ކުޅިވަރު

ހަމޭސް އާ އަހަންނާ ދެމެދު މައްސަލައެއް ނެތް: ޒިދާން

ރެއާލް މެޑްރިޑުން ބަޔާން މިޔުނިކަށް ދޫކޮށްލި މިޑްފީލްޑާ ހަމޭސް ރޮޑްރިގޭޒް އާ އޭނާ އާ މައްސަލައެއް ނުޖެހޭ ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒިދާންގެ ކޯޗު ކަމުގެ ދަށުން ރެއާލް އަށް ހަމޭސް ކުޅުނު ދެ ސީޒަންގައި އޭނާ އަށް މެޗުތަކުން ފުރުސަތު ލިބުނީ ވަރަށް މަދުން ނެވެ. ޒިދާން ގިނައިން ހަމޭސް ބޭނުން ކުރަނީ ރިޒާވް ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރެއާލްގައި ޒިދާން އާ އެކު ހޭދަވި މުއްދަތުގައި ހަމޭސް އާ ޒިދާން އާ ދެމެދު ގުޅުން ރަނަގަޅު ނޫން ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.

ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލު މެޗުގައި މިރޭ ރެއާލް މެޑްރިޑް ނިކުންނާނީ ހަމޭސްގެ މިހާރުގެ ޓީމު ބަޔާން އާ ދެކޮޅަށެވެ. އަދިވެސް ހަމޭސް ހުރީ ރެއާލްގެ ކޮންޓްރެކްޓްގައެވެ. އޭނާ ބަޔާން މިޔުނިކަށް ބަދަލުވީ ލޯން އުސޫލުންނެވެ. ބަޔާންގައި ހަމޭސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ އެހެންވެ އޭނާ ވެފައި ވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށެވެ.

"އަހަރެން ހަމޭސް އާ މެދު އެހާ ޝައުގުވެރި ނުވެޔޭ އެއްވެސް މީހަކު ބުނާނަމަ އެއީ ރަނގަޅު ވާހަކައެއް ނުން،" ޒިދާން ބުންޏެވެ. "އޭނާ އަކީ މޮޅު ކުޅުންތެރިޔެއް، އަހަންނާ އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް."

"އޭނާ ބޭނުން ވާނެ ގިނަ ފުރުސަތުތައް، އަހަންނަށް އެކަން ސާފު ވޭ، މި އަހަރު އެހެން ދިމާވޭ ބެންޗުގައި ތިބޭ އެހެން ކުޅުންތެރިންނާ މެދުވެސް، ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތު ނުދެވުމަކީ ކޯޗަކަށްވެސް އުނދަގޫ ވާނެ ކަމެއް."

"އޭނާ [ހަމޭސް] ހުންނާނީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި، ސަބަބަކީ އޭނާ އަކީ ކުޅެން ގިނަ ފުރުސަތުތައް ބޭނުންވާ ކުޅުންތެރިޔެއް، އަބަދުވެސް ވަރަށް ރަނގަޅަށް ކުޅެން ބޭނުންވާ ކުޅުންތެރިޔެއް."

މި ސީޒަންގައި ޒިދާން އަށް ރެއާލް މެޑްރިޑަށް ހޯދައި ދެވެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލުން ކެޓިއިރު ސްޕެނިޝް ލީގް ހޯދުމުގެ ދޮރު ރެއާލްއަށް ވަނީ ބަންދުވެފަ އެވެ.

ޒިދާން ބުނީ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދިއުމުގެ ޓާގެޓްގެ އިތުރަށް ބަޔާން އާ ދެކޮޅަށް ރީތި މެޗެއް ކުޅުމަކީވެސް ރެއާލްގެ އަމާޒެއް ކަމަށެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން 11:45 ގަ އެވެ.