ހޮލީވުޑް

"އެވޭޓާ"ގެ އިތުރު ހަތަރު ސީކުއެލް ގެނެސްދެނީ

ބޮލްކްބާސްޓާ ސައިންސް ފިކްޝަން ފިލްމު "އެވޭޓާ" ގެ އިތުރު ހަތަރު ސީކުއެލް ފިލްމެއް ގެނެސްދޭން ބޭނުންވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު، ޖޭމްސް ކެމެރަން ބުނެފި އެވެ. މީޑިއާތަކާއި ވާހަކަދައްކަމުން ޖޭމްސް ބުނީ މިހާރު މި ސީކުއެލްތައް ތައްޔާރުކުރުމަށް ޓުވެންޓީފަސްޓް ސެންޗުރީ ފޮކްސް ފިލްމު ސްޓޫޑިއޯއާއި ވޯލްޓް ޑިޒްނީއާއި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ޖޭމްސް ބުނީ މި ފިލްމު ސީރީޒްގެ ދެ ވަނަ އަދި ތިން ވަނަ ފިލްމުގެ ޝޫޓިން ފަށަން މިހާރު ގާތްގަނޑަކަށް އޮތީ ސަތޭކަ ވަރަކަށް ދުވަސްކަމަށެވެ. އެ ދެ ފިލްމުވެސް ގެނެސްދެނީ ފޮކްސް ސްޓޫޑިއޯއާއި ގުޅިގެންނެވެ. އެ ދެ ފިލްމު ކާމިޔާބުވެއްޖަނަމަ ހަތަރު ވަނަ އަދި ފަސް ވަނަ ފިލްމުގެ މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވަރަށް ކުރާ ހިތުން ވަރަށް ގަޔާވެގެން މި މަސައްކަތް މި ކުރަނީ." ކެލިފޯނިއާގައި ހުންނަ އެވޭޓާގެ ސީކުއެލްތައް ތައްޔާރުކުރާ ސްޓޫޑިއޯގައި ހުރެ ޖޭމްސް ބުންޏެވެ.

އެ ސްޓޫޑިއޯގައި މި ފިލްމު ސީރީޒްގެ ސީކުއެލްތަކުގައި ފެނިގެންދާނެ އެއްޗެއްސާއި ކެރެކްޓާސްތަކުގެ ޑިޒައިންތައް ޑިސްޕްލޭކޮށްފައިވެ އެވެ.

"އެވޭޓާ" ފުރަތަމަ ފިލްމުގެ ޓްރެއިލާ.

އެވޭޓާސްގެ ފުރަތަމަ ފިލްމު ނިކުތީ 2009 ގަ އެވެ. މި ފިލްމަކީ ނޫ ކުލައިގެ ނަސްލަކަށް ނިސްބަތްވާ އިންސާނުންނާއި ވައްތަރު ބައެއްގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ހިޔާލީ ވާހަކައެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން 2.8 ބިލިއަން ޑޮލަރު ހޯދާއި މި ފިލްމަކީ މިހާތަނަށް ހޮލީވުޑްގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެވެ.

ދެ ވަނަ ސީކުއެލް ފިލްމު ފޮކްސް އިން ޑިސްޓްރިބިއުޓްކުރާއިރު، ޑިޒްނީއާއެކު 52 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް އެކުލަވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 2020 ގަ އެވެ.