ދުނިޔެ

ފަހު ވަގުތު އުތުރު ކޮރެއާއިން ބާންކީ މޫންގެ ދަތުރު ކެންސަލްކޮށްފި

May 20, 2015

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ދަތުރުފުޅު އެންމެ ފަހު ވަގުތު އުތުރު ކޮރެއާ އިން ކެންސަލްކޮށްފި އެވެ.

ދެކުނު ކޮރެއާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފޯރަމެއްގައި ވާހަކަދައްކަވަމުން ބާންކީ މޫން މިއަދު ވިދާޅުވީ އެންމެ ދުވަހަކަށް ވެފައި ވަނިކޮށް އުތުރު ކޮރެއާ އިން ނިންމި އެ ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށެވެ.

އުތުރު ކޮރެއާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އިއްޔެ އިއުލާންކުރެއްވުމަށް ފަހު ބާންކީ މޫން ނޫސްވެރިންނަށް ވިދާޅުވެފައިވާ ގޮތުގައި ކޮރެއާ ޕެނިންސޫލާގައި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އޭނާގެ ދަތުރުފުޅުގައި އެ ގައުމުގެ ވެރިންނަށް ބާރުއަޅުއްވާނެ އެވެ.

ބާންކީ މޫން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަން ނިންމެވީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ ކައިސޮންގް ސިނާއީ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށެވެ. އެ ދަތުރުފުޅު ކުރެއްވުނު ނަމަ، އޭނާ ވެވަޑައިގަންނަވާނީ މިދިޔަ 20 އަހަރުގެ ތެރޭގައި އުތުރު ކޮރެއާ އަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގަތް އދ. ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލަށެވެ