(22 އޭޕްރީލް 2018 އާ ގުޅޭ) -- "އެޑްވާންޓޭޖް ނަގަން އުޅެނިކޮށް ބަސްޓުވީމަ ދެން އެންމެން ވެސް ފެންނާނީ މޮޔައެއްހެން. ތީ ފިރިހެނުންގެ ގޮތޭ" ޝިހާނާ ބުނި އެއްޗަކުން ރާދިން ނިކަން ބާރަށް ހޭންފެށިއެވެ. އަރްސަލް ދެބުމަ ކައިރިކޮއްލުމާއެކު ޝިހާނާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެންވިޔަސް ޝިހާނާއެއް އަޅައެއްނުލާނޭކަން އޭނާއަށް އެނގެއެވެ. ޝީހާނާއާ ދެކޮޅަށް ވެސް މީހަކަށް އެއްޗެއް ނުބުނެވޭނެއެވެ. މިހާތަނަށް އަރްސަލްއާއި ރާދިންއަށް ވެސް އޭނާގެ ގާތުން ކުރި ހޯދިފައެއްނެތެވެ.
"އާނާ! މާދަން ފްރައިޑޭ... ބުނީމެއްނު އޮންކޯލް ޑިއުޓީއޭ... ސޯ... ވައި ޑޯންޓް ޔޫ ސްޓޭ" ރާދިން އަނެއްކާ ވެސް ޝިހާނާއަށް ދަޢުވަތި ދިނެވެ. އެ ދެ މީހުންނަށް އަރްސަލް ބަލާލިއެވެ. އެހިނދު ރާދިން ބޮލުން އިޝާރާތްކޮއްލީ ޝިހާނާ ގާތު އެއްޗެކޭ ބުނުމަށެވެ.
"އަހަންނަށް އޯކޭ" އަރްސަލް ބުނެލިއެވެ.
"އެކަމަކު އަހަރެން ލާނޭ ހެދުމެއްހާ ހިސާބު ވެސް ނެތޭ" ޝިހާނާ ލައިގެން އިން ހެދުމަށް ބަލާލާފައި ރާދިންއާއި އަރްސަލްއަށް ބަލާލިއެވެ.
"އެކަމާ ހާސްނުވޭ. މަޑުކުރާނަމޭ ބުނޭ... އަހަރެން އާނާ މިރޭ ނިދަން އެއްޗެއް ދީފާނަން. މާދަމާ ލާނޭ ހެދުމަކާ ވިސްނާނީ މާދަންވީމަ. ޔަގީނުން ވެސް ތި ލައިގެން އިން ހެދުން މާދަމާ ލާކަށް ނުޖެހޭނެ" ރާދިން ހިނިއައިސްފައި ބުނެލީ އޭނާގެ ސިކުނޑީގައި އުފެދުނު ޚިޔާލު ސިއްރު ކުރަމުންނެވެ.
"އޯ!... އެހެންވީރު މިރޭ ތި ތަނުން ކާކު ގާތުގައި އަހަރެން ނިދަން ބާއްވަނީ" ޝިހާނާ ސަމާސާކޮއްލިއެވެ.
"މިގޭގަ އާނާ ނިދަން އޮންނާނޭ ކޮޓަރި އެބަހުއްޓޭ" ހެމުންހެމުން ރާދިން ބުނެލިއެވެ.
"އެހެންތަ؟ އަހަރެން ހީކުރީ މެއިޑު ބޮސްގެ ކޮޓަރިއަށް ވައްދާފައި ދެޓް ޕުއާ ގާލްގެ ކޮޓަރިކަމަށް އަހަނަށް ދޭނީ" އަރްސަލްއަށް ވައްކަޅިން ބަލާލަމުން ޝިހާނާ ބުނެލިއެވެ.
"އައި ޑޯންޓް މައިންޑް... ތި ނޫން ކޮންމެ އަންހެނެއް ވެސް އޯކޭވާނެ" ލާނެތް ހިންޏަކާއެކު އަރްސަލް ބުނެލިއެވެ.
"އާ.... ތަދުވެއްޖެ... ސީދާ އަހަރެންގެ ހިތަށް. އެހާ ވެސް އަހަރެން ހުތުރީތަ؟ ރާދު ބުނި މިރޭ ވެސް އަހަރެން ވަރަށް ރީއްޗޭ. މި އަރްސަލްއަކަށް ނޭނގޭ އަންހެންކުއްޖެއްގެ ހިތް ރުއްސާކަށް ވެސް. ޑެވިލްއެއްހެން އުޅޭނީ" ޝިހާނާ ފިލްމީ ގޮތަކަށް ގޮތްދައްކަމުން ބުނެލިއެވެ.
"އެހެން މީހަކު ވެސް ބުނި އޭނާއަކީ ޑެވިލްއޭ" ރާދިން ބުނެލިއެވެ. އެއާއެކު މާނަފުން ހިނިތުންވުމެއް އަރްސަލްގެ ތުންފަތުގައިވީ ތަން ރާދިންއާއި ޝިހާނާ ވެސް ދުށްޓެވެ.
"ޑްރާމާ ކުއީން. އަހަންނަށް ހިޔެއްނުވޭ އެއްވެސް ފިރިހެނަކު އުޅޭނެހެނެއް އާނާ ހޭންޑްލް ކުރެވޭނޭވަރުގެ" އިރުކޮޅު އިނދެފައި އަރްސަލް ބުނެލިއެވެ.
"ކީއްކުރަންތަ ފިރިހެނަކު އަހަރެން ހޭންޑްލް ކުރަންވީ... މިހާރު އަންހެނުން ފިރިހެނުން ހޭންޑްލް ކުރާލެއް މާ މޮޅު" ޝިހާނާ އިނދެފައި ބުންޏެވެ.
"ސްޓޮޕިޓް ޔޫ ޓޫ... އެކަމަކު ބުނަން... އައި ރިއަލީ މިސް ދިސް. އެންމެފަހުން އަހަރެމެން މިގޮތަށް އެކަކު އަނެކަކާ ވާހަކަދެއްކީ ކޮންއިރަކުކަމެއް ވެސް ހަނދާނެއްނެތް" ޝިހާނާއާއި އަރްސަލްގެ ވާދަކިއުން ނުނިމޭނޭކަން ރާދިންއަށް އެނގެއެވެ. އެހެންވިޔަސް އޭނާ އިނީ ވަރަށް އުފަލުންނެވެ.
"އަންނާނަން އާނާ ޗޭންޖުކޮށްލަން އެއްޗެހި ހިފައިގެން" ރާދިން ތެދުވަމުން ބުނެލިއެވެ.
އަވަހަށް ނިދަން ވަނުމުގެ ޚިޔާލެއް ޝިހާނާއާއި ރާދިންގެ އިތުރުން އަރްސަލްގެ ނެތެވެ. ނުބުނި ނަމަވެސް ޝިހާނާ ފެނުމުން އަރްސަލް ވެސް އިނީ ހިތްހަމަޖެހިފައެވެ. ޢާއިލާގެ ގުޅުންތައް ހީނަރުވެފައި ވިޔަސް ހިތްހަމަޖެހޭ އުފާވެރި ހަނދާންތަކެއް ރައްކާކުރަން ލިބިފައިވާކަން އަރްސަލްއަށް ހަނދާންކޮއްދޭ އެކަކީ ޝިހާނާއެވެ.
އައިސްއަލަމާރީގައި ހުރި ޗިޕްސް ޕެކެޓެއް ނަގައި އެއަރފްރައިއާއަށް އަޅާލުމާއެކު ޝިހާނާ ޗިފްސް ތައްޔާރު ކުރިއެވެ. ދެވައްތަރެއްގެ އައިސްކުރީމު ތިންތަށްޓަށް ރާދިން އެޅިއެވެ. އޭގެ އިތުރުން ކެބިނެޓުގެ ތެރެއިން ލުއިކާނާގެ ދެތިން ވައްތަރެއް ވެސް ރާދިން ނެގިއެވެ. އެ ހުރިހާ އެއްޗެއް ހިފައިގެން ތިންމީހުން ސޯފާގައި ހަމަޖެހިލިއެވެ. ރާދިންގެ ސުވެޓްޕޭންޓްސް ދިގު ކަމުން ޝިހާނާ އިނީ އޭގެ ފައިކުރި އޮޅާލައިގެންނެވެ. ހަމައެއާއެކު ލައިގެން އިން ރާދިންގެ ޓީޝާޓު ބޮޑުކަމުން އޭގެ އަތްކުރި ވެސް ހުރީ މައްޗަށް އޮޅާލާފައެވެ. އެހެންވިޔަސް ޝިހާނާ އުޅޭ ގޮތުން އޭނާއަށް އުނދަގޫވެގެން އުޅޭ ހެނެއް ހިޔެއްނުވެއެވެ. ތިން މީހުން ފޯރި ހިފާލާފައި އިނގިރޭސި ބިރުވެރި ފިލްމެއް ބަލަން ފެށިއެވެ. ދޭތެރެއަކުން ޝިހާނާ ހަޅޭލަވައިގަނެއެވެ. އެއާއެކު އުނގުގައި ބައިންދައިގެން އިން ޗިފްއެޅި ޕްލާސްޓިކު ބޮޑު ބޯތަށި ވިއްސައިގެން ހިނގައިދާނޭހެން ހީވެއެވެ. އެ ތަށި ނުވެއްޓެނީސް އަރްސަލް އެ ތަށި އަތުލިއެވެ. ރާދިން އިނދެފައި ޝިހާނާގެ ކޮނޑުގައި އޭނާ ހަޅޭލަވައިގަންނަ ކޮންމެ ފަހަރަކު ބޮނޑިއެއް އަޅައެވެ. ފުރާވަރުގެ ދުވަސްތަކުގައި ހިނގައިފައިވާ ކަންކަމުގެ ތެރެއިން ކަމެއް އަލުން ތަޖުރިބާކުރެވެމުން ދިޔަ ފަދަ އިހުސާސެއް ތިން ޒުވާނުންނަށް ވެސް ކުރެވުނެވެ.
ސަކަރާތުގައި ތިބެފައި ޝިހާނާގެ ކޮޓަރިއަށް އޭނާ ގެންގޮސްދިނީ ރާދިންނެވެ. އޭނާ އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނިދުނު ގޮތެއް އޭނާއަކަށް ވެސް ނޭނގެއެވެ. ހޭލެވުނީ އެނދުމަތީ އޮތް ފޯނުން ފަތިސްނަމާދަށް ގޮވާއަޑެވެ. އެހާ ލަހުން ނިދުމާއެކު ރޭގައި މިފަހަކަށް އައިސް މަޖާ ނުކުރާވަރަށް މަޖާކޮށް ހީނ ސަމާސާ ކުރުމުގެ ސަބަބުން ރާދިން އޮތީ ވަރަށް ކަންނެތްވެފައެވެ. ލޯމަރާލައިގެން އަނެއްކާ ވެސް އޮވެވުނީ އެހެންވެއެވެ. ކުޑަކޮށް ނިދިފައި އޭނާއަށް ދެން ހޭލެވުނީ ފަހެއް ވެސް ޖެހިފަހުންނެވެ. އެއާއެކު ފުންމައިގެން ތެދުވިއެވެ. މިސްކިތަށް ދާނޭ ވަގުތު ނެތުމުން އަވަސްވެލީ ކޮޓަރީގައި ނަމާދު ކޮއްލުމަށެވެ.
ހޭލައިގެން ނިމްރާ ކޮޓަރިން ނުކުމެގެން އައިއިރު ސިޓިންރޫމު ސޯފާގައި އަރްސަލް އުއްޑުން ނިދާފައި އޮތްތަން ފެނުނެވެ. ކޮފީ މޭޒުމަތީގައި ތަށިތަކާއި ލުއިކާނާގެ ޕެކެޓުތައް ކާޕެޓުމަތީން ފެނުނެވެ.
"އަހަންނަށް ނިދުނީ ކޮންއިރަކު ކަމެއް ވެސް ނޭނގޭ. ކުރިން ރޭ ވެސް ވީގޮތެއް ނޭނގޭ. ހޭލެވުނުއިރު އޮތީ ކޮޓަރީގައި. ރޭ ހަތަރުދަމު އަރްސަލް ފިލްމު ބެލީތަ؟" ސުވާލުގެ ނަޒަރަކުން އަރްސަލްއަށް ބަލަން ނިމްރާ ހުއްޓެވެ. ރާދިން މިސްކިތުން އަންނަން އުޅޭނޭ ކަމުގައި ނިމްރާ ހީކުރިއެވެ. ހުކުރުދުވަހުގެ ހެނދުނު އަރްސަލް ނުފެނުނަށް ރާދިން ހެނދުނު ކޮފީ ބޯން އިންނާނެއެވެ. އޭނާ އެނބުރި ކޮޓަރިއަށް ދާނީ ކޮފީއެއް ބޮއެގެންނެވެ. އެހެންވެ ނިމްރާ އުޅުނީ ރާދިން އަންނަންވާއިރަށް ކޮފީމޭޒުމަތީ ހުރި ތަށިތަކާއި ތިރީގައި ހުރި ޕެކެޓުތައް ނަގާ ސާފުކުރާށެވެ.
ރީނދޫކުލައިގެ ޕްލާސްޓިކު ބޮޑު ބޯތަށީގެ ތެރޭގައި ދެތިން ޗިޕްސްކޮޅު އޮއްވާ ނިމްރާއަށް ފެނުނެވެ. އައިސްކުރީމު ބޮއެފައި ހުރި ތަށިތައް ނަގައި ބޮޑުތަށީގެ ތެރެއަށް ލިއެވެ. އެވަގުތު ސޯފާގައި އޮތް އަރްސަލް ހަރަކާތެއްކޮއްލިހެން ހީވުމުން ނިމްރާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާ އަވަސްއަވަހަށް އަރްސަލްއަށް ބަލާލިއެވެ. ނިމްރާގެ ސަބަބުން އަރްސަލްގެ ނިންޖަށް ހުރަސްއެޅޭކަށް އޭނާ ނޭދެއެވެ. އެހެންވެ ހުރިހާ ކަމެއް ވެސް ކުރީ ވަރަށް މަޑުމަޑުންނެވެ.
"ޑެވިލްއެއް... އެކަމަކު ނިދާފަ އޮންނައިރު ހީވޭތަ އެއީ ޑެވިލްއެއްހެން. މިހާރު އެނގިޖެ ޑެވިލްއަކީ ވެސް ހެންޑްސަމް މީހެއްކަން. އެހެންވިޔަސް އެ ދެ ލޯ ހުޅުވޭގޮތަށް ކުރާނީ ކީއްކަމެއް ނޭނގެ... ތި ތުންފަތުން... އޯ ގޯޑް!... ޕްލީޒް ޑޯންޓް ކިސް މީ އަގައިން" ނިދާފައި އޮތް އަރްސަލްގެ މޫނު އޮތީ މަގަތަށް އަނބުރާލައިގެންކަމަށް ވާތީ އެ މޫނަށް ނިމްރާ ބަލަން ހުއްޓެވެ. އޭނާގެ ހިތަށް އަރަމުންދިޔަ ކަންތައްތަކުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަރްސަލް ބަނޑުމަތީ އޮތް އޭނާގެ ވައަތްތިލަ އިން ފެށިގެން ނޭވާއާއެކު މަޑުމަޑުން އޭނާގެ ބަނޑާއި މޭ ހިއްލިލާ ތިރިވަމުން ދިޔަތަން ނިމްރާ ބެލިއެވެ. މި ނޫނީ އެހާ ގާތުން އަރްސަލްގެ ސޫރައަށް ފަރުވާތެރިކަމާއެކު ބަލާލެވިފައެއްނެތެވެ. ނިދީގެ ހިމޭންކަމުގައި އަރްސަލް ނުވާނަމަ އަރްސަލްގެ ފަރާތުން އެ ފުރުސަތެއް ނުލިބުނީހެވެ. ރާދިންގެ ރީތިކަމާއި ފިރިހެންވަންތަކާމެދު ނިމްރާގެ ހިތް ދެބަހެއްނުވެއެވެ. އެކަމަކު އަރްސަލްއަކީ ވެސް ރީތި ފިރިހެނެއްކަން ނިމްރާގެ ހިތާއި ސިކުނޑި ވެސް އެއްބަސްވިއެވެ. ރާދިންގެ ކޮންމެ ކަމެއްގައި މަޑުމައިތިރިކަން އެކުލެވިފައިވާއިރު އަރްސަލް ކޮންމެ ކަމެއް ކުރާތަން ނިމްރާއަށް ފެނުނީ ހަރުކަށިކަމާއެކުއެވެ. އަރްސަލްގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުން ނިތްކުރި މައްޗަށް ބައެއް އިސްތަށި ވެރިވެފައި ހުއްޓެވެ.
މީހަކު ގާތުގައި އުޅޭ ކަމުގެ ހިލަމެއްވެގެން ވަރުބަލިކަމާއެކު އަރްސަލް ކުޑަކޮށް ދެ ލޯ ހުޅުވާލި ހިނދު ފުރަތަމަ ވެސް ފެނުނީ ކުޑަކޮށް ހިނިތުންވެލައިގެން އޭނާއަށް ބަލަން ގުދުވެލައިގެން ހުރި ނިމްރާގެ މޫނެވެ. އިޚްތިޔާރެއްނެތި ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ރަނގަޅަށް ލޯ ހުޅުވާ ނުލެވެނީސް ނިމްރާ އަވަސްއަވަހަށް ދުރަށް ދާން އުޅުކަން އެނގި ކުއްލިއަކަށް އަރްސަލް ތެދުވިއެވެ. އަދި ނިމްރާގެ އަތުގައި އޭނާއާ ދިމާއަށް ދަމާލިއެވެ. އެއާއެކު ދެ މީހުން ވެއްޓުނީ އަރްސަލް ތެދުވި ސޯފާއަށެވެ.
"މޯނިންގް ސްކާލެޓް... ސިއްރުން ނުބެލިޔަސް ބުނެލީމަ ދައްކާނަމޭ" ނިދާފައި ހޭލެވުނު ވަގުތަށްވީމައި އަރްސަލްގެ އަޑު ހުރީ ބަރުވެފައެވެ. އޭނާގެ މޭގައި ދެއަތް ވިއްދާލައިގެން ދުރަށްދާން ނިމްރާ މަސައްކަތް ކުރި ނަމަވެސް ނިމްރާގެ އުނަގަނޑުގައި އަރްސަލްގެ ދެއަތް އޮތީ ވަށާލެވިފައެވެ.
"އެންޑް ހީ އިޒް ބެކް" ކުޑައިރުކޮޅެއް ކުރީން ނިމްރާގެ އަމިއްލަ ހިތާ ދައްކަމުންދިޔަ ވާހަކައަށް އިތުރުކޮއްލިއެވެ.
"ކާކު؟" ނިމްރާ ބުނި އެއްޗަކަށް އަރްސަލް އަހާލިއެވެ.
"ޑެވިލްއެއްނު... ތި އެންނު އެ މީހަކީ... ދެން ދޫކޮއްލާ!... ރާދު އަންނާނެ މިހާރު. ކީއްވެތަ ތިހެން ތިއުޅެނީ. ރާދުއަށް ފެނިއްޖެއްޔާ ހީކުރާނީ ކީކޭ. އަހަރެން ސިއްރުން ބެލީކީ ނޫނޭ... މިތަން ސާފުކުރަން ހުރީ" ނިމްރާ ރުޅި ނަޔަނަސް ދަތްކުނޑިވިކާލިއެވެ.
"ޔޫ އާ މައިން... މީހަކަށް ފެނިގެން ކުރެވޭނޭކަމެއްނޯންނާނެ. އޯ! ހާދަ މީރުވަސް ދުވަޔޭ... މިއަދު ރަނގަޅު ދުވަހަކަށްވާނޭހެން ހީވޭ" ނިމްރާގެ ކަނދުރާއާ ދިމާއަށް ބޯހިއްލާލާފައި ހިނިތުންވެލަމުން އަރްސަލް ބުނެލިއެވެ. ނިމްރާ ލޯ އަޅާލިއެވެ. އަރްސަލްގެ ގައިގާ ޖެހިފައި އެގޮތަށް އޮންނަން އޭނާ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ދުރަށްޖެހިލަން ހަރަކާތެއްކޮއްލާއިރަށް އަރްސަލްގެ ދެއަތުން ނިމްރާގެ އުނަގަނޑުގައި ހިފާ ބާރުކޮއްލައެވެ. އަރްސަލްގެ ގައިމައްޗަށް އެގޮތަށް ވެއްޓިފައި އޮންނަން ޖެހުމުން ނިމްރާ ލަދު ވެސް ގަތެވެ. އެވަރު އަރްސަލްއަށް ނުވިސްނެނީ ކީއްވެތޯ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. ތަކުރާރުކޮށް ފަހަކަށް އައިސް އަރްސަލް ފެންނަނީ ނިމްރާއާ ގާތްވާ މަސައްކަތް ކުރާތަނެވެ.
"ޕްލީޒް!... ދޫކޮއްލަބަލަ... އަހަރެން ތެދުވަން ބޭނުންވަނީ. ތިހެން އަހަރެންގެ ގައިގާ އަތްނުލާށޭ ބުނެފީމެއްނު" ނިމްރާ ތަންކޮޅެއް ބާރަށް ބުންޏެވެ.
"އޯކޭ ސޭވް އިޓް ފޯ ލޭޓާ" ނިމްރާގެ އުނަގަނޑުން ދޫކޮށްލާފައި އަރްސަލްގެ ބޯދަށަށް ދެއަތްތިލަ ލައްވާލީ ހިނިއައިސްފައި އޮވެއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވި ނިމްރާ އޭނާގެ ގަމީހަށް ދަމާލާފައި ތަށިތައް ހިފައިގެން ދުރަށް ހިނގައިގަތެވެ. އޭނާ ސާފުކޮށް ނިމެންދެން އަރްސަލް އޮތީ ސޯފާގައެވެ. ނިމްރާގެ ހަރަކާތްތަކަށް ބަލާށެވެ. އަރްސަލް ތެދުވީ ނިމްރާ އެނބުރި އޭނާގެ ކޮޓަރިއަށް ދާން ދިއުމުންނެވެ.
ނިމްރާ ކޮޓަރީގައި އުޅެފައި ނުކުތީ ނުވަގަޑި ބައިވަނިކޮށެވެ. ރާދިން ނުފެނުމުން އެކަމާ ސުވާލު އުފެދިފައި ހުރެއެވެ. ހަމައެއާއެކު އަރްސަލްއާއެކު ގޭގައި އެކަނިވާންޖެހުނީ ކަމުގައި ހީވެ އެކަމާ ނިމްރާ ކަންބޮޑުވިއެވެ. އެކި ޚިޔާލުތަކުގައި ހުރެ ސައިތައްޔާރުކުރަން ނުކުތްއިރު އަރްސަލްއާއި ރާދިން ވެސް ސޯފާގައި ތިބިތަން ފެނުނެވެ. އަރްސަލް ހީވަނީ ދެންމެ ފެންވަރައިގެން ނުކުމެ އިންހެނެވެ. ނިމްރާ ފެންނަ އިރަށް އާންމު އުސޫލުން ރާދިން ގޮވާލިއެވެ.
"ސައިބޮއެފިން... ސްކްރޭމްބަލް އެގްސް ހަދާފަ ހުންނާނެ" ރާދިން ބުނެލިއެވެ.
"އަހަރެން ސައެއްނުބޮން... އަހަންނަށް ސައި ހަދާ" ރާދިން ބުނީމާ ސައިނުބޮއެ އިނދެފައި އަރްސަލް ބުނެލިއެވެ. އެއާއެކު އަރްސަލްއަށް ރާދިން ބަލާލިއެވެ. އޭނާއަށް ހީވީ ނިމްރާއަށް ޖެއްސުމެއް ކުރަން އަރްސަލް އުޅެނީ ހެނެވެ. ދެފަރާތަށް ބޯހޫރުވާލާފައި ރާދިން ވާހަކަދެއްކީ ނިމްރާއާ އެވެ. ޝިހާނާ އުޅޭ ކަމުގައި ބުނެފައި އެހެން ދުވަސްދުވަހަށްވުރެ ގިނައިން މެންދުރަށް ކާއެއްޗެހި ހަދަން ޖެހޭނޭކަމުގައެވެ. ދެ މީހުން މެންދުރަށް ހަދާނޭ އެއްޗަކާ މެދު މަޝްވަރާ ކުރިއެވެ.
އެޕާޓްމެންޓުގެ ބެލްޖެހި އަޑަށް ނިމްރާ ކާމޭޒު ދޮށުގައި އިނދެފައި ތެދުވެ ބަލާލީ އަރްސަލްއާއި ރާދިންއަށެވެ. ނިމްރާއަށް މަޑުކުރުމަށް އިޝާރާތްކޮއްފައި ރާދިން ސޯފާއިން ތެދުވީ އެ އައީ ކާކުކަން އޭނާއަށް އެނގިގެން ކަހަލައެވެ. އަރްސަލް ވެސް އިނީ ސުވާލު އުފެދިފައި އިންހެނެވެ. އެގަޑީގައި އެމީހުން ހޯދަން އައީ ކާކުތޯ ބަލަން ބޭނުންވެފައި އިންހެނެވެ.
"ހެލޯ ބްރޯސް" އެތެރެއަށް ވަން ޒުވާނާ އެއްއަތް ހިއްލާލާމުން ނިކަން ބާރަށް ބުނެލިއެވެ. ހައިރާންވެފައި ނިމްރާއަށް މިފަހަރު ވެސް ބަލާލެވުނީ ރާދިންއާއި އަރްސަލްއަށެވެ. ރާދިން ހިނިތުންވެލައިގެން ހުއްޓެއްކަމަކު އަރްސަލް ފެނުނީ ދެބުމަގޮއްޖަހާލިތަނެވެ. (ނުނިމޭ)