ހަބަރު

މޮޓޯކޭޑްގައި އުޅުއްވާ ރައީސަކަށް ތޮއްޖެހުން އިހުސާސެއް ނުވާނެ: މަހުލޫފް

މޮޓޯކޭޑްގައި އުޅުއްވާ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މާލޭގެ ތޮއްޖެހުން އިހުސާސެއް ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެއަކީ ދުނިޔޭގެ ފަސް ވަނަ އަށް ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ މީހުން އުޅޭ ކަމަށް ލިސްޓް ކޮށްފައިވާތަން ކަމަށެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި ރައީސް ޔާމީން މަޖިލީހުގެ އެކި ދާއިރާތަކަށް ކުރިމަތިލިއިރުވެސް، މާލޭގެ ދާއިރާއަކަށް ކުރިމަތި ލުމުގެ ހިތްވަރެއް ރައީސް ޔާމީންގެ ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާއި އިހުސާސްތައް ރައީސް ޔާމީން އަކަށް ނޭންގޭނެ ކަމަށެވެ. އަދި މޮޓޯކޭޑްގައި ދަތުރުކުރައްވާ ބޭފުޅަކަށް މާލޭގެ ޓްރެފިކާއި ކުނީގެ މައްސަލަތަކެއް ނުފެންނާނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ތަފްސީލީ ފޮތެއް ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިން މާލެއަކީ ދިރުމެއް ނެތް ތޮއްޖެހިފައި އޮތް ތަނެއް ކަމަށް ގަބޫލުކުރެވުނަސް މިހާރު މާލެ އޮތީ އެހެން ނޫން ކަމަށާއި މާލޭގައި މިހާރު ބިމާއި ގާޖަ އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މާލެއިން 25 ބުރީގެ އިތުރު އިމާރާތްތައް ފެންނާނެ ކަމަށެވެ. އެއީ ޖާގަ އޮތުމުން ކަމަށާއި ޖާގައަކީ ތަސައްވުރަކާ އެކު މަސައްކަތް ކުރުމުން މާލެ ފަދަ ތަނަކަށް ހޯދޭނެ ހައްލެއް ކަމަށެވެ.

މީގެ ކުރިން މާލެ ކުލަކޮށްލުމުން ސިފަ ވަނީ ވައި ނުސާފުކުރާ ކުނިގޮނޑުތަކާއި ޓްރެފިކުން ތޮށްޖެހިފައިވާ މަގުތަކަކަށް ވިޔަސް މިހާރު އެ މަންޒަރު ބަދަލުވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލެއަށް ބަލައިލި ކޮންމެ ތަނަކުން ފެންނަނީ އިތުރުވާ ޕޮލިއުޝަނާއި ޓްރެފިކް، މި ކަންކަމަކީ ތަރައްގީއާ އެކު އަންނާނެ ގޮންޖެހުންތަކެއް. އެހެން ނަމަވެސް ތަރައްގީ ގެނައުމުގެ ތެރޭން ތަސައްވުރަކާ އެކު މިކަންކަން ހައްލުކުރަން ވެސް ގޮތްތަކެއް ހޯދެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ 25 ބުރީގެ އިމާރާތް ސަރުކާރުން މިހާޜު އަޅާފައިވާއިރު މާލޭގައި އިތުރު 25 ބުރީގެ އިމާރާތް އެޅުމުގެ ހުއްދަ ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 2018 މި ރިޔާސީ އިންތިހާބާ އެކީ ﷲ ގެ ރަހުމަތުން 25 ބުރީގެ އެތައް އިމާރާތެއް ފެނިގެންދާނެ. އެއީ އެއަށް ޖާގަ އޮތީމަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް އަންނަ ނަމަ އަންނަންޖެހޭނީ ތަސައްވުރަކާ އެކު ކަމަށެވެ. އެހެންކަމުން މާޅެއަކީ މުޅި ރާއްޖޭގެ އެންމެން ދިރިއުޅޭ ތަނަކަށް ވާއިރު މާލެ ތޮއްޖެހުމަށް ހައްލު ކުރުމަށް ވެސް ހައްލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މާލެއަށް ބޭނުންވާ ހައްލު އެނގިވަޑައިގަންނަވާ ކަމަށާއި މާލޭގެ މައްސަލަތަކަށް ފަރުވާއެއް އެބް އޮތް ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.