ކުޅިވަރު

ލިވަޕޫލްގެ ފެންވަރު ދުނިޔެއަށް ސާބިތުކޮށް ދޭންޖެހޭ

މިއީ ލިވަޕޫލްގެ ފެންވަރު މުޅި ދުނިޔެއަށް ހާމަ ކޮށްދޭންވީ ވަގުތު ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ފުރަތަމަ ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ލިވަޕޫލްގެ އަމިއްލަ ދަނޑު، "އެންފީލްޑް ސެޓޭޑިއަމް" ގައި މިރޭ އެ ޓީމު ނިކުންނާނީ އިޓަލީގެ ރޯމާ އާ ދެކޮޅަށެވެ.

ލިވަޕޫލްގެ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުންނަށް ދިން މެސެއްޖެއްގައި ވާހަކަ ދައްކަމުން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގްގައި ލިވަޕޫލްގެ ސަޕޯޓަރުންނަކީ ތަރިންތަކެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގްގެ މި ދަތުރުގައި ތި ސަޕޯޓަރުންނަކީ ތަރިތަކެއް ކަހަލަ ބައެއް،" ކްލޮޕްގެ ވީޑިއޯ މެސެޖުގައި ބުނެފައި ވެއެވެ. "އަހަރުމެންގެ ފެންވަރު މުޅި ދުނިޔެއަށް ހާމަ ކޮށްދޭން ހިނގާ، މީ އެ ވަގުތު."

މިރޭގެ މެޗަކީ، ލިވަޕޫލު ގޮވައިގެން ކްލޮޕް ނިކުންނަ 150 ވަނަ މެޗެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގްގެ ގަދަ ހަތަރަކަށް ލިވަޕޫލް ދާނެ ކަމަކަށް އެއްވެސް މީހަކު ހީ ނުކުރާ ކަމަށެވެ. އަދި މިރޭ އޭނާ އާ ދެކޮޅަށް ނިކުންނަ ރޯމާވެސް ގަދަ ހަތަރަކަށް ދާނެ ކަމަށް އެއްވެސް ބަޔަކު ހީ ނުކުރާ ކަމަށެވެ.

"ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ބަޔަކު ހީކޮށްގެން ތިބީ ގަދަ ހަތަރަކަށް ދާނީ، ބަޔާން [މިޔުނިކް]، ބާސެލޯނާ ރެއާލް މެޑްރިޑް، [މެންޗެސްޓާ] ސިޓި ކަމަށް،" ކްލޮޕް ބުންޏެވެ. "ބާސެލޯނާ އަށް މިހާހިސާބަށް ނާދެވުނީ ރޯމް އާ ހެދި، ސިޓީއަށް މިހިސާބަށް ނާދެވުނީ އަހަރެމެންނާ ހެދި، އަހަރެމެން ދެ ޓީމު [ލިވަޕޫލް އާއި ރޯމާ] މިހިސާބަށް އައުން ހައްގު."

"ފަހަރެއްގައި ބައެއް މީހުން ހީކޮށްގެން ތިބެ ދާނެ ފައިނަލު ކުޅޭނީ ރެއާލް މެޑްރިޑް އާއި ބަޔާން މިޔުނިކް ކަމަށް، އެކަމަކު އެހެނެއް ނުވި އަހަރެމެން ދެ ޓީމު [ލިވަޕޫލް އާއި ރޯމާ] ގެ ތރެއިން ކޮންމެވެސް ޓީމެއް ފައިނަލަށް ދާނެ."