ކުޅިވަރު

ބުރުޒޮން ނިއުގެ ގޭމް އަތުރާލީ މިހެން!

އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު ބަލި ކުރެވޭނީ ބެންގަލޫރަށް ވުރެ ވަރުގަދަ ޓެކްޓިކަލް ގޭމް ޕްލޭނެއް ބޭނުން ކޮށްގެންނެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓްގެ ސްކޮޑަށްވުރެ ބެންގަލޫރުގެ ސްކޮޑު ބޮޑެވެ. ހުނަރުގެ ގޮތުންވެސް ބެންގަލޫރުގެ ސްކޮޑުގައި ރަނގަޅު ކުޅުންތެރިން ތިއްބެވެ. މި ބުނަނީ އެ ޓީމުގެ ސްކޮޑުގެ ޖުމުލަ ޓެލެންޓަށް ބިނާ ކޮށެވެ.

ނަމަވެސް ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް، ނިއުގެ ގޭމް އަތުރާލީ، ވަކިވަކި ހުނަރަށް ވުރެ ޖަމާއީ ގޮތެއްގައި މުޅި ޓީމު މަސައްކަތް ކުރާ ގޮތަށެވެ. މެދު ކެނޑުމަކަށްފަހު ނިއުގެ ފުރަތަމަ 11 އިން ރިލްވާން ވަހީދުއަށް ފުރުސަތު ދިނީ ފްރެޝް ކުޅުންތެރިޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އޭނާ ބައެއް ފަހަރު ކުރިއަށް ޖެހިލާއިރު އެ ޖާގައަށް ޑިފެންސް ފުޅާ ކޮށްލައެވެ.

ނިއުގެ ޑިފެންސުން އެންމެ ބޮޑަށް ވިސްނައިގެން ތިބީ، ޑިފެންސަށް ވުރެ ފަހަތަށް ބެންގަލޫރުގެ އެއްވެސް ކުޅުންތެރިޔަކު ދިއުމަށް ފުރުސަތު ނުދިނުމެވެ. އެހެންވެ ބެންގަލޫރުގެ ކުރީގައި އެންމެ ކުޅުންތެރިޔަކު ހުއްޓަސް ޑިފެންސް އެކުގައި ފަހަތަށް ޖެހެ އެވެ. ޑިފެންސްގެ ފަހަތުން ބޯޅައެއް ލިބުނީ ދެ ފަހަރު އެވެ. ސްނިލް ޗެތުރީއަށް ލިބުނު ފުރަތަމަ ބޯޅަ ކީޕަރު އިމްރާން ދިފާއު ކުރި އެވެ. އަނެއް ބޯޅަ ޗެތުރީ ޖަހަޖަހައި އޮއްވައި އަމީރީ ވަނީ ބޮލުން ބޯޅައިގައި ޖަހައި ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

މެޗުގެ ކުރިން ބުރުޒޮން ބުނެފައި ވަނީ މާ މޮޅު ޕާސިން ގޭމެއް ކުޅެން އޭނާ ނުވިސްނާ ކަމަށެވެ. ނިއުގެ މެދުތެރެއަށް ކެޕްޓަން އަޝްފާގް ފައިބައި އޭނާ ވެސް ކުޅުންތެރިންނަށް ބޯޅަ ތަނަވަސް ކޮށްދެ އެވެ. އަލީ ފާސިރު (ސެންޓޭ) ފުރަތަމަ ލަނޑު ޖެހީ ޓީމުގެ ހާފު ތެރޭގައި ހުރެފައި ބެންގަލޫރުގެ ކުޅުންތެރިންގެ ބޯ މަތިން އަޝްފާގް ދިން ބޯޅައިންނެވެ.

ބެންގަލޫރު ކުޅުންތެރިން ކުޅުން ފަށައިގަތް ގޮތުން އެ މީހުން ކުޅެމުން ދިޔައީ މެޗު އެއްވަރު ކޮށްލުމުގެ ވިސްނުމުގައިކަން އެނގުނެވެ. ނިއުގެ ކުޅުންތެރިން އޮފްސައިޑް މަޅީގައި ޖައްސަން ބެންގަލޫރުގެ ޑިފެންސުން މަސައްކަތް ކުރި އެވެ. ނިއުގެ ކޯޗް ބުރުޒޮން އެކަން ވަރަށް ރަނގަޅަށް ދެނަގަތެވެ. އެހެންވެ ޓީމުގެ ދެ އަރިމަތިން މުހައްމަދު އުމޭރު އާއި ހަމްޒާ މުހައްމަދު (ހަމްޕް) ހުސް ވާނެހެން ފުރަތަމަ ހާފުގައި މަސައްކަތް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ބެންގަލޫރުން އެ ދެރު ބަންދު ކޮށްލި ނަމަވެސް އޭރު އޮތީ 2-0 ގެ ފަހަތުގަ އެވެ.

ބެންގަޅުރަށް ދިމާވި އަނެއް މައްސަލައަކީ ސަސްޕެންޝަންގެ ސަބަބުން، އެ ޓީމުގެ ކޯޗް އަލްބަޓް ރޮކާއަށް ޓީމަށް އިރުޝާދު ދޭން ބެންޗުގައި ނުހުރެވުމެވެ. މެޗު ތެރޭގައިވެސް އެހެން ގޮތަކަށް ގޭމް އަތުރާލުމަށް މާ ބޮޑު ފުރުސަތެއް އެ ޓީމަށް ނުހޯދުނެވެ.

"މިދިޔަ ދުވަސްތަކުގައި އަހަރެން ޕްރެކްޓިސް ތަކުގައި މި މޮޑެލްއަށް ތައްޔާރުވިން، ޕްރެކްޓިހުގައި އަހަންނަށް ފާހަގަ ކުރެވުނު ކަމަކީ އެކި ކުޅުންތެރިންގެ ކިބައިގައި ހުރީ އެކި ވީކްނެސް އަދި އެކި ސްޓްރެންތު،" އޭނާގެ ޕްލޭންއާ ބެހޭގޮތުން އަވަސް އާ ވާހަކަ ދައްކަމުން ބުރުޒޮން ބުންޏެވެ.

"އިންޑަވިޖުއަލް ޓެލަންޓަށް ވުރެ މުޅި ޓީމު އެކުގައި ކޮންމެ ކަމަކަށްވެސް ޓެކުލް ކުރަން، މަސައްކަތް ކުރުމޭ މި މޮޑެލް އެންމެ ރަނގަޅަށް ތަންފިޒު ކުރެވޭނީ އެކަމަކު ބައެއް ކުޅުންތެރިން ތިބޭނެ އިންޑަވިޖުއަލް ޓެލަންޓްވެސް ދައްކަން ބޭނުންވާ ކުޅުންތެރިން އެއީ މެޗެއްގައި ނަމަ އޮންނާނެ ކަމެއް، އެހެންވެ އެކަމަށްވެސް އިންޑަވިޖުއަލް ޓެލެންޓް ޝޯ ކުރަން ފުރުސަތު ދޭން އަހަރެން ބޭނުންވި."

"އަހަރެންގެ އަތުގައި މާބޮޑު ސީކްރެޓެއް ނެތް މި ކަންކަމަށް ވިސްނައިގެ މުޅި ޓީމުން މަސައްކަތް ކުރީމަ ނަތީޖާ އަހަރެމެންނަށް ލިބުނީ، ޓީމުގެ ފަހަތުގައި އޮތީ ރަނގަޅު މެނޭޖްމެންޓެއް، ބުރަކޮށް މަސައްކަތް ކުރަން ބޭނުންވާ ކުޅުންތެރިންތަކެއް މި ސްކޮޑުގައި ތިބީ."