ކުޅިވަރު

ބެންގަލޫރު ބަލިވުމުން ބޮޑެތި ފާޑު ކިޔުންތަކެއް

ނިއު ރޭޑިއަންޓްގެ އަތުން އިންޑިއާގެ ބެންގަލުރު އެފްސީ ބަލިވުމުން، އެ ޓީމަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް "އީ" ގައި އިއްޔަ މާލޭގައި ކުޅުނު މެޗުން، ނިއު އަތުން ބެންގަލޫރު ބަލިވީ 2-0 ންނެވެ. މިއީ ބެންގަލޫރުގެ މައްޗަށް ދިވެހި ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ބެންގަލޫރު އަތުން އެންމެ ޕޮއިންޓެއްވެސް ދިވެހި ކުލަބަކަށް ހޯދިފައެއް ނުވެ އެވެ.

ބެންގަލޫރުގައި ކުޅުނު މެޗުން އެ ޓީމު މޮލުވީ 1-0 ންނެވެ. މީގެ ކުރިން މާލޭގައި ދިވެހި ޓީމުތަކާ ދެކޮޅަށް ކުޅުނު ނަމަވެސް، ބެންގަލޫރު ގައުމަށް ދަނީ ދިވެހި ކުލަބުތައް ބަލިކޮށްފަ އެވެ. ދިވެހި ކުލަބަކުން ވީ ފުރަތަމަ ބައްޔާއެކު ބެންގަލޫރަށް ގިނަ ބަޔަކު ދަނީ ފަޑު ކިޔަމުންނެވެ.

"އެ މީހުން [ބެންގަލޫރު ޓީމު] ރާއްޖެ ދިޔައީ ޗުއްޓި ހޭދަ ކުރަން، އެނބުރި އަންނަނީ ދެ ގޯލް ހިފައިގެން އެއީ ސްވެނިއާގެ ގޮތުގައި ރާއްޖެއިން ގެންނަ ހަދިޔާ،" ޖޯޖް ކީޝިންގެ ނަމުގައި ބެންގަލޫރުގެ ޓްވިޓާ ޕޯސްޓަކަށް ކޮމެންޓް ކޮށްފައިވާ މީހަކު ބުނެފައި ވެއެވެ. "މިއަދު [އިއްޔަ] އެ ދެއްކީ މުޅިން ދަށް ކުޅުމެއް."

"މި ބައްޔަށް ފަހު އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެ، އައިއެސްއެލް އާއި ސްޕަ ކަޕަށް ވުރެ އޭއެފްސީ ކަޕް އަހަރެމެންނަށް މުހިންމު، އެކްސްޕރިމެންޓް ކުރާކަށް ނުޖެހޭ، އޭއެފްސީކަޕްގައި ބީއެފްސީ ތަމްސީލު ކުރަނީ އިންޑިއާ." ފުޓްބޯލް އިންޑިއާގެ ނަމުގައި ޓްވީޓްކޮށްފައި ވެއެވެ. "

ސްމިޓް ސޫރަޔާ ޕްރަކާޝްގެ ނަމުގައި ކޮމެންޓް ކޮށްފައިވާ މީހަކު ބުނެފައި ވަނީ މިއީ ވީ އެންމެ ބޮޑު ބަލި ކަމަށެވެ.

ޔޫޓިއުބް ޗެނަލަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ ބެންގަލޫރުން ނިއު ރޭޑިއަންޓާ މެދު މާ ފަސޭހަ ކޮށް ދެކުނީ ކަމަށެވެ. އެހެން މިހަކު ބުނެފައި ވަނީ ދެ ގޯލްވެސް ވަނީ ޑިފެންޑަރު ރާހުލް ބޭކޭގެ ސަބަބުން ކަމަށެވެ.

ބެންގަލޫރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގައި، ބެންގަލޫރުގެ ހެޑް ކޯޗް އަލްބަޓް ރޮކާ ބެންޗުން ފޮނުވާލުމުން އޭނާ އަށް އައި ސަޕެންޝަނާ ގުޅިގެން، އިއްޔަގެ މެޗުގައި ޓީމަށް އިރުޝާދު ދިނީ ގޯލްކީޕަރު ކޯޗް އިޑޫ ގޯސަލް އެވެ.

ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އޭނާ ބުނީ މުޅި ސީޒަންގައިވެސް އޭނާގެ ޓީމު އެންމެ ދަށްކޮށް ކުޅުނު މެޗަކީ އިއްޔަ ނިއު އާ ދެކޮޅަށް ކުޅުނު މެޗު ކަމަށެވެ.

އޭނަ ބުނީ ނިއު އެއްގޮތަކަށްވެސް ފަސޭހަކޮށް ނުނަގާ ކަމަށާއި، މެޗުން ބަލިވި ސަބަބުތައް ދެނެގަންނާނެ ކަމަށެވެ. އޭނަ ބުނީ ނިއު މޮޅުވީ ރަނގަޅަށް ކުޅެގެން ކަމަށެވެ.

"100 ޕަސަންޓް ޔަގީން މީ މުޅި ސީޒަންގައި އަހަރެމެން ކުޅުނު އެންމެ ދަށް މެޗު،" އިއްޔަގެ މެޗަށް ފަހު ވާހަކަ ދައްކަމުން ގޯސަލް ބުންޏެވެ. "އަހަރެމެން މިތަނަށް އައީ ތިން ޕޮއިންޓް ހޯދަން، އެހެންނަމަވެސް ކުޅުންތެރިންގެ މި އެ ޓީޓިޔުޑްގެ ސަބަބުން މޮޅުވުމަކީ ނުވާނެ ކަމެއް."