އޮފްބީޓް

ދުނިޔޭގެ ހަމައެކަނި ޓްރޮޕިކަލް ޕޯލާ ބެއާ މަރުވެއްޖެ

ދުނިޔޭގެ ޓްރޮޕިކަލް އޭރިއާއެއް ނުވަތަ ފިނިހޫނު މިން އާދާއިގެ ހިސާބަކަށް ފުރަތަމަ ފަހަރަށް އުފަންވި ޕޯލާ ބެއާ މަރުވެއްޖެ އެވެ. މި ޕޯލާ ބެއާ އުފަންވީ ސިންގަޕޫރުގެ ޒުލެއްގަ އެވެ. މި ޕޯލާ ބެއާގެ ނަމަކީ "އިނޫކާ" އެވެ.

އުމުރުން 27 ގައި އިނޫކާ މަރުވިއިރު، މިއީ އާންމުގޮތެއްގައި ވައިލްޑް ޕޯލާ ބެއާ މަރުނުވެ ދުނިޔޭގައި އުޅޭ އުމުރާއި ބަލާފައި 10 އަހަރުގެ ދިގު މުއްދަތެކެވެ.

ސިންގަޕޫރުގެ ޒުލެއްގައި އިނޫކާ ގެންގުޅޭތީ ޖަނަވާރު ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ މެދުގައި ދެބަސްވުންތަކެއްވެސް އުފެދިފައިވެ އެވެ. އެމީހުން ވަނީ އެންމެ ފުރަތަމަ 1978 ގައި ސިންގަފޫރުގެ ޒުލަށް ޕޯލާ ބެއާއެއް ގެނާއި ހިސާބުން ފެށިގެން އެކަމާއި ދެކޮޅަށް ކެމްޕެއިންތަކެއްވެސް ފަށާފަ އެވެ.

ޖަނަވާރުންގެ ރައްކާތެރިކަމާއި ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު 2006 ވަނަ އަހަރު ޒުލުން ވަނީ އިނޫކާއަށްފަހު ދެން އިތުރު ޕޯލާ ބެއާއެއް އެ ޒުލަށް ނުގެންނާނެ ކަމަށް ބުނެފަ އެވެ. އިނޫކަ މަރުވުމުން އެއަށް ލޯބިކުރި އެތަށް ބަޔަކު ދަނީ ހިތާމަ ފާޅުކޮށް ޝޯޝަލް މީޑިއާގައި އެ ވާހަކަތައް އާންމުކުރަމުންނެވެ.

ދާދިފަހުން ހެދި ފިޒިކަލް އެގްޒަމިނޭޝަންތަކުން ދެއްކި ގޮތުގައި އިނޫކާއަށް ވަނީ ހުޅުތަކުގައި ރިއްސާ ބައްޔެއްކަށްވާ "އަތްރިޓިސް" ޖެހިފަ އެވެ. މީގެ އިތުރުން ދަތުގެ މައްސަލަތަކަކާއި ކަންފަތުގައި އިންފެކްޝަން އުފެދިފައިވެ އެވެ. އަތްފައިން ވަރުދިޔުމުގެ ސަބަބުން ހިނގާވެ ބިނގާވެ އުޅުމަށްވެސް އިނޫކާއަށް ވަނީ ދަތިވެފަ އެވެ.

"މި ސަބަބުތަކަށްޓަކައި އަހަރެމެން ނިންމީ ބޭސްކޮށްގެން އަދި ގިނަ ދުވަހު އިނޫކާ ދުނިޔޭގައި ބެހެއްޓުމަށް މަސައްކަތްކުރުމަށްވުރެ، އެއަށް މި ތަކުލީފުތަކުން ދުރުވެވެން އޮތީ އަހަރެމެން ދޫ ދިނުމުން ކަމަށް." ސިންގަޕޫރުގެ ވައިލްޑް ލައިފް ރިޒާވްސްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓީވް ޗެންގް ވެން ހޯރް ވިދާޅުވި އެވެ. "އަހަރެމެން އިނޫކާ ކިތައްމެ ބޭނުންވިޔަސް އޭނާއަށް ފަސޭހަވާނެ ގޮތާއި މެދު އަހަރެމެން ވިސްނަންޖެހޭ."

ވައިލްޑްލައިފް ރިސާޒްވްސް ސިންގަޕޫރުން ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް.

ސިންގަޕޫރު އިންނަނީ އީކުއެޓާއަށްވުރެ އެއް ޑިގްރީ މަތީގަ އެވެ. ދުވާލުގެ ވަގުތުތަކުގައި ފިނިހޫނުމިން އުޅޭނީ އާންމުކޮށް 25 ޑިގްރީ ސެލްސިއަސްގަ އެވެ. މި ވަރުގެ ފިނިހޫނު މިނެއްގައި ޕޯލާ ބެއާއެއް އުޅުމަކީ އާދަޔާއި ހިލާފުކަމެކެވެ.

އިނޫކާ އުފަންވީ 26 ޑިސެމްބަރު 1990 ގައި އެވެ. މިއީ ސިންގަޕޫރުގެ ޒުލެއްގައި ގެންގުޅު ހަތަރު ވަނަ ޕޯލާ ބެއާ އެވެ. އިނޫކާ ގެންގުޅުނީ ޒުލުގައި އެޔަށް ހާއްސަކޮށްގެން ހަދާފައިވާ ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ ސަރަހައްދެއްގަ އެވެ.