ހަބަރު

ސިނާނަށް ޓެރަރިޒަމް ކުށް ސާބިތުކުރަން ސިއްރު 16 ހެކިވެރިން

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުކުރުމަށް ޖުމްލަ 32 ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅައިފި އެވެ. އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިއެއް ހިމެނެ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، މިއަދު ވަނީ މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. ދައުލަތުން މިއަދު ވަނީ ސިނާންގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ.

އެ ދައުވާގައި ބުނެފައިވަނީ، އަބްދުﷲ ސިނާން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އިތުރު ބަޔަކާ ބައިވެރިވެގެން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ސިނާންއަށް އެ ދައުވާ ކުރާ ކަމަށެވެ.

އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ސިނާން އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

ދައުވާ އިއްވުމުން ސިނާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ދައުވާގައި ސާފުނުވާ ކަންކަން ހުރި ކަމަށް ބުނެ ސުވާލުތަކެއް އުފައްދާފަ އެވެ. އެގޮތުން އެކެއް ފެބުރުއަރީގެ އަމުރުން ސިނާނަށް ލިބުނީ ކޮން މަންފާއެއްތޯ އަދި ސިނާން އެއްވެސް މީހަކަށް ރިޝްވަތު ދީފައިވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެއަށް ދައުލަތުގެ ފަރާތުން ޖަވާބު ދެއްވީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ އެވެ. ފަޒުނާ ސުވާލަށް ޖަވާބު ދެއްވީ ޕްރެޒެންޓޭޝަނެއްގެ އެހީގަ އެވެ. މިގޮތަށް ޕްރެޒެންޓޭޝަނެއް ޝަރީއަތުގައި މަޖިލީހުގައި އާންމުކޮށް ނުދައްކަ އެވެ. އެ ޕްރެޒެންޓޭޝަނުގައި ދައުވާކުރި ސަބަބުތަކާއި އެކެއް ފެބުރުއަރީގެ އަމުރުގައިވާ ގޯސް ބައިތަކާއި އެކަމުގައި ސިނާން ޝާމިލުވާ ގޮތްތައް ބަޔާންކުރި އެވެ.

ފަޒުނާ ވިދާޅުވީ، ސިނާނަށް އެކެއް ފެބުރުއަރީގެ އަމުރުން އޭނާ މަޖިލީހުގައި ތަމްސީލް ކުރައްވަމުން ގެންދެވި ގޮނޑި އަނބުރާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ އަމުރު ނެރެފައިވަނީ ސިނާން ރިޝްވަތު ދެއްވައިގެން ކަމަށް ދައުވާގައި ނުބުނާ ކަމަށެވެ. ސިނާނަށް ދައުވާކުރަނީ ރިޝްވަތު ހިފި ކަމަށް ކަމަށާއި ރިޝްވަތު ދިން ކަމަށް ދައުލަތުން ނުބުނާ ކަމަށެވެ.

އޭގެފަހުން ވެސް ނޫރުއްސަލާމްގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒު ކުރެއްވި އެވެ. ނަމަވެސް އެކަންކަން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސާފުކޮށް ދެއްވާ ގޮތްތަކެއް ނިންމެވި އެވެ. އެހެންވެ ސިނާން ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. ސިނާނަށް ދައުވާ ސާފުވުމުން ދައުވާއާމެދު ދެކޭ ގޮތެއް އެއްސެއްވެމުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންވެ ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް 32 ހެއްކެއް ހުށަހަޅާފަ އެވެ.

ދައުލަތުގެ ވަކީލް މުހައްމަދު ނައުޝާދު ހުށަހެޅުއްވި ހެކިތަކުގެ ތެރޭގައި 16 ސިއްރު ހެކިވެރިއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ކަޅު ފޮށި އެއް ތަނުން އަނެއް ތަނަކަށް ގެންދިޔަ މަންޒަރު ފެންނަ ސީސީޓީވީގެ ސެނެޕްސްތަކެއް ހިމެނެ އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ސިނާންއާ ދެކޮޅު ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ސިނާންއާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނޫރުއްސަލާމް އެދިވަޑައިގަތީ ސިނާންއާ މަޝްވަރާކުރުމަށްފަހު ހެކި ހުށަހަޅަން ފުރުސަތެއް ދެއްވުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތުން ވެސް ބޭނުންވާތީ އެކަމަށް ވެސް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތެއް ދެއްވާފަ އެވެ.

މިއަދުގެ އަޑުއެހުން ގާޒީ ހައިލަމް ނިންމާލެއްވީ، ވަކީލުންނާ ސިނާން ބައްދަލުކުރެއްވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ޝަކުވާކޮށްފައިވާތީ އެކަން ހައްލުކުރުމަށް ކަރެކްޝަނަލް ސާވިސްއަށް ސިޓީއެއް ފޮނުއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ވެސް އެހެން މަޖިލިސް މެންބަރުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެއީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ސީޕީ އަރީފުގެ މައްޗަށް ވެސް މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރެ އެވެ. މި ދައުވާ ސާބިތުވެއްޖަނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.