ރިޕޯޓް

ޔާމީންގެ މަރަށް ދެ އަހަރު، "ދުލެއް ނުކުރާނަން"

"ކުޑައިރުން ފެށިގެން ބަލާ ބޮޑުކުރި ދަރިފުޅު ޒުވާން އުމުރަށް ދާއިރަށް ކޮންމެ ވެސް މީހަކު އައިސް މަރާލަނީ، ވަޅި ޖަހާ، ނޫނީ އެހެން ގޮތަކަށް، އެ ހިސާބުން ދެން ނިމުނީ، މި ރާއްޖެއަކުން އިންސާފެއް ނުލިބޭނެ،" ބްލޮގާ ޔާމީން ރަޝީދު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ދުވަހު ބުނީ މިހެނެވެ.

އެ ދުވަހު އޭނާ އެ ވާހަކަ ދެއްކީ، އެއީ އޭނާއަށް ދިމާވާނެ ގޮތް ކަމުގެ އެއްވެސް އިޝާރާތެއް ވެގެންނެއް ނޫނެވެ. ގާތް އެކުވެރިޔާ އަހުމަދު ރިލްވާންއަށް ވީގޮތެއް ނޭނގި އެކަމުގެ ނުތަނަވަސްކަމުގަ އެވެ. އަދި، މާރާމާރީތަކާއި އެކި ގޮތްގޮތަށް މަރަމުންދާ ޒުވާނުންގެ އާއިލާތަކަށް އިންސާފު ހޯދުމަށް އޭނާ ކުރި މަސައްކަތުގެ ތެރެއިންނެވެ.

މީގެ ދެ އަހަރު ކުރިން މިއަދުުގެ އިރު ފެނުން ތޮޅިލީ މުޅި ރާއްޖެ ސިއްސުވާލާފަ އެވެ. އާއިލާއަކަށް މުޅި އުމުރުގައި ވެސް އަރައިނުގަނެވޭނެ ބޮޑު ހިތާމައެއް ދެމުންނެވެ. ދިރިއުޅޭ އަމިއްލަ ގޭގެ ސިޑި ކައިރީ ޔާމީން ރަޝީދުގެ ހަށިގަނޑަކަށް ވަޅީގެ އެތައް ހަމަލާއެއް ދިނީ އެވެ. އޭނާގެ ލޭ އޮހުރުވާލައި، އެ މީހުން ދުވެ ފިލީ އެވެ. އެ އަނިޔާތަކަށް އެ ޒުވާން ފުރާނައަކަށް ކެތެއް ނުކުރެވުނެވެ. ދުނިޔެ ދޫކޮށް ދިޔައީ އެންމެން ރޮއްވާލާފަ އެވެ. އެކުވެރިޔާ ރިލްވާންއަށް ވީގޮތް ވެސް ނުހޯދި އެވެ.

އިންސާފު ނުލިބޭ ކަމީ އޭނާ ހިތުގެ އަޑިން ގަބޫލު ކުރި ކަމެކެވެ. އެކަމަކު، އިންސާފު ހޯދުމަށް އޭނާ މަސައްކަތް ކުރުން ހުއްޓައެއް ނުލަ އެވެ. ރިލްވާންގެ ހަނދާން އޭނާ އާ ނުކުރާ ދުވަހެއް ނުދެ އެވެ. އެކުވެރިޔާގެ ހައްގު ނުހިނގާ މަގެއް ވެސް ނެތެވެ. ޔާމީންގެ ހިތްދަތި މަރަށްފަހު ވެސް ހިތްވަރާއެކު އޭނާގެ އާއިލާ ވެސް އިންސާފު ހޯދުމަށް ތެދުވެވުނީ އެހެންވެ އެވެ. ޔާމީން ދަސްކޮށްދިން ގޮތަކީ އެއީ ކަމަށްވާތީ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް އުފުލި އެވެ. އެއީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށްވެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދިވެސް އޮތީ ކުރިމިނަލް ކޯޓުގަ އެވެ. ދެ އަހަރުވީއިރު، ޔާމީންގެ މަރަށް އިންސާފެއް ނުލިބެ އެވެ. އަދި ޔާމީންގެ ގަތުލްގެ މަގުސަދެއް އަދިވެސް ފުލުހުންނަށް ބުނެ ނުދެވެ އެވެ.

ކިރިޔާ ވެސް އިންސާފުގެ އަލި ކަމެއް ފެންނަން ފެށީ އާ ސަރުކާރާއެކު އުފެދުނު ރިޔާސީ ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ގެންދަނީ އެ މައްސަލަ ވަރަށް ބާރަށް ތަހުގީގު ކުރަމުންނެވެ. ޔާމީންގެ މަރާ ގުޅޭ ގޮތުން ނޫނީ އޭގެ ކުރިން ވެސް އެކަމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓެއް ވިޔަސް ކޮށްފައިވާ މީހެއްގެ ވިއްޔާ ކޮމިޝަނުން ދަނީ ބަޔާން ނަގަމުންނެވެ. ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ރޭ ވިދާޅުވީ ޔާމީން އަދި ރިލްވާންގެ މަރުގެ އަޑީގައި ތިބި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ކޮމިޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ޔާމީން މަރާލުމުގެ މަގުސަދު ހޯދައިފައިވުން ކަމަށެވެ. އެކަމަކު އޭނާ އެކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އެމީހުންނަށް ކުށް ސާބިތުކުރުމަށް ހެކި މިހާތަނަށް ލިބިފައި ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. ހެކި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހޯދޭނެ ކަމުގެ ޔަގީންކަން ސުއޫދު ދެއްވަ އެވެ. އެމީހުންނާ ހަމައަށް އިންސާފު އަރާ ހަމަ ކުރާނެ ކަމަށް ސުއޫދު ވިދާޅުވެ އެވެ.

އެކަމަކު، އެ ކޮމިޝަނަށް ވެސް ބޭނުންވި ބާރުތަކެއް ނުލިބުނެވެ. ބާރު ދޭން ރައްޔިތުންގެ މަޖިލީހުން ވަނީ ދެކޮޅު ހަދާފަ އެވެ. ކުރިއެރުންތައް ލިބުނަސް، މައްސަލަ ސާބިތު ކުރަން ދަތިވާނެކަން ކޮމިޝަނުން ވެސް ވަނީ ހާމަކޮށްފަ އެވެ. މި ކަންކަމަކީ އިންސާފުގެ އެ ލިބުނު އަލި ކަމަށް ކޮންމެ ވެސް ވަރެއްގެ ހިޔަންޏެއް އެޅި މާޔޫސްކޮށްލާފައިވާ ކަމެކެވެ.

އެހެން ވިޔަސް، ޔާމީންގެ އާއިލާއިން ތިބީ ދޫދޭކަށް ނޫނެވެ. އެ އާއިލާއިިން އަދި އެކުވެރިން ވެސް ބުނަނީ "ދުލެއް ނުކުރާނަން" ކަމަށެވެ.

ޔާމީން ރަޝީދު 2016 ވަނަ އަހަރު ދީފައިވާ އިންޓަވިއުގައި އޭނާ އިސްވެ ހުރެ، އޭރު ހިނގާފައިވާ މަރުތަކަށް އިންސާފު ހޯދުމަށް ބައެއް އާއިލާތަކާ ބައްދަލުކުރިކަން ހާމަކޮށްފައިވެ އެވެ. އެކަމަކު އެ އާއިލާތަކުގެ މެންބަރުންގެ ފަރާތުން ފެނުނީ މާޔޫސްކަމާއި ނުތަނަވަސްކަން އޭނާ ބުންޏެވެ. އެއީ އޭނާގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސްކޮށްލި ކަމެއް ކަމަށް ވެސް ބުންޏެވެ. އެކަމަކު އެ ނޫން ގޮތެއް ހޯދައި، އިންސާފު ހޯދުމަށް މަސައްކަތް ކުރުމަށް އޭނާ ހިތްވަރު ދިނެވެ.

"ޑޯންޓް ލެޓް ދިސް ގޯ... ދެޓް އިސް ނޮޓް ނޯމަލް،" ޔާމީން ރަޝީދު މަރާލުމުގެ ފަސް މަސް ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި އޮތީ މިހެނެވެ.

މިއީ މިއަދު އޭނާގެ ދިފާއުގައި ނުކުމެ ތިބި މީހުންގެ ޝިއާރެވެ. އޭނާ ދޫކޮށްލި ރަތް ފުއްޕާހަން ވެއްޓުނަ ނުދީ ހިފަހައްޓައިގެން މިއަދު ވެސް އެ އާއިލާ އާއި އެކުވެރިން ތިބީ ޔާމީން އެގޮތަށް ކަންތައް ނުކުރުމަށް ގޮވާލާފައިވާތީ އެވެ.