ބޮލީވުޑް

"އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކްއަށް ޝާހިދު

ސުޕަހިޓް ޓެލުގޫ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރީމޭކްގެ ބަތަލްއަކަށް ޝާހިދު ކަޕޫރް ހަމަޖައްސައިފި އެވެ.

މީގެ ކުރިން އަޑު ފެތުރިފައި އޮތީ އެ ރޯލަށް ނަގާނީ އަރްޖުން ކަޕޫރް ކަމަށެވެ. ނަމަވެސް މުމްބާއި މިރޯއިން މިހާރު ވަނީ އެ ރޯލަށް ޝާހިދު ނެގިކަން ކަށަވަރުކޮށްދީފަ އެވެ.

މި ފިލްމުގެ ލީޑަށް ނަގާނެ ބަތަލާއެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ. މިހާރު ކުރަމުން އަންނަނީ ފިލްމު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތެވެ. ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދާނީ އިންޑިއާ އަދި ބޭރު ގައުމެއްގައި ކަމަށް މައުލޫމަތު ލިބެ އެވެ.

ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ނިންމާ ފިލްމުގެ މަސައްކަތް ފެށޭނެ ކަމަށް ބެލެވެނީ ޖުލައި މަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަރްޖުން ރެއްޑީގެ ޓެލުގޫ ފިލްމުގައި ލީޑުން ފެނިގެންދަނީ ވިޖޭ ދޭވަރަކޮންޑާ އެވެ. ބޮޑު މަގުބޫލުކަމެއް ލިބުނު މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ ވަރަށް ހީވާގިކޮށް މަސައްކަތް ކުރަމުންއައި ޑޮކްޓަރެއް އޭނާގެ ލޯބީގެ ހަޔާތައް އަންނަ އުދާސްތަކެއް ސަބަބުން ރަލުގެ އަވައިގައިޖެހި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އޭނާއަށް ކުރިމަތިވާ ކަންކަމުގެ މައްޗަށެވެ.

ޝާހިދު މިހާރު ކުރަމުން އަންނީ "ބަޓީ ގުލް މީޓަރު ޗާލޫ" ގެ ޝޫޓިންގެ މަސައްކަތެވެ. އެ ފިލްމުގައި ޝާހިދު ފެނިގެންދާނީ ޝްރައްދާ ކަޕޫރްއާއެކު އެވެ.

ޝާހިދު އެންމެފަހުން ފެނިގެންދިޔައީ ބްލޮކްބާސްޓާ ފިލްމު "ޕަދްމާވަތް" އިންނެވެ.