ކުޅިވަރު

ނޭމާ ރެއާލް މެޑްރިޑަށް ހިނގައިދާނެ

ބެލަންޑޯ އެވޯޑް ހޯދަން ނޭމާ ބޭނުންނަމަ ޕީއެސްޖީ ދޫކޮށްލަން ޖެހޭ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯ ބުނެފި އެވެ. އޭނާ ބުނީ ރެއާލް މެޑްރިޑަށް ނޭމާ ހިނަގައިދާނެ ކަމަށާއި އެ ކުލަބުގައި އޭނާ އަށް ބެލަންޑޯ ހޯދަން ފަސޭހަ ވާނެ ކަމަށެވެ.

ބްރެޒިލަށް 2002 ވަނަ އަހަރު ވޯލްޑްކަޕް ހޯދައިދިން މިޑްފީލްޑަރު ބުނީ ބެލަންޑޯ ހޯދުމުގެ ގާބިލުކަން ނޭމާގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އަހަރެން ކުރިންވެސް ބުނެފައި ވާނެ، ނޭމާ އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވޭނެ، ނަމަވެސް އަހަންނަށް ހީވަނީ ޕީއެސްޖީގައި ހުރެގެން އޭނާ އަށް އެވޯޑް ނުލިބޭނެ ހެން،" ގްލޯބްސްޕޯޓްސްއަށް ދިން އިންޓަވިއުގައި ރިވާލްޑޯ ބުންޏެވެ. "ބެލަންޑޯ އެވޯޑް ހޯދަން ބޭނުންނަމަ ޕީއެސްޖީ ދޫކޮށްލަން ޖެހޭ."

ރިވާލްޑޯ ބުނީ ނޭމާ ބާސެލޯނާ ދޫކޮށްލީ އޭނާ އަށް އެކުލަބުގައި ދިމާވި ގޮތުން ކަމަށް ވެދާނެ ކަަމަށެވެ.

"އަހަރެންގެ ވަރަށް ގާތް މީހުންގެ ފަރާތުން މައުލޫމާތު ލިބުނީ ރެއާލް މެޑްރިޑަށް ދާން އޭނާ އަށް ފުރުސަތު ލިބުނީ އޭ،" ކުރިން ބާސާ އަށް ކުޅުނު ރިވާލްޑޯ ބުންޏެވެ.

"އަހަންނަށް ހީވަނީ އޭނާ ރެއާލް މެޑްރިޑަށް ހިނގައިދާނެ ހެން، އަދި އަހަންނަށް ހީވަނީ އެ ކުަލަބުގައި އޭނާ އަށް ބެލަންޑޯ އެވޯޑް ހޯދަން ފުރުސަތު ބޮޑުވާނެހެން."

އަނިޔާގެ ސަބަބުން ނޭމާ މިވަގުތު ހުރީ ބްރެޒިލްގަ އެވެ. މި ސީޒަން ފެށުމުގެ ކުރިން އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ފީއެއްކަމަށްވާ 222 މިލިއަން ޔޫރޯ އަށެވެ. މި ސީޒަނަށް ފަހު އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ވާހަކައިގެ އަޑު ވަނީ ގަދަ ވެފަ އެވެ.