ދުނިޔެ

އިތުރު އެތައް ބަޔަކު ދަންޖައްސައި މެރުމަށް ޕާކިސްތާން ތައްޔާރުވަނީ

އެގޮތުން ޓެރަރިސްޓުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން އަލުން ފަށާފައިވާއިރު 50 އަށް ވުރެ ގިނަ ޓެރަރިސްޓުން ދަން ޖައްސައި މެރުމަށް ޕާކިސްތާނު ދަނީ ތައްޔާރުވަމުންނެވެ. ޓެރަރިސްޓުންނަށް އަދަބު ލުއިކޮށްދީފައި އޮތް ގަރާރު އުވާލުމަށް ފަހު ޕާކިސްތާނުން ވަނީ މިހާރު ވެސް، ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ހަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.

މި ބިރުވެރިކަމާ އެކު މައާފަށް އެދި ޕާކިސްތާނުގެ ރައީސް މަމްނޫން ހުސެއިން އަށް ސިޓީ ފޮނުވާ ކުށްވެރިންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. ނަމަވެސް ރައީސް ހުންނެވީ ޓެރަރިސްޓުންނަށް ދެ ވަނަ ފުރުސަތެއް ދެއްވުމުގެ ހިޔާލެއްގައެއް ނޫނެވެ.

އޮފިޝަލުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާ ޓެރަރިސްޓުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރައިގެންދާނެ ކަމަށެވެ.

ޕާކިސްތާނުން އަލުން މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމުން އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޮފިޝަލުން ވިދާޅުވަނީ ޓެރަރިސްޓުންގެ މައްޗަށް މަރުގެ ހުކުމް އިއްވަން ފެށުމާ އެކު، އެހެން ކުށްތަކުގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް ވެސް ހުކުމް ތަންފީޒުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ތާލިބާނުން އެންމެފަހުން ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވިދާޅުވެފައި ވަނީ އޭނާގެ ގައުމުން މިފަހަރު ޓެރަރިޒަމް ނައްތާލައްވާނެ ކަމަށެވެ.