އޮފްބީޓް

12 އަހަރުގެ ކުއްޖަކު އެކަނި ސިޑްނީން ބާލީއަށް

އޮސްޓްރޭލިއާގެ ސިޑްނީގެ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ބެލެނިވެރިޔަކު ނެތި ފްލައިޓެއްގައި އެކަނި ސިޑްނީން އިންޑޮނޭޝިއާގެ ހޮލީޑޭ އައިލެންޑު، ބާލީއަށް ގޮސްފި އެވެ. އެ ފިރިހެން ކުއްޖާ އެކަނި ބާލީއަށް ދިޔައީ އޭނާގެ މައިންބަފައިން ޗުއްޓީ ހޭދަކުރުމަށް އެ ރަށަށް ދާން ރޭވި ދަތުރު ކެންސަލު ކުރުމާއި ގުޅިގެންގެ ކަމަށް އޭނާގެ އާއިލާއިން މީޑިއާއަށް މައުލޫމާތު ދިނެވެ.

އެކުއްޖާ ވަނީ އޭނާގެ މައިންބަފައިންގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އަމިއްލައަށް ފްލައިޓް ޓިކެޓް ބުކްކޮށް އަދި ބާލީގައި ހުންނާނެ އެކޮމޮޑޭޝަން އޮންލައިންކޮށް ހަމަޖައްސާފަ އެވެ.

އެ ފިރިހެން ކުއްޖާ ބާލީއަށް ދިޔައީ އޮސްޓްރޭލިއާގެ ފާތް ސިޓީގައި ހުންނަ އެއާޕޯޓުންނެވެ. ފްލައިޓަށް އެރުމަށްޓަކައި އެ ކުއްޖާ ވަނީ ޕާސްޕޯޓާއި ސުޓޫޑެންޓް އައިޑީ ދައްކާފަ އެވެ. ސިޑްނީ އިން ޕާތަށް ދިއުމަށް އޭނާ ބޭނުންކުރީ ސިޑްނީ އެއާޕޯޓުގައި ހުންނަ ސެލްފްސާވިސް ޗެކިން ޓާމިނަލް އެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެކުއްޖާ ބާލީ އިން ފެނުނީ މި މަހު 17 ގަ ކަމަށެވެ. އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން ބީބީސީއަށް ކަށަވަރު ކޮށްދިން ގޮތުގައި އެ ކުއްޖާ ގެއްލިގެން މީގެ ނުވަ ދުވަސްވި ކުރިން ރިޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް އޭނާ ބާލީގައި ހޭދަކުރީ ކިތައް ދުވަސްކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެކަނި ދަތުރު ކުރާތީ ޕާތްގެ އެއާލައިން އޮފިޝަލުން ސުވާލު ކުރި ކަމަށް އެ ކުއްޖާ އޮސްޓްރޭލިއާގެ ޓީވީ ޕްރޮގުރާމްއަކަށް ދިން އިންޓަވިއެއްގައި ބުނެފައިވެ އެވެ. އެ ކުއްޖާ ބުނީ އޭނާއަކީ 12 އަހަރުގެ ކުއްޖެއްކަން ކަށަވަރު ކޮށް ދިނުމަށް ސްޓޫޑެންޓް އައިޑީއާއި ޕާސްޕޯޓް ދެއްކުމަށް އެއާލައިން އޮފިޝަލުން އެދުނު ކަމަށެވެ.

އެކުއްޖާގެ މަންމަ ބުނީ ދަރިފުޅު ގެއްލުމުން މުޅި އާއިލާއަށް ސިހުން ގެނައި ކަމަށާއި އޭނަ ހުރިތަނެއް އެނގުމުން ވީ އުފަލެއް ބުނެދެން ވެސް ނޭނގޭ ކަމަށެވެ.

އެކުއްޖާ ބުނީ ބާލީގެ ހޮޓެލްއަށް އޭނާ ޗެކިންވީ ދައްތަ އަންނަންދެން މަޑުކުރަނީ ކަމަށް ސްޓާފުން ކައިރި ބުނުމަށް ފަހުގައި ކަމަށެވެ. ފުލުހުން ބުނީ އެ ކުއްޖާ ބާލީގައި ހުރިކަން އެނގުނު ހިސާބުން، އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންދިޔަ ކަމަށެވެ. އަނބުރާ ގައުމަށް އަންނަންދެން އެ ކުއްޖާ ހުރީ އެމީހުންގެ ބެލުމުގެ ދަށުގަ އެވެ.

މިފަދަ ކަމެއް ދެ ވަނަ ފަހަރަށް ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ކުޑަކުދިންނަށް އެއާލައިންތަކުގެ އެނަކި ދަތުރުކުރެވެ އެވެ. ނަމަވެސް އެކުދިންނަށް ދަތުރުކުރެވެނީ ކަނޑައާޅާފައިވާ ހާއްސަ ޝަރުތުތަކެއްގެ މަތިންނެވެ.