ބޮލީވުޑް

ރާޖްކުމާރު ރާއޯގެ އެކްޓިން މީހުން އާޝޯހުކޮށްފި

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރަކަށް ރާޖްކުމާރް ރާއޯ ވާނެ އެވެ. އާންމުކޮށް ބޮލީވުޑްގައި އެންމެ ކުރީގައި ފިޔަޖަހަނީ ފިލްމީ އާއިލާއަކުން ދާއިރާއަށް ތައާރަފުވާ އެކްޓަރުންނެވެ. ނަމަވެސް ރާޖްކުމާރްއަކީ އާއިލީގޮތުން ބަލާނަމަ ބޮލީވުޑާއި އެއްވެސް ގުޅުމެއް ނެތް އެކްޓަރެކެވެ. އެކަމަކު މިއަދު ބޮލީވުޑްގައި ތިބި އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ފިލްމުތަކުގައި ރާޖްކުމާރް، 33، ދައްކުވައިދޭ އެކްޓިންނަށް ގިނަ ބައެއް ތައުރީފު އަބަދުވެސް އޮހެމުންދެ އެވެ. އެގޮތުން ރާޖްކުމާރްގެ ކުރިއަށް އޮތް ފިލްމު "އޮމަރްތާ" ގައި އޭނާ ދައްކުވައިދޭ އެކްޓިން ފެނިފައި ގިނަ ބަޔަކު މިހާރު ވަނީ އާޝޯހުވެފަ އެވެ. އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރިތަނުން އެއީ ހަމަ އޭނާކަން ގަބޫލުކުރަންވެސް ދަތިވި އެވެ.

މިހާރު ވަނީ މި ފިލްމުގެ އިތުރު ޓްރެއިލާއެއްވެސް އާންމުކޮށްފަ އެވެ. ގާތް ގަނޑަކަށް ތިން މިނެޓަށް ދެމިގެންދާ މި ޓްރެއިލާ ބަލާއިރު މީހެއްގެ ގައިން ހީބިހި ނަގާނެ އެވެ. މިގޭ ކުރިން ބޮލީވުޑް ފިލްމުތަކުގެ ނުފެންނަފަދަ ވަރުގަދަ ކެރެކްޓާސްތައް އޭނާ އަންނަނީ ކުޅެމުންނެވެ.

އޮމަރްތާއަކީ ޕާކިސްތާން އަދި އިނގެރޭސިވިލާތަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ޓެރަރިސްޓެއް ކަމަށްވާ އޮމަރް ޝެއިހް ސައީދުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އޮމަރް ޝެއިހްއަކީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ޓުވިން ޓަވަރު ގޮއްވާލި ނުވަތަ ސެޕްޓެމްބަރު 11 ގެ ހަމަލާގެ ފަހަތުގައިވާ ޓެރަރިސްޓެވެ. އޭނާ ވަނީ 2002 ވަނަ ދަ ވޯލް ސްޓްރީޓް ޖާނަލްގެ ނޫސްވެރިޔާ ޑެނިއެލް ޕާލް ރަހީނުކޮށް މަރާވެސް ލާފަ އެވެ.

މުމްބާއީގައި 2008 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މޭސްތިރިއަކީވެސް އޮމަރް ޝެއިހް އެވެ. މީގެ އިތުރުންވެސް ބޮޑެތި ގިނަ ކުށްތަކެއް އޭނާ ވަނީ ކޮށްފައިވެ އެވެ. މީހުން މެރުމާއި ރާހީނުކުރުމުގެ ކުށުގައި އޭނާގެ މިހާރު ވަނީ އުމުރު ދުވަހަށް ޖަލަށް ލާފަ އެވެ. އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމްވެސް އިއްވާފަ އެވެ.

ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ރާޖްކުމާރް ބުނީ، "މިއީ އަހަރެން އެންޓި ހިރޯ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރު. އެހާ ރުޅި އަންނަ މީހެއްގެ ރޯލު ކުޅެންޖެހުނީމަ އެހާ ފަސޭހައެއްވެސް ނުވި." ކަމަށެވެ.

މި ފިލްމު މިހާރުވެސް ވަނީ އެކި ފިލްމު ފެސްޓިވަލްތަކެއްގައި ދައްކައި ގިނަ ތައުރީފުތަކެއް ހޯދާފަ އެވެ. އެގޮތުން "ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" އާއި "ހޮން ކޮންގް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" އާއި "ބޫސަން އިންޓަނޭޝަލަން ފިލްމު ފެސްޓިވަލް" ގެ އިތުރުން "މުމްބާއީ ފިލްމު ފެސްޓިވަލް" ގައި ދައްކާފައިވެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ނޫސްތަށް ކަމަށްވާ ހޮލީވުޑް ރިޕޯޓާއާއި ވެރައިޓީންވެސް ވަނީ މި ފިލްމަށް ތައުރީފުކޮށްފަ އެވެ.

އޮމަރްތާއަކީ ހަންސަލް މެހެތާގެ ލިޔެ އަދި ޑައިރެކްޓުކުރާ ފިލްމެކެވެ. މިއީ ހަންސަލްއާއެކު ރާޖްކުމާރް މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން ރާޖްކުމާރް ވަނީ ހަންސަލްގެ ފިލްމު "އަލީގަރް"، "ޝާހިދު" އަދި "ސިޓީ ލައިޓްސް"ގައި މަސައްކަތްކޮށްފަ އެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މެއި މަހު ހަތަރުކުން ފެށިގެންނެވެ.