ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހްގެ ރެކޯޑާއެކު އޭއެސް ރޯމާގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދިއުމުގެ ފުރަތަމަ ދޮރު ލިވަޕޫލުން ހުޅުވައިފި އެވެ.
ލިވަޕޫލްގެ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކުރީ ސަލާހް އެވެ. ފުރަތަމަ ލަނޑު 36 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނީ ދިން ބޯޅަ އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި، ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ މަތީ ކަނަށް ވާގޮތަށް ބޯޅަ ފޮނުވާލައިގެންނެވެ.
ދެ ވަނަ ލަނޑު 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ލިވަޕޫލްގެ ކީޕަރު ލޮރިސް ކާރިއޯސްއަށް ވެސް ފުރުސަތު ނުދީ އޭނާ ނެއްޓޭނެހެން ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. ރޯމާގައި ހުރެފައި މި ސީޒަންގައި ލިވަޕޫލަށް ބަދަލުވި ސަލާހް އެ ދެ ލަނޑު ޖެހުމަށްވެސް އުފާ ފާޅު ކޮށްފައެއް ނުވެ އެވެ.
ސަލާހް ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގްގެ އެއް ސީޒަނެއްގައި 10 ލަނޑު ޖެހި އެފްރިކާ ބައްރުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ ކެމެރޫންގެ ކުރީގެ ކުޅުންތެރިޔާ ސެމިއުލް އެޓޫ އަތުގަ އެވެ. އިންޓަމިލާންގައި 2010/2011 ގެ ސީޒަންގައި އޭނާ ވަނީ ޗެމްޕިއަންސް ލީގްގައި ނުވަ ލަނޑު ޖާހާފަ އެވެ.
މެޗުގެ 56 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ސެޑިއޯ މާނޭ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ފިރުމީނޯ އެވެ. މާނޭ އާއި ފިރުމީނޯ ޖެހި ލަނޑުތަކުގައި ވެސް ސަހާލްގެ ހިއްސާ އޮތެވެ.
ރޯމާ އިން ވަނީ މެޗުގެ ފަހު ކޮޅު ދެ ގޯލް ކާމިޔާބުކޮށް އަވޭ ދެ ގޯލްގެ ފައިދާ ލިބިގެންފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑެން ޒެކޯ އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިއޭގޯ ޕެރޯޓީ އެވެ.
މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގް މެޗު ރޯމާގެ ދަނޑުގައި އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ.