ރިޕޯޓް

ޔާމީންގެ މަރަށް އަހަރެއް: އެ ހަނދާންތަކަށް ނިމުމެއް ނެތް

Apr 23, 2018
13

"ވަރަށް އެކަނިވެރި، ބޮޑު ހުސްކަމެއްގެ ތެރޭގައި އުޅެން ޖެހިފައި މިއޮތީ، ކުދިންގެ ހިތްވަރު އެއްކޮށް ނެތި ގޮސްފި، އެއް އަހަރު މިދިޔައީ ހަމައެކަނި ޔާމީން އާ ނުލާ ހެނެއް ހީވެސް ނުވޭ، ހީވަނީ ޔާމީންއާ އެކު އާއިލާ ވެސް ނެތިގެން ގޮސްފިހެން، މުޅި ހަޔާތް އެފުށް މުފުށަށް ޖަހާލައިފި..." އަތުގައި އޮތް ޓިޝޫކޮޅުން ލޮލުން އޮހޮރެމުންދާ ކަރުނަތައް ފޮހެމުން ޔާމީން ރަޝީދުގެ މަންމަ، މަރިޔަމް ޝަފީގާ ބުންޏެވެ.

އޭނާގެ ދަރިފުޅު ރަހުމު ކުޑަ ގޮތަކަށް ގޭގެ ސިޑިގޮޅި ކައިރީ "ކޮށައި" މަރާލިތާ މިއަދަށް 1 އަހަރު ފުރުނީ އެވެ. އެ ބިރުވެރި ހަނދާންތަކާއެކު އާއިލާއަށް މިދިޔަ އެއް އަހަރު ކަޑަތު ކުރަން ޖެހުނީ ވޭނާއި ހިތާމަތަކާއި އިންސާފަށް އެދި ސަލާން ޖެހުމުގަ އެވެ. އެކަމުގެ ތެރޭގައި އަހަރުވެގެން ދިޔަ ގޮތް ނޭނގެ އެވެ.

"އަވަސް"ގެ ނޫސްވެރިން މީގެ އަހަރެއްހާ ދުވަސް ކުރިން އާއިލާއާ ބައްދަލު ކުރުމަށް ދިިޔަ އިރު ޔާމީންގެ މަންމަ އާއި ބައްޕަގެ މޫނު މަތިން ހުރި އުދާސްތައް އަދިވެސް އަހަރުވެގެން ދިޔަ އިރުވެސް ފިލައިގެން ނުދެ އެވެ. ގޭގެ ތެރޭގައި އަދިވެސް އޮތީ ހަމަ އެ ހިމޭން ކަމާއި މާޔޫސް ކަމެވެ. ދައްކަން ފަސޭހަ ވާހަކައެއް ނޫނަސް، އެންމެ ހީވާގި އަދި އެންމެ އިންސާފަށް ލޯބި ކުރި ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އާއިލާއަށް މިއަދު އޮތީ އެ ވާހަކަތައް ހިފައިގެން ދުވަން މަޖުބޫރުވެފަ އެވެ.

"އެއް އަހަރު ވެގެން ދިޔަ އިރުވެސް ހިތަކަށް ނާރާ އެހާ ދުވަސްވިހެން، ކޮންމެ ދުވަހަކު ވެސް އެ ޒަހަމްތައް އަލުން ހަމަ ތާޒާކޮށް ތަހަންމަލު ކުރަން ޖެހޭ، ގޭ ތެރޭގައި ކުދިންނަށް ވެސް މުޅި އައިލާއަށް ވެސް ވަރަށް އަސަރުކޮށްފައި އެ ހުރީ، ހަމައެކަނި އެ ކުއްޖާ [ޔާމީން] މަރާލާފައި ވައްޓާލުމުން ނެތިގެން ދިޔައީމަ އެ ނިމުނީކީ ނޫން، ދެން އެ ހިސަބުން އާއިލާއަށް ދިމާވާ ހިތްދަތި ކަމާއި އެކުދިންނަށް ކުރާ އަސަޜާއި ދެން ތިބި ކުދިންނަށް ނަފްސާނީ ގޮތުން ދިމާވެފައި ހުރި ކަންކަން ވަރަށް ބޮޑެތި،" ޔާމީންގެ މަންމަ ބުންޏެވެ.

އެ މީހުން ބުނަނީ މަގުމަތީގައި އުޅުން ވަރަށް އާދައިގެ ކުދިން ކޮޅެއް ކުރި ކަމެކޭ، އެއްވެސް ސިޔާސީ ބައެއް ބާރު ގަދަ ބައެއް ފަންޑު ކުރި ފަރާތެއް ވެސް އެއްވެސް ބައެއް ނެތް ކަމަށް، އެހެންވެ ކީއްވެގެންހޭ ސިއްރު ކުރަނީ މިހާ ބޮޑަށް، މިއީ ވަރަށް ދެރަ ކަމެއް، އެއްވެސް ތަނަކުން އެކަމާ ގުޅިގެން ޖަވާބެއް ވެސް ވާހަކަދައްކާލާކަށް ވެސް ބޭނުމެއް ނުވޭ،
ޔާމީންގެ މަންމަ

މަންމައަށް ބައެއް ފަހަރު ރޭނގަޑު ނިދަން އޮވެ އޭނާގެ ދަރިފުޅު ގެއަށް ވަންނަ ހެން ހީވެ އެވެ. ބޯ ހިތްލާލާފައި ބަލައިވެސް ލެވެއެވެ. އެ ހަނދާންވާ ކޮންމެ ފަހަރަކު ހިތް ފަޅައިގެންދާހާ ދެރަވެ އެވެ. އާއިލާގެ ދެން ތިބި ކުދިން ރޭނގަޑު ބައެއް ރޭތަކުގައި ހޭލައި ބިރުން ނުނިދިފައި ހުރެ އެވެ. ނަފްސާނީ ގޮތުން އެތަށް ވޭނެއް އާއިލާ އިން ދަނީ ތަހަންމަލު ކުރަމުންނެވެ.

"ބަޔަކަށް ނޭނގޭނެ އެއްވެސް އެއްޗެއް، މީހަކު އަނިޔާއެއް ދޭ ވަރުގެ ކުއްޖެއް ނޫން މަގޭ ދަރިފުޅަކީ، އެކުއްޖާ ދަންނަ މީހުން އެނގޭނެ އެއީ ގޯސް ކުއްޖެއް ނޫން ކަން..." އަޑު ނަގައި ރޯން ފަށައި، މަންމަގެ ވާހަކަ މެދުކެނޑުނެވެ.

ޔާމީން ގަބޫލު ކުރި ހަމައެކަނި އެއްޗަކީ އަދުލްއިންސާފް!

އިޖްތިމާއީ މައްސަލަތަކާއި އިންސާފު ހޯދަން ގޮވާލާ ބާއްވާ ކޮންމެ ހަރަކާތެއްގައި ޔާމީން ނުފެނި ދިޔުމަކީ މަދުން ނޫނީ ނުވާނެ ކަމެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި އަނިޔާވެރި ގޮތަކަށް މަރާލި އިބްތިހާލް އާއި އެފަދަ ހުރިހާ މައްސަލަތަކަކާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި އެންމެ އިސްކޮށް ޔާމީން އުޅެ އެވެ.

އޭނާގެ ބައްޕަ ބުނި ގޮތުގައި ޔާމީން ބޮޑުވެގެން އައީ ވެސް އަދުލްއިންސާފާ ގުޅޭ ވާހަކަތައް އަބަދު ދެކެވޭ މާހައުލެއްގަ އެވެ. ހަމަހަމަކަމާއި އިންސާފު ގާއިމް ކުރުމަކީ ޔާމީންގެ ބައްޕަ އަބަދުވެސް ގޭގެ ތެރޭގައި ދައްކާ އާއިލާއަށް ކިޔާދޭ ވާހަކައަކަށްވާތީ ފެށުނީއްސުރެއް ޔާމީން ވެސް ބޭނުންވަނީ އަދުލްއިންސާފު ގާއިމް ކުރުމަށް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"ޔާމީންގެ ވެސް ވިސްނުމާއި ފިކުރު ހުންނަނީ އަދުލްއިންސާފުގެ ފިކުރެއް، އެކަމަކު އެއީ ބޮޑު ކުއްޖެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އަޅުގަނޑު އަބަދުވެސް ބުނަމުން ދިޔައީ އަދިވެސް އިތުރަށް ކިޔަވަން ބޭރަށް ފުރަން، އެއީ އަޅުގަނޑުގެ އަބަދުގެ ނަސޭހަތަކީ ވެސް، އަޅުގަނޑުގެ ބަހަކަށް ނޫނެކޭ ވެސް ނުބުނާނެ، އޭނާ ހަމައެކަނި ޝައުގު އެ ހުންނަނީ އިންސާފު ގާއިމް ކުރަން،" ޔާމީންގެ ބައްޕަ ބުންޏެވެ.

ނަމަވެސް މިއަދު ޔާމީންއަށް އިންސާފު ހޯދަން މުއައްސަސާތަކުގެ ވެރިންގެ "ފައިބުޑަށް" ވެއްޓި އާދޭސް ކުރަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފެށުނީއްސުރެއް ކަންކަން ހިނގައި ދިޔަ ގޮތުން ކޮންމެވެސް ނުބައެއް އުޅޭކަން ފާހަގަވެ އެވެ. ޔާމީންގެ މައްސަލާގައި މުއައްސަސާތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ އިރު އިންސާފުގެ ކަންފުޅެއް ވެސް ލިބޭނެ ގޮތަކަށް އަދިވެސް އެ ފަރާތްތަކުން އަމަލު ނުކުރާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"ދަރިފުޅާ ވަރަށް ހާއްސަ ގުޅުމެއް އޮވޭ ހިތުގައި... ކުޑަކޮށް ވެސް ހަނދާނެއް ނުނެތޭނެ ޔާމީންއެއް، އުންމީދުވެސް ނުކުރަން މި ދުވަސް ފެންނާނެ ކަމަކަށް، އަބަދު މި ވިސްނަނީ ދަރިފުޅަށް އިިންސާފު ހޯދައި ދެވޭނީ ކިހިނެތްތޯ.." ރުއިމައެކު އޭނާގެ ބައްޕަ ވެސް ބުނަމުން ދިޔައީ މިހެނެވެ.

ސިއްރު ކުރާތީ ގިސާސް ހިފަންވެސް ނިންމާނެ ގޮތެއް ނޭނގޭ

ޔާމީންގެ މަރަށް ފަހު ފުރަތަމަ ފުލުހުން ތަހުގީގު ކުރިޔަށް ގެންދިޔަ ގޮތާއި، މީޑިއާއަށް މައުލޫމާތު އާންމުކުރަން ފެށުމުން އޭނާއަށް އިންސާފު ލިބިދާނެ ކަމުގެ ކުޑަ އުންމީދެއް އޭނާގެ މަންމައަށް ލިބުނެވެ. ފުލުހުން މާ ގިނަ ވާހަކަތަކެއް އާއިލާއަށް ހިއްސާ ނުކުރިޔަސް ތަހުގީގުތައް ކުރިޔަށް ދިޔަ ގޮތުން އާއިލާއިން ތިބީ ކޮންމެވެސް ވަރަކަށް އިންސާފު ލިބޭނެ ކަމަށް ބަލައިގެނެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު މުޅި މަންޒަރު ބަދަލުވެއްޖެ އެވެ.

"އިންސާފު ލިބޭ ކަން އަޅުގަނޑުމެންނަށް ކިހިނެތް އެނގޭނީ، އެންމެ ޝަރީއަތެއް ވެސް ހުޅުވައެއް ނުލާ، އެހެންވެ ވާއެއް ނުވާއެއް އަދި ޝަރީއަަތް ހިންގާ ކަމެއް ވެސް ނޭނގެ، އެހާ ބޮޑު އަނިޔާއެއް ދީފައި އެކުއްޖާ މަރާލީ އިރު ވީއެއް ނުވީއެއް އެއްވެސް ވަރަކަށް ނޭނގޭތީ ވަަރަށް ކަންބޮޑުވޭ ވަރަށް ދެރަވޭ،" އޭނާގެ މަންމަ ބުންޏެވެ.

ޔާމީންގެ މައްސަލަ ހުޅުވާލައިގެން ނުބާއްވާތާ، އޭނާގެ މައްސަލަ އެއްވެސް މުއައްސަސާއަކުން ސީރިޔަސްކޮށް ނުބަލާ ކަމަށް އޭނަގެ މަންމަ ބުންޏެވެ. އެކި ކަންކަމުގައި ކަމާ ބެހޭ މުއައްސަސާތަކަށް ބަދަލު ކުރަން އެދުން ނަަމަވެސް އެންމެ ކުޑަމިނުން ވާހަކަދައްކާލައިކަށް ވެސް އެ ފަރާތްތަކަށް ކެރިވަޑައި ނުގަންނަވަ އެވެ. އެއް އަހަރުވީ އިރު އިންސާފު ނުލިބޭތީ ދެން އެ އިންސާފު ލިބުމުގެ ފުރުސަތު އިތުރަށް ހަނިވަމުންްދާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

އޭގެ އިތުރުން ޝަރީއަތްތައް ސިއްރު ކުރާތީ ގެއްލިގެން ދަނީ ވަރަށް ބޮޑު ހައްގެއް ގެއްލިގެންދާކަން ފާހަގަ ކުރައްވަމުން އޭނާގެ މަންމަ ބުނި ގޮތުގައި އިންސާފަށް ޝަރީއަތް ކުރިޔަށް ގެންދާކަން ނޭނގި ތިބެ، ގިސާސް ހިފަން އާއިލާ އިން ނިންމާނެ ގޮތެއް ނޭނގެ އެވެ. މީހެއްގެ ފުރާނަ ނަގާލަން ހުއްދަ ދެވޭނީ ޝަރީއަތް ކުރިޔަށް ގެންދާ ގޮތް އެނގިގެންނެވެ. އެހެންވެ މިއީ ކޮންމެހެން ވެސް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ޔާމީންގެ މަންމަ ބުންޏެވެ.

"އެކަން ހިނގި ގޮތެއް ވީގޮތެއް ހަގީގަތެއް އެއްވެސް ވަރަކަށް ނޭނގޭ، ހަމަ އިންސާފުން ވިސްނަންޏާ ކުރެވޭނެ ކަމެއް ވެސް ނޫން މިއީ، އަސްލު ވަރަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖެހޭނެ ޝަރީއަތެއް ކީއްވެގެން ކަމެއް ކާކަށް ކޯއްޗެއް ފޮރުވަން ކަމެއް ނޭނގެ ސިއްރު ކުރަނީ ކީއްވެ ކަމެއް ވެސް ނޭނގެ،" ޔާމީންގެ މަންމަ ބުންޏެވެ.. "އެ މީހުން ބުނަނީ މަގުމަތީގައި އުޅުން ވަރަށް އާދައިގެ ކުދިން ކޮޅެއް ކުރި ކަމެކޭ، އެއްވެސް ސިޔާސީ ބައެއް ބާރު ގަދަ ބައެއް ފަންޑު ކުރި ފަރާތެއް ވެސް އެއްވެސް ބައެއް ނެތް ކަމަށް، އެހެންވެ ކީއްވެގެންހޭ ސިއްރު ކުރަނީ މިހާ ބޮޑަށް، މިއީ ވަރަށް ދެރަ ކަމެއް، އެއްވެސް ތަނަކުން އެކަމާ ގުޅިގެން ޖަވާބެއް ވެސް ވާހަކަދައްކާލާކަށް ވެސް ބޭނުމެއް ނުވޭ،"

މާ ތަނަވަސްކޮށް އާއިލާ ނޫޅުނަސް ވަރަށް އުފަލުގައި ގުޅިގެން އުޅުނު ޔާމީންގެ އާއިލާ މިއަދު އޮތީ ހަމަހިމޭން ކަމާއި ނާމާންކަމެއްގެ އަނދިރީގަ އެވެ. ޔާމީންއަށް އިންސާފު ލިބޭނެކަން ކަށަވަރު ނުވާތާ އޭނާގެ މައްސަލަތައް ކުރިޔަށް ދާގޮތް ބަލާލުމުގެ ހައްގުން ވެސް އާއިލާ އޮތީ މަހުރޫމްކޮށްފަ އެވެ. އުފާވެރިކަމުގެ މާހައުލު އެއްކޮށް ނެތި މުޅި އާއިލާ "މަރުވި" ކަހަލަ އެވެ. ނަމަވެސް އަދިވެސް އާދޭހަކީ އިންސާފު ހޯދައި ދިނުމެވެ.