ކުޅިވަރު

ބަޔާންއަށް ތިން ތަށި ހޯދައިދޭން ހޭންކެސް އިތުބާރާއެކު

ރިޓާޔާމެންޓް މެދުކަނޑަލުމަށްފަހު، ޔުޕް ހޭންކެސް އެނބުރި ފުޓްބޯޅައިގެ ތެރެއަށް އައީ ހަ މަސް ކުރިންނެވެ. އޭނާ ރިޓަޔާ ކުރީ 2013 ވަނަ އަހަރު ބަޔާން މިޔުނިކަށް ތިން ތަށި ހޯދައިދިނުމަށްފަހު އެވެ. ރިޓަޔާމެންޓް މެދު ކަނޑާލުމަށްފަހު އޭނާ އެނބުރި އައީ ބަޔާން މިޔުނިކުގެ އެދުމުގެ މަތިންނެވެ.

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުގައި ޕީއެސްޖީ އަތުން ބަލިވެ ލީގްގެ މުހިންމު މެޗުތަކުގެ ދަށް ނަތީޖާ ތަކުގެ ސަބަބުން ޓީމުގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޯޓީ މަގާމުން ވަކި ކުރި އެވެ. ބަޔާންގެ ކޯޗު ކަމަށް ފުޓްބޮޅައިގެ އެކްޓިވްކޮށް އުޅޭ އެހެން ކޯޗަކު ގެނައުމުގެ އިހްތިޔާރު ވެސް އެ ޓީމަށް އޮތެވެ. ނަމަވެސް އެ ޓީމުގެ ބޯޑުން ހޭންކެސްގެ ގާތުން އެދުނީ ރިޓަޔާމެންޓް މެދު ކަނޑާލައި ބަޔާން އާ ހަވާލު ވުމަށެވެ. ހޭންކެސް އެނބުރި އައީ އޭނާގެ ދުވަސްވީ ރަހުމަތްތެރިޔާ ބަޔާންގެ ރައީސް އުލީ ހޫނެސްގެ އެދުމުގެ މަތިންނެވެ.

ބަޔާންގެ ކޯޗު ކަމާ ހަތަރު ވަނަ ފަހަރަށް ހަވާލުވެ ހޭންކެސް ބަޔާން ހަމައަކަށް އަޅުވާލި އެވެ. ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ގެންގޮސްދީފި އެވެ. ލީގް ޗެމްޕިއަންކަން ބަޔާން އަށް ހޯދައިދީފި އެވެ. ޖަރުމަން ކަޕް ބަޔާން އަށް ހޯދައިދިނުމުގެ ފުރުސަތުވެސް އޮތީ އެވެ. ތިން ތަށި އަލުން ބަޔާންއަށް ހޯދައިދިނިމުގެ ފުރުސަތު ހޭންކެސްގެ ކުރިމަތީގައި އެބައޮތެވެ.

ހޭންކެސް ބުނީ ރިޓަޔާމެންޓް ނިންމާލުމަށްފަހު އަލުން ފުޓްބޯޅައިގެ ތެރެއަށް އަންނަންވީތޯ އުފެއްދި ސުވާލަކީ އޭނާގެ އަމިއްލަ ހިތުގައިވެސް އުފެއްދި ސުވާލެއް ކަމަށެވެ.

"އަހަރެން ފުޓްބޯޅަ ދެކެ ވަރަށް ބޮޑަށް ލޯބިވޭ، އަހަރެން ކަމެއް ކުރަންޏާ އަހަރެން ކުރާނީ 100 ޕަސަންޓްގައި،" ހޭންކެސް،72 ބުންޏެވެ. "މި ކަހަލަ މެޗުތަކަކީ [ޗެމްޕިއަންސް ލީގް ސެމީ ފައިނަލަކީ] މިއީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މެޗުތައް، ވަރަށް ގިނަ ކޯޗުންވެސް އެމީހުންގެ މުޅި ލައިފްގައިވެސް މިކަހަލަ މެޗުތަކެއް ނުލިބޭ."

"އަހަރެން އެނބުރި މިއައީ ވަރަށް މުސްކުޅި އުމުރުގައި، މިހާރު އަހަރެންގެ އަތުގައި މިއޮތީ އަލުން ކާމިޔާބު ހޯދުމުގެ ޝަރަފު ލިބިފައި، ސެމީ ފައިނަލުން ފައިނަލަށް ދިއުމަށް އަހަރެން މިހުރީ ވަރަށް އިތުބާރާއެކު."

ޗެމްޕިއަންސް ލީގް ރެކޯޑްގައި ކޯޗެއްގެ ގޮތުގައި ޒިދާން އާއި ޔުޕް ހޭންކެސް އެއްވަރެވެ. ދެ ކޯޗުންވެސް ވަނީ ޗެމްޕިއަންސް ލީގް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޒިދާން ވަނީ ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ހޭންކެސް ކާމިޔާބު ކުރި ފުރަތަމަ ޗެމްޕިއަންސް ލީގަކީ 1998 ވަނަ އަހަރު ރެއާލް މެޑްރިޑަށް އޭނާ ހޯދައިދިން މުބާރާތެވެ. ހޭންކެސްގެ ރެއާލްއާ ދެކޮޅަށް ފައިނަލުގައި ކުޅުނީ އޭރު އުމުރުން 27 އަހަރުގެ ޒިދާން ކުޅެމުންދިޔަ ޔުވެންޓަސް އެވެ.

ޒިދާން ވަނީ ހޭންކެސްގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ ހޭންކެސް އަކީ އޭނާ ވަރަށް ބަލައިގަންނަ ކޯޗެއް ކަމަށެވެ.

"އޭނާ އަކީ އަހަރެން އެންމެ މެކްސިމަމް އިހްތިރާމު ދޭނެ ކޯޗެއް، ބަޔާން އާއި މެޑްރިޑަށް އޭނާ ކޮށްދީފައިވާ މަސައްކަތަށް އަހަރެން ފުރިހަމައަށް ބަލައިގަންނަން،" ޒިދާން ބުންޏެވެ. "އޭނާ ވަނީ ފުޓްބޯޅައިގައި ވަރުގަދަ މަސައްކަތްތަކެއް ކޮށްފައި އަހަރެން ވަރަށް ބޮޑަށް އޭނާ ބަލައިގަންނަން."