ކުޅިވަރު

ރެއާލް ޖެހިޖެހިގެން ތިންވަނަ ފައިނަލުގެ އުންމީދުގައި

ބަޔާން މިޔުނިކްގެ ދަނޑު އެލިއަންޒް އެރީނާގައި އެ ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދިއުމުގެ އުންމީދު ރެއާލް މެޑްރިޑުން ދަމަހައްޓައިފި އެވެ.

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި މިދިޔަ އަހަރު ބައްދަލު ކުރީ މި ދެ ޓީމެވެ. މިދިޔަ އަހަރުވެސް ފުރަތަމަ ލެގް މެޗުން ރެއާލް މެޑްރިޑް މޮޅުވީ 2-1 ންނެވެ. ރޭގެ މެޗުގައި ރެއާލްއަށްވުރެ ރަނގަޅަށް ކުޅުނީ ބަޔާންގެ ޓީމުންނެވެ.

ބަޔާން އިން ލިޑް ނެގީ ލަނޑު އެ ޓީމަށް ލިބުނު ކައުންޓަ އެޓޭކު ފުރުސަތެއްގައި ހޯޝްއާ ކިމިޗް އެވެ. ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ ރެއާލްގެ ކޮންޓްރެކްޓްގައި ހުރެ ލޯން އުސޫލުން ބަޔާންއަށް ކުޅެމުންގެންދާ ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް އެވެ. ހަމޭސް ތަނަވަސް ކޮށްދިން ބޯޅަ ހިފައިގެން އޭރިއާގެ ކަނާ ދިމާލުން އަރައި ކިމިޗް ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. ރެއާލްގެ ކީޕަރު ކޭލޯ ނާވަސް އަށް އެ ބޯޅަ ސަލާމަތް ކުރުމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ވައިސް ކެޕްޓަން މާސެލޯ އެވެ. ޑެނިއަލް ކަވަހާލް އަށް ޖަހަން ލިބުނު ބޯޅަ އޭނާ ހުރަސް ކޮށްދިނީ ރޮނާލްޑޯއަށް ތަނަވަސް ކޮށްދޭށެވެ. ނަމަވެސް ރޮނާލްޑޯ ޖެހުމުގެ ކުރިން އެ ބޯޅަ އޭނާ ފަސްދީ ލިބުނީ މާސެލޯ އަށެވެ. އޭރިއާގެ ރޮނގުމަތިން މާސެލޯ ވަނީ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފުގައި މުޅިން ކަހަލަ ގޮތަކަށް ކުޅުނީ ބަޔާން މިޔުނިކުންނެވެ. އެ ޓީމުގެ ފްރޭންކް ރިބެރީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފަ އެވެ.

ބަޔާންގެ މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ތިއްބައި ރެއާލްގެ ލޫކަސް ވަޒްކްއޭޒްއަށް ލިބުނު ބޯޅަ އޭނާގެ ސްޕީޑް ބޭނުންކޮށްނގެން އޭރިއާ އާ ހަމަޔަށް ގޮސް ބޯޅަ ތަނަވަސް ކޮށްދިނީ މާކޯ އެސެންސިއޯ އަށެވެ. އެސެންސިއޯ ވަނީ އޭރިއާ ތެރެއަށް ވަދެ ބަޔާންގެ ކީޕަރު ސްވެން އުލިރެޗްއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

އޭގެ ފަހުން ބަޔާންގެ ރޮބަޓް ލެވަންޑޮސްކީއަށް ވެސް ވަނީ ފުރުސަތެއް ލިބިފަ އެވެ. ރެއާލްގެ ކީޕަރު ނާވަސްގެ ގައިން ނެއްޓޭ ގޮތަށް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ލުކަ މޮޑްރިޗް ވަނީ ރޮނާލްޑޯއަށް ފުރުސަތެއް ހޯދައިދިފަ އެވެ. އެ ބޯޅަ ރޮނާލްޑޯ ގޯލް ތެރެއަށް ފޮނުވާލި ނަމަވެސް ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހުނު ކަމަށް ނިންމައި ރެފްރީ ދިނީ ބަޔާން އަށް ހިލޭ ޖެހުމެކެވެ. ރޭގެ މެޗަކީ މި ސީޒަންގެ ޗެމްޕިއަންސް ލީގްގައި ލަނޑެއް ނުޖެހި ރޮނާލްޑޯ ނިންމާލި ފުރަތަމަ މެޗެވެ.