ޕްލާސްޓިކް!

މަރުވެފައިވާ ދޫނިތަކެއްގެ ބަނޑުގައި ޕްލާސްޓިކް ކުނިބުނި ހުރިތަން ފެންނަ ފޮޓޯތަކެއް ފެނިފައި ވެދާނެއެވެ. މައިކްރޯޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވަމުންދާ ވާހަކަވެސް އަހާފަައި ވެދާނެއެވެ. ފަސް މިލިމީޓަރަށް ވުރެ ކުދި އެފަދަ ޕްލާސްޓިކްގެ ސަބަބުން މަސްމަހާ މެއްސަށާއި ކަނޑުގެ އެހެން ދިރުންތަކަށް ގެއްލުއްވާ ވާހަކައެވެ.

ޕްލާސްޓިކުން ކަނޑުތަކުގެ ދިރުމަށް އަދި އެގޮތުން އިންސާނުންނަށް ކުރާ އަސަރު ދިރާސާކުރާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެކަަމަކު ޕްލާސްޓިކްގެ ސަބަބުން ވަޔާއި ގަސްގަަހާގެހި ހިމެނޭ ގޮތުން މާހައުލުގެ އެހެން ބައިތަކަށް ކުރާ އަސަރު ދިރާސާކުރަން އަދި ދުނިޔޭގައި އަދިކރިޔާ ފެށީއެވެ. އެގޮތުން ފާއިތުވި މަދު އަހަރުތަކެއްގައި ސައިންސްވެރިން ވަނީ ބޯފެނާއި ވައިގައި ޕްލާސްޓިކްގެ އަސަރު އެކުލެވޭ މިންވަރާ ބެހޭ ގޮތުން ބައެއް ދިރާސާތައް ކޮށްފައެވެ.

ވެއްޔާއި ވައިގައިވާ ޕްލާސްޓިކް އައީ ކޮންތާކުން؟

ވެއްޔާއި ވައިގައި ވެސް އެކުލެވޭ ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތަކުގެ ބޮޑުބަޔަކީ ގަސްކާނާގެ ތެެރެއިންް ބޭރުވާ ތަކެއްޗެވެ.

ސެވޭޖް ސްލަޖް އަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ގަހުކާނާގެ ގޮތުގައި ބޭންކުރާ އެއްޗެކެވެ. ސެވޭޖް ސްލަޖަކީ ނަޖިސްފެން އަލުން ބޭނުންކުރެވޭ ގޮތަށް ޓްރީޓްކުރާ އިރު އުފެދޭ ކޮންމެވެސް ވަރަކަށް ހަރު ބާވަތެކެވެ. އޭގައި މައިކްރޯ ޕްލާސްޓިކް އެކުލެވެން މެދުވެރިވާ ސަބަބަކީ ކޮސްމެޓިކްސްގެ ބައެއް ބާވަތްތަކުގައި (މޫނު ދޮންނަ ކްރީމް ފަދަ ބާވަތްތަކުގައި) މައިކްރޯބީޑްސް އެކުލެވުމެވާއި އަންނައުނުގައި ވެސް ޕްލާސްޓިކް އެކުލެވުމެވެ. ކޮސްމެޓިކްސްގައި އެކުލެވޭ މައިކްރޯ ޕްލާސްޓިކް ނަޖިސްފެނާ އެކުވަނީ ސިންކްތަކުން ބޭރުވާ ފެނުންނެވެ.
ކަންބޮޑުވާން ޖެހޭ ކަމަކީ މިފަދަ ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ސީދާ އަސަރު އަދި ވެސް އޮތީ ނޭނގުމުގެ ތެރޭގައި ކަމަށް ވުމެވެ.

" ބިމުގައި ކަންތައް ވާގޮތް [ޕްލާސްޓިކް ގެ ސަބަބުން ކަންވާ ގޮތް] ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް،" އާނީ މޭރީ މަހޮން ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.

އޭނާއަކީ އަޔަލޭންޑްގެ ޑަބްލިންގައިވާ މާޔޯ އިންސްޓްޓިއުޓް އޮފް ޓެކްނޮޖީގައި މަސައްކަތްކުރައްވާ މުހައްލިލެކެވެ. އަޔަލޭންޑްގެ އިސްކުރު ފެން ދިރާސާކުރައްވައި އެ ފެނުގައި ޕްލާސްޓިކް އެކުލެވޭކަން އޭނާ ވަނީ ހޯއްދަވާފައެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި މަޝްހޫރު ބްރޭންޑްތަކުގެ ފުޅީގައި ބަންދުކުރި ފެނުގައި ވެސް ޕްލާސްޓިކް އެކުލެވެއެވެ.

" ވެލިގަނޑުގެ ތެރެއިން އެތަކެތި ދަތުރުކުރޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެއް،" އެނާ ވިދާޅުވެފައި ވެއެވެ.

ކާނާގެ ސިލްސިލާއަށް ޕްލާސްޓިކްގެ ސަބަބުން ކުރާ ސީދާ އަސަރު ދެނެގަނެވިފައި ނުވިޔަސް ހޯދިފައިވާ އެއްކަމެއް އެބަ އޮތެވެ. އެއީ އެތަކެތީގެ ސަބަަބުން ކިލާފަނިތަކުގެ ސިއްހަތަށް އަސަރުކޮށް، އެސޮރުމެން މަރުވާ މިންވަރު އިތުރުވެފައިވާކަމެވެ.

ލަންޑަނުަގައިވާ ކިންގްސް ކޮލެޖްގެ އެންވަޔަރްމެންޓަލް ރިސާޗް ގްރޫޕުގައި އިސްކޮށް މަސައްކަތްކުރައްވާ ފްރޭންކް ކެލީ ވިދާޅުވާ ގޮތުގައި ބިމަށް އެޅޭ މައިކްރޯ ޕްލާސްޓިކްތައް ވައިގައި ވެސް އެކުލެވެއެވެ.

" ވައިގައި ޕްލާސްޓިކް އެކުލެވޭކަން ޔަގީން. ބަލަން ޖެހިފައި އޮތް ކަމަކީ ވައިގައި ޕްލާސްޓިކް އެކުލެވެނީ ކިހާ މިންވަރަކަށް ކަން،" ކެލީ ވިދާޅުވެފައި ވެއެވެ.

ވައިގެ ތެރެއަށް ޕްލާސްޓިކް ބޭރުވާ އެއް ގޮތަކީ ގަހުކާނާ ބިންމަތީގައި ހުރެ ހިކުމެވެ. އެގޮތަށް ހިކުމުން އޭގައި އެކުލެވޭ ޕްލާސްޓިކްކޮޅުތައް ވައިގެ ތެރެއަށް ބޭރުވެއެވެ.

" ގޭގެ ތެރޭގައި ތިއްބަސް، ޕްލާސްޓިކުން ސަލާމަތެއް ނުވެނޭނެ، ދޫލަތަކާއި އަންނައުނުން ވެސް ގޭގައިވާ ވައިގެ ތެރެއަށް ޕްލާސްޓިކް ބޭރުވާނެ، އޭނާ ވިދާޅުވެފައި ވެއެވެ.

ކުރިމަަތިވާނެ ސިއްހީ މައްސަލަތައް

ފެންސާފު ކުރުމުގައި އުފެދޭ ގަހުކާނާގައި އެކުލެވޭ ޕްލާސްޓިކް ވެލިގަނޑާއި ވައިގެ ތެރެއަށް ބޭރުވަނީ ނަޖިސްތަންތަނުގެ ތެރެއިން ދައުރުވުމަށް ފަހުގައެވެ. އެހެންވީމާ އެތަކެތީގައި ނުރައްކާތެރި ބެކްޓީރިއާތަައް އެކުލެވެއެވެ. އެހެންވީމާ އެތަކެތި އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ދާނީ އެފަދަ ބެކްޓީރިއާތަކާ އެކުގައެވެ.

އަނެއް ކަމަކީ އެފަދަ ޕްލާސްޓިކްގައި ގިނަ އަދަދެއްގެ ކެމިކަލް އެކުލެވުމެވެ.

އެކަށީގެންވާ މިންވަރަކަށް އެފަދަ ކެމިކަލްތައް ހަށިގަނޑުގެ ތެރެއަށް ގޮސްފި ނަމަ ސެލްތަކަށް ގެއްލުންވެ، ސެލްތައް މަރުވެސް ވާނެ. ބަދަލުގައި ސެލް އުފެދިދާނެ ނުވަތަ ނުއުފެދިވެސްދާނެ. " ކެލީ ވިދާޅުވެފައި ވެއެވެ.

ނަަމަވެސް މަހޮންއާއި ކެލީވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ވަޔާއި ވެލީގައި އެކުލެވޭ ޕްލާސްޓިކްގެ ސަބަބުން ލިބިދާނެ ކަމަށް ބެލެވޭ މިގެއްލުންތައް އަދި ތަފުސީލުކޮށް ބެލިފައެއް ނުވެއެވެ. އިތުރު ދިރާސާތައް އަވަހަށް ކުރުމުގެ މުހިއްމުކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެއަށް ވުރެ ވެސް މުހިއްމު ކަމަކީ މާހައުލުގެ ތެރެއަށް ޕްލާސްޓިކް ބޭރުވާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމެވެ.