ބާސެލޯނާގެ ކެޕްޓަން އަންޑްރޭ އިނިއެސްޓާއަށް އަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހައްގު ކަމަށާއި އޭނާ އަށް ބެލަންޑޯ އެވޯޑް ނެދުވުމުން މާފަަށް އެދޭ ކަމަށް ފްރާންސް ފުޓްބޯލް މެގަޒިންއިން ބުނެފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރާ ހަމަޔަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޮވަނީ ފީފާ އާއި ފްރާންސް ފުޓްބޯލް ގުޅިގެންނެވެ.
ފްރާންސް ފުޓްބޯލް މެގަޒިންގެ އެޑިޓޯރިއަލްގައި އެ މަޖައްލާގެ އެޑިޓަރު ފަސްކެލް ފެއާ ލިޔެފައިވާ ސުރީހިގައި ވަނީ މިހެންނެވެ. "އަހަރެމެންނަށް މާފު ކުރޭ އަންޑްރެސް"
ފުޓްބޯޅައިގެ ދުނިޔެ ގަބޫލު ކުރާގޮތުގައި 2010 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހައްގު ވަނީ އިނިއެސްޓާ އަށެވެ. އެއީ އެ އެހަރު ހަތަރު ތަށި އިނިއެސްޓާ ވަނީ ހޯދި އެވެ.
އެއީ ބާސެލޯނާއާ އެކު ހޯދި ސްޕެނިޝް ލީގާއި ޔޫއެފްއާ ސްޕަކަޕްގެ އިތުރުން ކުލަބު ވޮޅްޑްކަޕެވެ. އަދި އެ އަހަރު ސްޕެއިންނަށް ވޯލްޑްކަޕް ޗެމްޕިއަކަން ހޯދައިދިނުމުގައިވެސް އެންމެ މުހިންމު ދައުރެއް އާދާ ކުރީ އޭނާ އެވެ. ވޯލްޑްކަޕް ފައިނަލުގައި ހޮލެންޑް ކޮޅަށް ސްޕެއިންގެ ހަމައެކނި ލަނޑު ޖެހީ އިނިއެސްޓާ އެވެ.
ނަމަވެސް އެ އަހަރު ބެލެންޑޯ އެވޯޑް ދިނީ މެސީ އަށެވެ. ވޯލްޑްކަޕް އާޖެންޓީނާ އާއެކު މެސީ އަށް އެ ފަހަރު ދެވުނީ ކްއާޓާ ފައިނަލަށެވެ. އެ އަހަރު ބެލަންޑޯ އެވޯޑްގެ ގަދަ ތިނަކަށް ވާދަ ކުރީ ބާސާގެ ކުޅުންތެރިންނެވެ. އެއީ އެވޯޑް ގެންދިޔަ މެސީ އާއި ދެ ވަނަ ހޯދި އިނިއެސްޓާގެ އިތުރުން ބާސްގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އެވެ.
ފެއާ ބުނީ އެވޯޑް ގެންދިޔައީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި ހޮވުނީ އެންމެ ގިނަ ވޯޓް ލިބުނު ކުޅުންތެރިޔާ ކަމަށެވެ.