މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ދެ ވަނަ ޝޯ ރޭ އޮލިމްޕަހުގައި ދައްކަމުން އަންނަނިކޮށް އޮލިމްޕަހުގެ ޕްލޭބެކް ސިސްޓަމަށް މައްސަލަތަކެއްޖެހި ފިލްމު އެޅުވުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ޕްލޭބެކް ސިސްޓަމަށް ޖެހުނު މައްސަލައާއި ގުޅިގެން ފިލްމުގެ އެކި ހިސާބުތަކުގައި އޯޑިއޯއާއި ވީޑިއޯ ދިމާނުވުމާއި ވީޑިއޯ ކެނޑުންފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ. މިހެން މިކަންވާން މެދުވެރިވީ އޮލިމްޕަހުގެ ޕްލޭބެކް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށް އޮލިމްޕަސް ހިންގާވާ ފަރާތާއި ހަވާލާދީ ފިލްމުގެ ޑައިރެކްޓަރު މަރިޔަމް މޫސާ އަވަސްއަށް މައުލޫމާތުދިނެވެ.
ޑައިރެކްޓަރު މަރިޔަމް ބުނީ ރޭގެ ޝޯގައި ދިމާވި މި މައްސަލައާއި ގުޅިގެން ބައެއް ބެލުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
"އޮލިމްޕަހުގެ ޓެކްނިކަލް މަސައްކަތް ކުރާ ބޭފުޅުން ވިދާޅުވީ ޕްލޭބެކް ސޮފްޓްވެއާގެ މައްސަލައެއް ކަމަށް ގަބޫލުކުރާކަމަށް. ދެން އަންނަ ޝޯތަކުގައި މި މައްސަލަ ހައްލުކޮށްދޭނެ ކަމަށް ވިދާޅުވި." މައްސަލަ ހައްލުކުރުމަށް އޮލިމްޕަހާއެކު މަސައްކަތްކުރަމުން އަންނަކަމަށް މަރިޔަމް ބުންޏެވެ.
"މިކަމަށް ފިލްމުގެ ފަރާތުން ނިހަޔާތައް މާފަށް އެދެން އަދި އޮލިމްޕަސް ހިންގަވާ ބޭފުޅުންނާއި ވާހަކަ ދައްކައިގެން ކުރިއަށްހުރި ތިން ޝޯ އޮންނަ ރޭތަކުގައި މިކަން ހައްލުކުރާނަން." ކުރިއަށް އޮތް ތިން ޝޯ އޮންނާނީ މި މަހު 26، 27 އަދި 28 ވަނަ ދުވަހުގެ ރޭގަ އެވެ.
"މިފަދަ ކަމެއް ޝްވެކް ސިނަމާގެ ޝޯތަކުގައި ދިމާނުވޭ. ފުރަތަމަ ޝޯއަށްފަހު ފިލްމަށް ލިބޭ ތަރުހީބުވެސް އިތުރުވި." މަރިޔަމް ބުންޏެވެ. "ޓިކެޓް ސޭލްވެސް ރަނގަޅުވަމުން އަންނަނިކޮށް މިކަހަލަ ކަމެއް ދިމާވީމާ ވަރަށް ކަންބޮޑުވެފައި މިހުންނަނީ."
ރޭގެ ޝޯއަށް ދިޔަ ބައެއް ބެލުންތެރިން މިކަމާއިމެދު ހިތްހަމަނުޖެހި ފިލްމު އެޅުވީ މަސައްކަތްތައް ނުނިންމާއި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އޮލިމްޕަހުގައި އެޅުވި މި ފިލްމުގެ ފުރަތަމަ ޝޯއާއި ޝްވެކް ސިނަމާގައި އެޅުވި ޝޯތަކުގައި މިފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެ އެވެ.
އޮލިމްޕަހުގައި މީގެ ކުރިން އެޅުވި ބައެއް ފިލްމުތަކުގައިވެސް ޝޯ ދައްކަމުން އަންނަނިކޮށް ވީޑިއޯ ކެނޑުންފަދަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. މިހާރު އޮލިމްޕަހުގައި ހުރި މުސްކުޅި ސައުންޑް ސިސްޓަމްގެ މައްސަަލައަކީވެސް ފިލްމު އުފައްދާ ފަރާތްތަކާއި ބެލުންތެރިން އަބަދުހެން ކުރަމުން އަންނަ ޝަކުވާއެކެވެ.
ނޭޝަލް ސެންޓާ ފޯ ދި އާޓްސް (އެންސީއައި) ގެ ބެލުމުގެ ދަށުން ހިންގަމުންއައި އޮލިމްޕަސް މި މަހު ދެއްގައި ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ހިންގުމާއި ހަވާލުކޮށްފަ އެވެ. ޕީއެސްއެމްއާއި އެތަން ހަވާލުކުރުމާއެކު އޮލިމްޕަހުގެ ކުލީގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ.
އޮލިމްޕަހުގެ އެތެރެ މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ޒަމާނީ ފެންވަރުގައި ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރު ހަލާކުވެފައި ހުރުމުން، އާ ތަކެއްޗާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޒުވާނުންނަށް ހާއްސަ ވަސީލަތްތައް ތަނަވަސްކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.