ވިޔަފާރި

އައިއެމްޓީއެމް ފެއާ ޓޫރިޒަމް މިނިސްޓްރީން ބަލައިގެންފި

Apr 24, 2018

މޯލްޑިވްސް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (އައިއެމްޓީއެމް 2018) ގެ ނަމުގައި ހުދުރަންފުށި ރިސޯޓުގައި ޖޫން މަހު ބާއްވާ ފެއާ، ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިިއަދު އޮތް ރަސްމިއްޔާތެއްގައި އެންޑޯޒްމަންޓް އައިއެމްޓީއެމްއާ އެންޑޯޒްމަންޓް ލިއުން ހަވާލުކޮށެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ޓުއާ އޮޕަރޭޓަރުން ރާއްޖެ ގެނެސްގެން ބާއްވާ، އައިއެމްޓީއެމް އެ ކުންފުނީގެ ސީއޯއޯ ރާފިލް މުހައްމަދު "އަވަސް" އަށް ވިދާޅުވީ އަދާރަން ސެލެކްޓް ހުދުރަންފުށީގައި ޖޫން 23-24 ގައި ބާއްވާ ފެއާގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ކުޑަ ހަރަދަކުން ޓޫރިޒަމް ވިޔަފާރީގެ ފަރާތްތަކަށް ފެއާއެއްގައި ބައިވެރިވާން ފުރުސަތު ފަހި ކުރުން ކަމަށެވެ.

"މި ފެއާ [އައިއެމްޓީއެމް 2018] ގެ ތަފާތަކީ މި އަންނަނީ އެކި ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން. މި އޮޕަރޭޓަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު މި ދެނީ ރާއްޖޭގައި ތިބި ގެސްޓްހައުސްތަކާއި ރިސޯޓު ތަކަށް. އެ ފަރާތްތަކުން ރިސޯޓަށް ގޮސް ބައްދަލު ކުރެވޭނެ،" ރާފިލް ވިދާޅުވި އެވެ.

މި ފެއާ އަށް 14 ގައުމަކުން 30 ޓުއާ އޮޕަރޭޓަރުން އަންނާނެ ކަމަށް އައިއެމްޓީއެމް ކުންފުނިން ވަނީ ބުނެފަ އެވެ. ދެ ދުވަހަށް ކުރިއަށްދާ މި ޓޫރިޒަމް ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޮލަކަށް 250 ޑޮލަރު ( 3،855ރ) ދެއްކުމުން ބައިވެރިވެވޭނެ އެވެ.

ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ "ޓީީޓީއެމް" ގެ ނަމުގައި ޓްރެވަލް ފެއާ ބާއްވަމުންނެވެ. މި ފެއާގައި 200 އަށްވުރެ ގިނަ ވިޔަފާރި ބައިވެރިވެ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް ވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. އަދި މި އަހަރު ރާއްޖެ ޕްރޮމޯޓް ކުރަން އިތުރުން މަސައްކަތްތަކެއް ކުރަން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.