ދުނިޔެ

ރަމާދީ އަލުން ހިފަން އާއްމުންގެ އެހީ އަށް އިރާގު ސަރުކާރުން އެދެފި

May 20, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރާގުގެ ރަމާދީ އަލުން ހިފުމަށްޓަކައި ސަރުކާރު ސިފައިންނާ ހިލޭ ސާބަހަށް ބައިވެރިވުމަށް އެ ގައުމުގެ ސަރުކާރުން އާއްމުންނަށް މިއަދު ގޮވާލައިފި އެވެ.

ކެބިނެޓް ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އައިއެސް އިން ރަމާދީ ހިފުމާ އެކު އެ ސިޓީ ހިމެނޭ އަންބާރު ޕްރޮވިންސުގެ ހުޅަނގުގެ ސަރަހައްދުތަކަށް ފަތަހަށް ޖެހިފައިވާ ސަރުކާރު ސިފައިންގެ ފައުޖުތައް އަލުން ރުކުރުވާލުމަށް އާއްމުންގެ އެހީތެރިކަން ވަނީ ބޭނުންވެފަ އެވެ. އެހެންވެ، ވީހާ ވެސް ގިނަ ބަޔަކު ހިލޭ ސާބަހަށް އެ ފައުޖުތަކާ ގުޅުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން އިއްޔެ ބުނި ގޮތުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތެއް ދެނެގަތުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ދަނީ ކުރަމުންނެވެ.

"އޭގެ ތެރޭގައި، ގަބީލާތަކަށް ބޭނުންވާ ހަތިޔާރާއި ތަމްރީނު ފޯރުކޮށްދިނުން އަވަސްކުރުމާއި ރަމާދީ ހިފުމަށް އިރާގު ސިފައިން އިސްވެ ތިބެ ހިންގާ އޮޕަރޭޝަނަށް ބޭނުންވާ އެއްބާރުލުން ދިނުން ހިމެނޭ،" އެ ކައުންސިލްގެ ތަރުޖަމާނު އެލިސްޓާ ބަސްކޭ ވިދާޅުވި ކަމަށް އޭއެފްޕީ ނޫސް އެޖެންސީން ބުންޏެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށް ވެސް ކުރިން ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް މިހާރު ވަނީ ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ޖަމާވެފަ އެވެ. ޝީއީ ހަނގުރާމަވެރިންގެ މައި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި 3،000 އަށް ވުރެ ގިނަ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު މިހާރު ތިބީ ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެންނެވެ.

އެހެން ނަމަވެސް، ޝީއީ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އައިއެސްގެ ލަޝްކަރެއް މިހާރު ވަނީ އެ އަސްކަރީ މަރުކަޒާ ދިމާލަށް މިސްރާބު ޖަހާފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ